ބާންލީ އިން ލިވަޕޫލްގެ ރެކޯޑް ނިމުމަކަށް ގެނެސްފި
ބާންލީ އިން ލިވަޕޫލްގެ ރެކޯޑް ނިމުމަކަށް ގެނެސްފި

ލިވަޕޫލް (ޖެނުއަރީ 22) - ބާންލީ އަތުން 1-0 އިން ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ލިވަޕޫލުން ދަމަހައްޓަމުން އައި ރެކޯޑަށް 68 މެޗަށް ފަހު ނިމުމެއް އައިސްފި އެވެ.

ލީގުގެ 16 ވަނައިގައި އޮތް ބާންލީ އެންމެ ފަހުން ލިވަޕޫލް ދަނޑުގައި މޮޅުވީ 1974 ވަނަ އަހަރު އެވެ. ލީގުގައި ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ 2017 ވަނަ އަހަރު އޭޕްރީލް މަހުގަ އެވެ.

ރޭގެ ބައްޔާ އެކު ލިވަޕޫލް ލީގުގެ ހަތަރު ވަނައިގައި އޮތީ 19 މެޗުން 34 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލާ ދެެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޔުނައިޓެޑް އެއް ވަނައިގައި އޮތީ 19 މެޗުން 40 ޕޮއިންޓާ އެކު އެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ޑިވޮކް އޮރީގީ އާއި އަލެކްސް އޮކްސްލޭޑް ޗެމްބަލެއިން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތުގައި ޑިވޮކް އޮރީގީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ދެ ވަނަ ހާފްގައި ސަލާހާއި ފިރްމީނޯ ކުޅެން އަރައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ނަގާލިއިރު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ލިވަޕޫލަށް ލަނޑެއް ނުޖެހެ އެވެ.

ފާއިތުވި އަހަރުތަކުގައި ވެސް ލިވަޕޫލް ދަނޑުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ބާންލީ ރޭގެ މެޗުން މޮޅުވި ގޯލު ޖެހީ 83 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ބާންލީގެ އެޝްލީ ބާންސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ބާންސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ލިވަޕޫލް ބަލިވެދާނެ ކަމަށް އޭނާ އަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރެވުނު މެޗެއް ކަމަށާއި ކުޅުމަށް ބަލާއިރު ލިވަޕޫލަށް މި މެޗުން މޮޅުވެވެންޖެހޭނެ ކަމަށެވެ. ނަތީޖާ ނުނެރެވޭނަމަ އަބަދުވެސް ފުޓްބޯޅަ ޓީމެއްގައި ޒިންމާނަގާނީ ކޯޗުކަމަށާއި އެ އުސޫލުން ފަހަކަށް އައިސް ލިވަޕޫލްގެ ކުޅުން ދަށްވުމުގެ ޒިންމާ އޭނާ ނަގާކަމަށް ކްލޮޕް ބުންޏެވެ.

މިއީ 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވި ފަހުން ލީގުގައި މޮޅެއް ނުލިބި އެ ޓީމުން ފަސް މެޗު ފުރިހަމަކުރަން ޖެހުނު ދެ ވަނަ ފަހަރެވެ.