22 ޖެނުއަރީ 2021 - 18:50

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ހަތަރު ވަނައިގައި ފުރަތަމަ ބުރު ނިންމާލައިފި އެވެ.

މެޗަށް ނުކުތްއިރު ޓީސީ އޮތީ ހަ ވަނައިގަ އެވެ. އެ ޓީމު ހަތަރަކަށް އެރީ ހަތް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް ބަލިވި ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ ހަތް މެޗުން އަށް ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ހަތް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ގްރީން ސްޓްރީޓްސް އަށް ވުރެ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ހަތަރު ވަނައިގައި ނިންމައިލެވުމަކީ ހަގީގަތުގައި ހިތްހަމަޖެހޭކަމެއް ކަމަށާއި ލީގުގެ ތާވަލަށް ބަލާއިރު މަގާމުތަކުގެ މާ ބޮޑު ފަރަގެއް ނެތް ކަމަށެވެ. މީގެ އެންމެ ބޮޑު އުފަލަކީ މެޗަކަށް ފަހު މެޗެއް ކުޅުންތެރިން ރަނގަޅުކުރަމުން އައިސް މި ބުރުގެ ފަހު މެޗުން ރަނގަޅު މޮޅަކާ އެކީ ނިންމާލުން ކަމަށް ޝާޒް ބުންޏެވެ.
"ވަރަށް މުހިއްމު ތިން ޕޮއިންޓް މި ލިބުނީ. ފުރަތަމަ ބުރު ނިންމާލިއިރު ހަތަރު ވަނައިގައި އޮތުމަކީ ޔޫތު ޓީމެއް ގޮވައިގެން ކުރެވުނު މަސައްކަތް ރަނގަޅުވުން. އެކްސްޕީރިއަންސް ކުޅުންތެރިން ނުލައި ހަގީގަތުގައި ކުރިން ވެސް ބުނިހެން މިއީ ޗެލެންޖެއް. ވަރަށް ބޮޑު ކްރެޑިޓެއް ކުޅުންތެރިންނަށް ދެން،" ޝާޒް ބުންޏެވެ.
ދެ ޓީމުން ވެސް ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. ބޮޑު ބަދަލެއް ފެނުނީ ގްރީން ސްޓްރީޓްސް އިންނެވެ. އެ ޓީމުގެ މިސްރު ޑިފެންޑަރު އެލްސައީދު ކާޑު ހަމަވުމުގެ ސަސްޕެންޝަނުގައި ހުރިއިރު، އެ ޓީމުގެ ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް ވެސް މި މެޗުގައި ނުކުޅެ އެވެ. މުނޯޒަށް އަނިޔާވީ ވޯމްއަޕްގަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގޯލު ޖަހާނެ ފުރަތަމަ ފުރުސަތުތައް ތަނަވަސްކުރީ 15 މިނިޓް ފަހުންނެވެ. ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ފޮނުވާލި ބޯޅައެއް ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބު ވަނީ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ބޮލުން ފޮނުވާލި ބޯޅަ ޓީސީގެ އަޒަރުބައިޖާން ކީޕަރު މަމަދޯފް އާޒާދް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ޓީމަށް ވެސް ލީޑުނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއްނުކުރެވުނެވެ. މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ގްރީން ސްޓްރީޓްސްގެ މުހައްމަދު ޖައިލަމް (އޮގީ) ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ޓީސީގެ ޑިފެންޑަރު އަޖުފާން މުހައްމަދު އެވެ. ޓީސީ އަށް ލަނޑު ޖަހައިދޭން އެ ޓީމުގެ ސެއިން ވިންސެންޓް ފޯވާޑް ކެސިއަސް މެލްކަމް ސްޓެވާޓް އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.
ޓީސީން ލީޑުނެގީ މެޗުގެ 65 ވަަނަ މިނިޓްގައި އައްޒާމް ޖެހި ގޯލުންނެވެ. އަރިމަތިން އިބްރާހިމް އަތީގް (އިއްބެ) ނަގައިދިން ހުރަަހަކުން އައްޒާމް މި ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. އޭނާ މި ގޯލު ޖެހީ ގްރީން ސްޓްރީޓްސްގެ ދެ ޑިފެންޑަރުން މެދުތެރޭގައި ހުރެފަ އެވެ.
ބަދަލުތަކެއް ގެނެސްގެން ގްރީން ސްޓްރީޓްސް އިން ނަތީޖާ ހަމަހަމަކުރަން މަސައްކަތްތަކެއްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ގްރީން ސްޓްރީޓްސްގެ ޒުވާން ތަރި އަބްދުﷲ ޔާމީން (ޔާން) އޭރިއާބޭރުން ފޮނުވާލި ބޯޅައެއް ޓީސީ ޑިފެންޑަރުން ބްލޮކްކުރިއިރު، ފަހުން ތަނަވަސްކުރަން މަސައްކަތްކުރި ފުރުސަތުތައް ޓީސީގެ ޑިފެންސްލައިނުން ވަނީ ހުއްޓުވައިފަ އެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށާއި މަދުވީ ގޯލެއް ކަމަށާއު ޓީސީ މޮޅުވީ ދެއްކި ހިތްވަރު ރަނގަޅުވުމުން ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ދެވުނު އެންމެ ރަނގަޅު ފައިޓެއް ދީގެން ނަތީޖާއެއް ނެރެން. މިއަދުވެސް އެގޮތަށް އެކަމަކު ގޯލެއް ނުޖެހުން މި ދިމާވި ކަމަކީ،" ނިސްތާރު ބުންޏެވެ.
ނިސްތާރު ބުނީ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އިން މެޗުތަކުގައި ބޭނުންކުރީ ޕްރެކްޓިހުގައި ރަނގަޅަށް މަސައްކަތްކުރި ކުޅުންތެރިން ކަމަށާއި އެ ޓީމުގެ ފުރަތަމަ އެގާރަ އަށް އެރުމަށް ނޫނީ ފުރުސަތު ހޯދަން ޖެހޭނީ އަމިއްލަ މަސައްކަތުން ކަމަށެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ މިރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.