މާފުށިން ގެއްލުނު މީހާއަށް އެއީ އާދައިގެ ދަތުރެއް!
މާފުށިން ގެއްލުނު މީހާއަށް އެއީ އާދައިގެ ދަތުރެއް!

ދަތުރަށް ފުރާ އޮޑިދޯނިފަހަރުގެ ޚަބަރެއް ނުވެގެން ހާސްކަމާ ކުރިމަތިވުމަކީ އާންމު ކަމެކެވެ. އެކަމަކު ކ. މާފުށިން އިއްޔެ ވަދާ ނުކުތް ދޯންޏެއް ގެއްލުނު ހާދިސާގައި ކަންބޮޑުވުން އިތުރުވީ އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ، އުމުރުން ދުވަސްވީ މީހަކު އެކަނި ކުރި ދަތުރަކަށްވީމަ އެވެ. އޭނާ ފުރައިގެން ދިޔަކަން އެނގުނީ ވެސް ވަދު ދޯނި ފަޅުގައި ނެތުމުން އެޔަށް ވީ ގޮތެއް ބެލުމުގެ ތެރޭގަ އެވެ.

މާފުށިން ގެއްލުނު މީހާއަށް އެއީ އާދައިގެ ދަތުރެއް!
މާފުށިން ގެއްލުނު މީހާއަށް އެއީ އާދައިގެ ދަތުރެއް!

އެކަމަކު އަހުމަދު އާދަމް މަނިކު، 81، އަށް އެއީ ހަމަ އާދައިގެ ދަތުރެކެވެ. އެކަމަކު އެއީ އެތައް އަހަރެއް ފަހުން އޭނާ ކުރި މަސްދަތުރެކެވެ.

މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު މިރޭ "މިހާރު" އަށް ވިދާޅުވީ ރިޔަލު ދޯންޏެއްގައި އަހުމަދު މަނިކު ނުކުމެ އުޅޭކަން އެނގުނީ ދޯނި ފަޅުގައި ނެތިގެން، ރަށު ތެރޭގައި އެ ވާހަކަ ދެކެވެން ފެށުމުން ކަމަށެވެ. އޭނާ ފަތިހު ފުރައިގެން ދިޔަކަން އާއިލާގެ މީހުންނަކަށް ވެސް ނޭނގެ އެވެ.

"އެ ދޯންޏަކީ މިރަށު ގެސްްޓްހައުސްއަކަށް އަންނަ ޓޫރިސްޓުން ގޮވައިގެން ސަންސެޓް ޑިނާއަށް ދާން ގެންގުޅޭ ދޯންޏެއް. ވަދާ ދުއްވާ ދޯންޏެއް ވެސްް ނޫން އާއްމުކޮށް،" އުސްމާން ވިދާޅުވި އެވެ.

އަހުމަދު މަނިކު އެ ދޯނީގައި ވަދާ ދިޔަކަން އެނގުނީ ދޯނި ގެއްލިގެން އެކި މީހުންނާ ސުވާލުކުރުމުގެ ތެރޭގައި، ފަތިހު އޭނާ ފުރިތަން ދުށް މީހަކާ ދިމާވުމުންނެވެ.

އުސްމާން ވިދާޅުވި ގޮތުގައި އަހުމަދު މަނިކު ފުރައިގެން ދިޔައީ ވަރަށް ހަމަޖެހިލައިގެން ކަމަށް ބުނެ މިއަދު ވަނީ ދަތުރުގެ ވާހަކަ ކިޔައިދީފަ އެވެ. އެނާ އަށް އެ ދަތުރުރުގައި އާދަޔާ ހިލާފުކަމެއް ނެތެވެ.

"އެެ ދޯނީގެ ވެރިމީހާ މިއަދު އަޅުގަނޑު ގާތު ބުނި ބުދަދުވަހު، އައިސް އިޝާރާތުން ވަރަށް ގިނަ ވާހަކަތަކެއް ދެއްކިއޭ، އެހެންވީމާ އޭނާ ހިތުން އެ ދޯނީގައި ފުރައިގެން އެ ދިޔައީ ހުއްދަ ވެސް ހޯދައިގެން،" އުސްމާން ވިދާޅުވި އެވެ.

