އަލީ ވަހީދަށް ކުރާ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
އަލީ ވަހީދަށް ކުރާ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ކުށްތަކުގެ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އެވެ.

އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު މެންދުރު ފަށަން ހަމަޖައްސާފައި ވާއިރު، ބަދުއަޚުލާގީ މައްސަލައަކަށް ވާތީ އެ މައްސަލާގެ ޝަރީއަތް އޮންނާނީ ސިއްރުކޮށްފަ އެވެ.

އެ މައްސަލަތައް ބައްލަވަނީ ގާޒީ ހަސަން ސައީދެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދަށް އަންނާނެ އެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަށް އަލީ ވަހީދު އިންކާރު ކުރައްވަ އެވެ.