22 ޖެނުއަރީ 2021 - 00:13

ޕޫނޭ (ޖެނުއަރީ 22) - ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ އެވެ.
ހުޅަނގު އިންޑިއާގެ ޕޫނޭގައި ހުންނަ ސީރަމް އިންސްޓްޓިއުޓުގެ އިމާރާތެއްގައި ރޯވިއިރު އެއީ އަދިވެސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެކެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ތަނުން ވަނީ ބޯ ދުން އަރައިފަ އެވެ.
ސީރަމް އިންސްޓްޓިއުޓުން ބުނީ އަލިފާން ރޯވި ނަމަވެސް، ވެކްސިން އުފެއްދުމުގެ މަސައްކަތަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.
އަލިފާން ނިންވާލި ނަމަވެސް އެ ހާދިސާގައި ފަސް މީހުން މަރުވި ކަމަށް ސިޓީގެ މޭޔަރު ވިދާޅުވި އެވެ. ސީރަމް އިންސްޓްޓިއުޓުގެ ސީއީއޯ އަދާރް ޕޫނަވައްލާ ވެސް ވަނީ އެ ހާދިސާގައި ބައެއް މީހުން މަރުވި ކަމަށް ޓްވީޓެއްގައި ވިދާޅުވެފަ އެވެ.
އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ ކޮންޓްރެކްޓް ލޭބަރުންގެ ގޮތުގައި މަސްކަތް ކުރާ ބައެކެވެ. މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 2.5 މިލިއަން ރުޕީސް (34،200 ޑޮލަރު) ދޭނެ ކަމަށް ސީރަމް އިން ވަނީ ބުނެފަ އެވެ.
ކޮވިޝީލްޑުގެ ނަމުގައި އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިން އުފައްދަނީ ސީރަމް އިންސްޓްޓިއުޓުންނެވެ. ޕޫނަވައްލާ ވިދާޅުވީ އެ ބާވަތުގެ ހާދިސާއެއް ދިމާވެދާނެތީ ރިޒާވްގައި ވެސް ބައެއް އިމާރާތްތައް ހުންނާނެތީ، ވެކްސިން އުފެއްދުމަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.
އިންޑިއާ އިން ހުއްދަ ދިން ދެ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް ހިމެނެ އެވެ. ދެން ހުއްދަ ދީފައި ވަނީ ބާރަތު ބަޔޯޓެކުގެ ކޮވެކްސިންއަށެވެ.
އިންޑިއާ އިން އަމާޒު ހިފައިފައި ވަނީ ޖުލައި މަސް ނިމެންވާއިރަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގައި ވެކްސިން ދޭން ފެށި އިރު ބުދަ ދުވަހުގެ ނިޔަލަށް ވަނީ 675,000 މީހުންނަށް ވެކްސިން ދީފަ އެވެ.
ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 ޕަސެންޓް އުފައްދަނީ ސީރަމް އިންސްޓްޓިއުޓުންނެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަ ވަނަ އަހަރު އުފެއްދި ސީރަމް އިންސްޓްޓިއުޓުން އަހަރަކު 1.5 ބިލިއަން ޑޯޒުގެ ވެކްސިން، ކޮވިޑް ރޯގާގެ ކުރިން އުފައްދަ އެވެ. ސީރަމް އިން 170 ގައުމަކަށް ވެކްސިން އެކްސްޕޯޓް ކުރެ އެވެ. ޕޫނޭގެ ކެމްޕަސް ބޮޑު ކުރަން ދާދި ފަހުން ވަނީ ސީރަމް އިން ވަނީ ބިލިއަނެއްހާ ޑޮލަރު ޚަރަދުކޮށްފަ އެވެ.
އަލިފާން ރޯވެފައި ވަނީ 100 އޭކަރު (40 ހެކްޓަރު) ގެ ސަރަހައްދެއްގައި ހަދަމުންދާ އާ ފެސިލިޓީއެއްގަ އެވެ. އެ ކެމްޕަސްގައި ދަނީ ނުވަ އިމާރާތެއް ހަދަމުންނެވެ.
ސީރަމް އިންސްޓްޓިއުޓުން ވަނީ އޮކްސްފޯޑުގެ ވެކްސިންގެ 50 މިލިއަން ޑޯޒް މިހާތަނަށް އުފައްދައިފަ އެވެ. މާޗް މަހާ ހަމައަށް ދާއިރު މަހަކު 100 މިލިއަން ޑޯޒް އުފައްދާނެ ކަމަށް، ސީރަމް އިން ބުނެ އެވެ.
ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސް ޕްރޮގްރާމަށް ވެސް 200 މިލިއަން ޑޯޒްގެ ވެކްސިން ދޭނެ ކަމަށް ސީރަމް އިންސްޓްޓިއުޓުން ވަނީ ބުނެފަ އެވެ. މަދުން އާމްދަނީ ލިބޭ ގައުމުތަކުން މިހާރު ވަނީ ސީރަމް އިންސްޓްޓިއުޓުގެ އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ވެކްސިންއަށް ބަރޯސާވެފަ އެވެ.