ސުޕަ ލީގާ ދެކޮޅަށް ފީފާގެ އިންޒާރެއް
ސުޕަ ލީގާ ދެކޮޅަށް ފީފާގެ އިންޒާރެއް

ޒިއުރިކް (ޖެނުއަރީ 21) - ޔޫރަޕްގެ ވަރުގަދަ ކްލަބްތައް އަޑީގައި އޮވެގެން ސުޕަ ލީގެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުފެތުރިފައިވާއިރު، އެކަމާ ދެކޮޅަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން މިއަދު ވަރުގަދަ އިންޒާރެއް ދީފި އެވެ.

ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތަކުގެ ބައިވެރިވުން ބޮޑުކޮށް އާ ލީގެއް އުފައްދަން މަޝްވަރާކުރާކަމުގެ އަޑުތަކެއް ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ވަނީ ގަދަވެފަ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު ލިބުނީ 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން އާންމުކުރި ރިޕޯޓްތަކަކުންނެވެ. އޭރު ރިޕޯޓްކުރެވުނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ސުޕަ ލީގުގެ މަސައްކަތްތައް ވަރުގަދަކޮށް ލަސްވެގެން ދެ އަހަރު ތެރޭ ލީގު ފަށާގޮތަށެވެ..

ފީފާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕަ ލީގުގައި ބައިވެރިވާ އެއްވެސް ކްލަބެއް އެއްވެސް ފެޑެރޭޝަނަކުން އަދި ފީފާ އިން ބަލައިނުގަންނާނެ ކަމަށެވެ.

"ސުޕަ ލިގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ދުނިޔޭގެ ހަ ބައްރުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސުންގެ ސޮޔާ އެކު އާންމުކުރި ބަޔާނުގައިވެ އެވެ.

ސުޕަ ލީގާ ދެކޮޅަށް މީގެ ކުރިން ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން ވެސް ވަނީ އިންޒާރުދެއްވައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ސުޕަ ލީގާ މެދު ބަޔާނެއް ނެރެން ނިންމީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ހާލަތުން ކްލަބްތަކަށް އަރައިގަނެވުނުހާ އަވަހަކަށް ސުޕަ ލީގުގެ މަސައްކަތްތައް ފަށަން ނަން މަޝްހޫރު ބޮޑެތި ކްލަބްތަކުން ރާވަމުން އަންނަ ކަމުގެ އަޑުތައް މީޑިއާގައި ގަދަވަމުން އަންނާތީ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުބާރުނެތް ކަމުގެ މައްސަލައެއްގެ ތެރޭގައި ބާސެލޯނާގެ ރައީސްކަން ދޫކޮށްލި ޖޯސެފް މާރިއާ ބާޓޮމެއު ސްޕެއިނުގެ ޓީވީ އަކަށް އޭރު ދިން އިންޓަވިއުއެއްގައި ވަނީ ބާސެލޯނާ ހިމެނޭ ގޮތަށް ބޮޑެތި ކްލަބްތަކަކުން ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ބާސެލޯނާގެ އިތުރުން ސުޕަ ލީގުގެ ކަންތައްތަކުގައި އެންމެ ވަރުގަދަ އަށް މަސައްކަތްކުރާ އެއް ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އިނގިރޭސި މީޑިއާތަކުގެ ރިޕޯޓްތަކަށް ބަލާއިރު އިންގްލެންޑްގެ ބޮޑެތި ކްލަބްތައް ހިމެނޭ ގޮތަށް 18 ޓީމެއް ހިމެނޭ ލީގެއް ވަރަށް އަވަހަށް ވުޖޫދުވާނެ އެވެ. އެއީ ހަ ބިލިއަން ޑޮލަރުގެ އަގުހުރި ލީގެއް ކަމަށާއި އެ ލީގަށް އެންމެ ބޮޑަށް އިންވެސްޓްކުރަނީ ދުނިޔޭގެ ނަން މަޝްހޫރު ބޭންކްތަކުން ކަމަށް އެ ރިޕޯޓްތަކުގައިވެ އެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތައް ސުޕަ ލީގަކަށް ބަދަލުވާން އުޅޭ މީޑިއާ ރިޕޯޓްތައް ގިނަވަމުން އަންނައިރު، ޔުއެފާ އިން އަންނަނީ ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގެ މަޝްވަރާތަކެއް ބާއްވަމުންނެވެ. ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގެ ކަންތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ދާދި ފަހުން ޔުއެފާގެ އޮފިޝަލަކު ވަނީ މީޑިއާގައި ބުނެފަ އެވެ.

ފީފާ އިން ކޮންފެޑަރޭޝަން ކަޕްގެ ބަދަލުގައި 24 ޓީމު ހިމެނޭ ގޮތަށް ކްލަބް ވޯލްޑް ކަޕެއް ކުރިއަށްގެންދަން ނިންމާފައިވަނިކޮށް މިހާރު އެކަން މަޑުޖައްސާލަން ޖެހިފައި އޮތީ ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. ފީފާ އާއި ޔުއެފާ އިން ދެކޭ ގޮތުގައި ކްލަބް ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގެ ސަބަބުން ސުޕަ ލީގުގެ ކަންތައްތައް ހުއްޓިގެންދާނެ އެވެ.