24 ޖެނުއަރީ 2021 - 08:10

ރޫޅާލިކަން ރަސްމީކޮށް ހާމަނުކޮށް އޮތް، އެކްޓަރު އިމްރާން ޚާނާއި އަވަންތިކާ މާލިކްގެ ގުޅުމުގައި ކުނި ޖެހި ދެ މީހުން ވަކިން އުޅެން ފެށީ އިމްރާން ކައިވެނީގެ ބޭރުން ސިއްރު ގުޅުމެއް ހިންގާކަން ފަޅާއެރުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުން ވަރިފަށަށް އެރި ވާހަކަ މީޑިއާތަކުގައި ދެކެވެނީ 2018 އިން ފެށިގެންނެވެ. މިކަމާ ގުޅިގެން އިމްރާން މިހާތަނަށް ހިމޭނުން ހުރި ނަމަވެސް، އަވަންތިކާ އަންނަނީ ކައިވެނީ ގުޅުމުގައި ސިއްކަ ޖެހިފައިވާ ކަމަށް ދޭހަވާ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދޭތެރެދޭތެރެއިން ދައްކަމުންނެވެ.
ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން މިހާރު އެކްޓިންއާ ވެސް ދުރަށް ގޮސްފައިވާ އިމްރާނާއި އަވަންތިކާއާ ދެމެދު މައްސަލަ ޖެހުނީ، އިމްރާން، ލޭކާ ވޮޝިންޓަން ކިޔާ މީހަކާ ބާއްވަން ފެށި ސިއްރު ގުޅުން ފަޅާއެރި ހިސާބުންނެވެ. ތަމަޅަ ބަތަލާ ލޭކާ އަކީ އިމްރާންގެ ގާތް އެކުވެރިއެއް ކަމަށްވާ ޕަބްލޯ ޗެޓަޖީގެ އަންހެނުންނެވެ. މި ދެ މީހުންގެ މެދުގައި ގުޅުންތަކެއް ހިނގަން ފެށީ ޕަބްލޯގެ ގެއަށް އިމްރާން ގޮސްއުޅުމުގެ ތެރޭގައި ކަމަށާއި ދުވަސްތަކެއް ވަންދެން އިމްރާނާއި ލޭކާއާ ދެމެދު ގުޅުންތަކެއް ކުރިއަށް ދިޔައީ ޕަބްލޯ އަށް ވެސް ރޭކާނުލައި ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް އެ ދެ މީހުންގެ ކުޅިގަނޑު އެންމެ ފަހުން ފަޅާއެރުމާ އެކު ލޭކާގެ ކައިވެނި ވެސް އޮތީ ވަރިފަށުގަ އެވެ. އެއާ އެކު އަވަންތިކާ ވަނީ އިމްރާންގެ ގެއިން ނުކުމެގެން އޭނާގެ މައިންބަފައިންގެ ގާތަށް ގޮސްފަ އެވެ. މި ގުޅުން އިމްރާން، 38، ފެށި އިރު 2011 ގައި ކުރި ކައިވެންޏަށް އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އެ ކުއްޖާ އަށް މި އަހަރު 7 އަހަރު ފުރޭނެ އެވެ.
އިމްރާނާއި އަވަންތިކާ އަކީ ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ދެ ރައްޓެހިންނެވެ. ދެ މީހުން ކައިވެނިކުރީ ވެސް ލޯބީގެ ގުޅުމެއް އޮންނަތާ އެތައް އަހަރެއް ފަހުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިމްރާންގެ ސިއްރު ފަޅާއެރި ހިސާބުން އަވަންތިކާ ގެ ދޫކޮށްލާފައި ދިއުމުން، އިމްރާން ވަނީ ފަހުން އެހެން ގެއެއް ގަނެ، އެތަނުގައި ދިރިއުޅެން ފަށައިފަ އެވެ. އަދި އޭގެ ފަހުން ދޭތެރެ ދޭތެރެ އިން އޭނާއާ ބައްދަލުކުރަން ލޭކާ އެ ގެއަށް ދާތަން ފެންނަ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.
އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާނަކީ ބޮލީވުޑަށް ނުކުތްތާ މާ ގިނަ ދުވަސްތަކެއް ނުވެ ގެއްލުނު އެކްޓަރެކެވެ. ދެހާސް އަށެއްގެ "ޖާނޭ ތޫ...ޔާ ޖާނޭ ނާ" އިން އެކްޓިން އަށް ނުކުތް އެކްޓަރުގެ އެންމެ ފަހު ފިލްމަކީ 2015 ގެ "ކައްޓީ ބައްޓީ" އެވެ.
ދާދި ފަހުން އިމްރާންގެ އެކުވެރިޔަކު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދެން ދުވަހަކު ވެސް ފިލްމު ނުކުޅޭނެ ކަމަށާއި ވަރަށް އަވަހަށް އިމްރާން ޑައިރެކްޝަނަށް ނުކުންނާނެ ކަމަށެވެ. އިމްރާން ކުރިން ކުރު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވެ އެވެ.