އޭނާ ދިޔައީ ކާއެތިކޮޅަކާއި ބޯފެން ވެސް ހިފައިން، އަދި ފަރުމަސް ބާނަން އެމާ އަޅާނެ މަސްކޮޅަކާއި ދެތިން ނަނު ވެސް ހިފައިގެންނެވެ. އޭނާ އަކީ މާފުށި މީހުން ކިޔާ ގޮތުން ނަމަ "ރިޔަލު ބައްތެލި" ދުއްވަން ދަންނަ މީހެކެވެ. ވަރަށް ޒުވާން އުމުުރުން ފެށިގެން ވަދާ ގޮސް އުޅުނު ވެސް މީހެކެވެ. އެކަމަކު މިހެން އެކަނިމާއެކަނި ނުކުންނަ މީހެއް ނޫނެވެ.

އުސްމާނާއި ރަށުގެ އެހެން މީހުންނަށް ވެސް ބޮޑުކަމަަކަށްވީ ވާހަކަ ވެސް ނުދެއްކޭ، އަދި އަޑުވެސް ނީވޭ މީހަކު އެކަނި ދިއުމުންނެވެ. އޭނާއާ މުއާސަލާތު ކުރެވޭނެ ގޮތެއް ނެތީމަ އެވެ.

ވަދުދޯނީގައި އަހުމަދު މަނިކު ފުރައިގެން ދިޔަކަން އެނގުނީ އިއްޔެ ހެނދުނު 9:00 އެހާއިރު އެވެ. އެ ހިސާބުން ފެށިގެން ކައުންސިލާއި އާއްމުން ގުޅިގެން އޭނާ ފެނޭތޯ މަސައްކަތް ފެށި އެވެ. ސިފައިންނަށް އެންގީ މެންދުރުފަހު 2:00 ހާއިރު ވީ އިރު ވެސް ނުފެނިގެންނެވެ. އެކަމަކު ހަވީރު 5:30 ހާއިރު އޭނާ ފެނުނީ ސިފައިންނަކަށް ނޫނެވެ.

"ކައުންސިލްތައް މޮނިޓަކުރުމުގެ ދަތުރެއްގައި އަތޮޅު ލޯންޗް އޮތީ އޭރު މި ރަށުގައި. އެ ލޯންޗްގައި ދިޔަ މީހުންނަށް ދޯނި ފެނުނީ ރަންނާޅި ރިސޯޓް ކައިރިން، އޭރު އޭނާ މަސައްކަތްކުރަމުން ދިޔައީ ފަލިޖަހާފައި އެ ރިސޯޓާ ގާތްކުރެވޭތޯ،" އުސްމާން ވިދާޅުވި އެވެ.

އަހުމަދު މަނިކާ ހަވާލާދީ އޭނާ ވިދާޅުވިގޮތުގައި މާފުށީގެ ހުޅަނގުން އަށެއްކަ މޭލު ދުރަށް ދެވުނީ ވައިމަޑުވެ، އޮޔާ ދިއުމުންނެވެ. ފަލިޖަހާފައި ރަންނާޅިއާ ގާތްކުރެވޭތޯ ފަލިޖަހަން ފެށީ އިރުއޮއްސެންވާއިރަށް ރަށަށް ނުދެވޭނެކަން ޔަގީންވީމަ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އަހުމަދު މަނިކަކީ މީހުންނާ ވަރަށް ގުޅޭ، ވިސްނޭ މީހެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަރުންނާ އެކީ ބައެެއް ފަހަރު ކޮފީއަށް ވެސް ގޮސް އުޅޭ އަހުމަދު މަނިކަަކީ ރަށުގެ ކަންކަމާ ވެސް ވިސްނައި ސުވާލުކޮށް އުޅޭ، ކަންކަމުގައި ބައިވެރިވާ މީހެކެވެ.