ޗެމްޕިއަން ފޭދޫ ބަލިކޮށް އޭދަފުށި ފައިނަލަށް
ޗެމްޕިއަން ފޭދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 3-2 އިން ކުރި ހޯދައި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބ. އޭދަފުށި މިއަދު ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި އޭދަފުށި ބައްދަލުކުރާނީ ދެ ވަނަ ސެމީގައި މާދަމާ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިއަދު ހަވީރު ކުޑަހުވަދޫގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އޭދަފުށީގެ ތަރިއަކަށްވީ ފޭދޫގެ ތިން ޕެނަލްޓީ މަތަކުރި ވިޔަންސާ އާއި ނިއު ރޭޑިއަންޓުގެ ކުރީގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. އޭނާ ވަނީ ފޭދޫގެ އިބްރާހިމް މަހުދީ (ކުދު އިއްބެ) އާއި އިބްރާހިމް މުހައްމަދު ދީދީ އަދި އަހުމަދު ރަޝީދުގެ ޕެނަލްޓީ މަތަކޮށްފަ އެވެ. ފޭދޫ އަށް ކާމިޔާބުވީ އިބްރާހިމް އިފާނާއި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) ގެ ޕެނަލްޓީ އެވެ.

އޭދަފުށީގެ ހަތަރު ޕެނަލްޓީގެ ތެރެއިން އަޒްމީން އަބްދުއްސައްތާރާއި އަބްދުﷲ އަބޫބަކުރު އަދި އަހުމަދު ހަނީފް ޕެނަލްޓީ ކާމިޔާބުކުރި އިރު އަހުމަދު ހުމެއިދުގެ ޕެނަލްޓީ ފޭދޫގެ ބިދޭސީ ގޯލްކީޕަރު ސީސޭ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށް މަޝްހޫރު ގިނަ ކުޅުންތެރިން ނެރެދީފައިވާ އޭދަފުށި ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ. މުބާރާތުގެ ފައިނަލަށް ނުދިޔަ ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ފޭދޫ އަށް ވަނީ މި އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބިފަ އެވެ.