22 ޖެނުއަރީ 2021 - 14:54

އިސްލާމްއާބާދު (ޖެނުއަރީ 22) - ޗައިނާ އިން ޕާކިސްތާނަށް ކޮރޯނާވައިރަހުގެ 500،000 ޑޯޒުގެ ވެކްސިން ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނަށް ހިލޭ ވެކްސިން ދޭ އިރު އެ ގައުމުން މިހާތަނަށް ވަނީ 527,146 މީހުން ޕޮޒިޓިވްވެ 11,157 މީހުން މަރުވެފަ އެވެ. ޕާކިސްތާނުން ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
"ޗައިނާ އިން ދިން 500،000 ޑޯޒުގެ ވެކްސިނަށް ޕާކިސްތާނުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ފޮރިން މިނިސްޓަރު ގުރޭޝީ ޓްވީޓް ކުރެއްވި އެވެ.
ގުރޭޝީ ކުރިން ވިދާޅުވެފައި ވަނީ ބައި މިލިއަން ޑޯޒުގެ ވެކްސިން ޖެނުއަރީ ނިމުމުގެ ކުރިން ޗައިނާ އިން ފޮނުވާނެ ކަމަށާއި އިތުރު އެއް މިލިއަން ޑޯޒް ފެބްރުއަރީ ނިމުމުގެ ކުރިން ފޮނުވައިދޭނެ ކަމަށެވެ. ޗައިނާގެ ސިނޯފާމުގެ ވެކްސިނަށް ޕާކިސްތާނުން ވަނީ ހުއްދަ ދީފަ އެވެ.
ފިލިޕީންސް، ކެމްބޯޑިއާ އަދި މިއަންމާ އިން ވެސް ވަނީ ޗައިނާ އިން ވެކްސިން ފޯރުކޮށްދޭކަން އިއުލާންކޮށްފަ އެވެ.
އަނެއްކޮޅުން އިންޑިއާ އިން ވަނީ އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށައިފަ އެވެ. އެ ގޮތުން މިދިޔަ ބުދަ ދުވަހު ވަނީ ދިވެހި ރާއްޖެ އަށް 100،000 ޑޯޒް އަދި ބޫޓާނަށް 150،000 ޑޯޒުގެ ވެކްސިން ފޮނުވައިފަ އެވެ. އޭގެ ފަހުން އިންޑިއާ އިން ވެކްސިން ފޮނުވައިދޭނީ ބަންގްލަދޭޝް، ނޭޕާލް، މިއަންމާ އަދި ސީޝެލްސް އަށެވެ. ބަންގްލަދޭޝް އަށް ދެ މިލިއަން ޑޯޒުގެ ވެކްސިން ހަދިޔާކުރާއިރު ނޭޕާލަށް ދޭނީ އެއް މިލިއަން ޑޯޒުގެ ވެކްސިނެވެ.
ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތަކަށް 20 މިލިއަން ޑޯޒުގެ ވެކްސިން ދިނުމަށް އިންޑިއާ އިން ވަނީ ނިންމައިފަ އެވެ. އޭގެ ފަހުން ލެޓިން އެމެރިކާ، އެފްރިކާ އަދި ސެންޓްރަލް އޭޝިއާގެ ގައުމުތަކަށް ވެސް އިންޑިއާ އިން ވެކްސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.