އިންވެސްޓްމަންޓް ފޯރަމްގައި އިތުރު ދެ ޕްލެޓިނަމް ޕާޓްނަރުން ބައިވެރިވެއްޖެ
އިންވެސްޓްމަންޓް ފޯރަމްގައި އިތުރު ދެ ޕްލެޓިނަމް ޕާޓްނަރުން ބައިވެރިވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މި މަހު ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި އިތުރު ދެ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

އިންވެސްޓްމަންޓް ފޯރަމްގައި އިތުރު ދެ ޕްލެޓިނަމް ޕާޓްނަރުން ބައިވެރިވެއްޖެ
އިންވެސްޓްމަންޓް ފޯރަމްގައި އިތުރު ދެ ޕްލެޓިނަމް ޕާޓްނަރުން ބައިވެރިވެއްޖެ

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން އިން ވަނީ މިއަދު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ.

މީގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ން ވެސް ވަނީ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. އިއްޔެ އޮތް ރަސްމިއްޔާތެއްގައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދާއި އެސްބީއައިގެ ރާއްޖޭގެ ބްރާންޗުގެ ސީއީއޯ ޝަންކަރު ނާރަޔަން އެވެ.

ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ކުރިން ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ދިރާގު، އުރީދޫ، އެސްޓީއޯ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ހިމެނެ އެވެ.

މީގެ އިތުރުން، ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައިވެރިވެފައިވާއިރު، ސިލްވަ ޕާޓްނަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސާއި އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީން ވެސް ވަނީ ސޮއިކޮށްފަ އެވެ.

މި މަހުގެ 21 އިން 22 އަށް ބާއްވާ އިންވެސްޓްމަންޓް ފޯރަމަކީ އިންވެސްޓަރުން ހޯދުމުގެ އިތުރުން ބޭރުގެ ސަރުކާރުތަކާ ގުޅުން ބަދަހިވެ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ފޯރަމެކެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.