03 ޖޫން 2016 - 07:49

ދެވަނަ ބޮޑު ހަނގުރާމައިގެ ހާދިސާތަކެއް ދައްކުވައިދޭ ފިިލްމް "ޕާލް ހާބާ" ގައި ކުޅުނު ރޯލަށް ޑައިރެކްޓަރު މައިކަލް ބޭ އެދިގެން ވަރަށް ބޮޑަށް ހިކެން ޖެހުނު ކަމަށާއި އެކަމަކު އެކަން ކުރީ ރުހިގެން ނޫން ކަމަށް ބުނެ ބަތަލާ ކޭޓް ބެކިންސޭލް ދެއްކި ވާހަކަތަކަށް ބޭ ވަރަށް ފިނި ރައްދެއް ދީފި އެވެ.

ދަ ގްރަހަމް ނޯޓަން ޝޯގައި ބެކިންސޭލް ބުނީ 1940 ގެ އަހަރުތަކެއް ދައްކާ ފިލްމެއްގައި ނަރުހަކު އެހާ ހިކިކޮށް ދައްކަން ޖެހޭ ސަބަބެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

އަދި "ޕާލް ހާބާ" ކުޅެން ލިބުނީ ކުއްޖަކު ވިހާފައި، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ހިތަށް އެރި އެ ޒަމާނުގައި ކޮން އަންހެނަކު ބާއޭ އެހާ ހިކިކޮށް ހުންނާނީ. ހާއްސަކޮށް އެ ޒަމާނުގެ ނަރުހުން ތިބެނީ ފިލްމުގައި އަހަރެން ފެނުނު ގޮތަށް ބާއޭ ހިތަށް އެރި،" ޕާލް ހާބާގައި ނަރުހެއްގެ ރޯލް ކުޅެން ހިކެން ޖެހުމުން ކުރެވުނު އިހުސާސްތަކާ ބެހޭ ގޮތުން ބެކިންސޭލް، 42، ބުންޏެވެ.
އެހެންވެ ބޭ ޖެއްސި "ނިކަމެތި ހާލު" ގެ ސަބަބުން، އޭނާ ބޭ ސިފަ ކުރީ ވަރަށް "ގޯސް މީހެއް" ގެ ގޮތުގަ އެވެ. އެކަމަކު އެ ވާހަކަ އޭނާ ދެއްކީ ސީރިއަސްކޮށެއް ނޫނެވެ.
ބެކިންސޭލްގެ އެ ވާހަކަތަކާ ގުޅިގެން ބޭލްގެ ވެބްސައިޓްގައި އޭނާ ބުނީ "ޕާލް ހާބާ" ގައި މަސައްކަތް ކުރި ހުރިހާ ތަރިންނަކީ ޓްރޭނަރެއް ހުރެގެން މަސައްކަތް ކުރި ތަރިއެއް ކަމަށެވެ.
"އަނެއްކޮޅުން ހަމަ އެހާ ވަރަށް ގްރީން ޓީ ވެސް ބޯން ޖެހިފައި އޮތީ،" އޭނާ ބުންޏެވެ.
ބޭލް، 51، ބުނީ ބެކިންސޭލްއަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި އެހާމެ މޮޅު ބަތަލާއެއް ވެސް ކަމަށެވެ. އެހެންވެ އޭނާ ދެއްކި ވާހަކަތައް އެއީ ސީރިއަސްކޮށް ނަގަން ޖެހޭ ވަރުގެ ވާހަކައެއް ނޫން ކަމަށް ބޭލް ބުންޏެވެ.
"އޭނައަކީ އަބަދު ވެސް އޭނާ އަށް ފެންނަ ގޮތް އެއްވެސް ފޮރުވުމެއް ނެތި ހާމަ ކުރާ ބަތަލާއެއް،" ޓްރާންސްފޯމާގެ ޑައިރެކްޓަރު ބޭލް ބުންޏެވެ. "އޭނަގެ ވާހަކަތަކަށް އަހަރެން އިހުތިރާމް ކުރަން. ހިތްބަރު ކަމެއް ނެތް. އަހަރެމެންނަކީ އަަބަދު ވެސް ރައްޓެހިން."
ދެހާސް އެއް ވަނަ އަހަރު ރިލީޒް ކުރި "ޕާލް ހާބާ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން ޕާލް ހާބާ އަށް ދޭ ހަމަލާ އަށް ބިނާކޮށް ހަދާފައިވާ ވަރަށް އަސަރު ގަދަ މޮޅު ފިލްމެކެވެ.
ފިލްމުގައި ބެކިންސޭލް އާ އެކު ބެން އެފްލެކް، ޖޯޝް ހާޓްނެޓް އަދި ޖެނިފާ ގާނާ ފަދަ މަޝްހޫރު ތަރިން ފެނިގެން ދެ އެވެ.