23 ޖެނުއަރީ 2021 - 09:04

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދިން 2019 ގެ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" އުފެއްދި ޑައިރެކްޓަރު އޮމަންގް ކުމާރު އަނެއްކާ ވެސް ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

ބައޮޕިކްގެ ގޮތުގައި "މޭރީ ކޮމް" އާއި "ސަރަބްޖީތު" ވެސް ގެނެސްދިން ޑައިރެކްޓަރު މި ފަހަރު ހަދަން ނިންމާފައި ވަނީ އިންޑިއާގެ ކުރީގެ ދުވުންތެރިޔާ ފައުޖާ ސިންގުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމު މިހާރު ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު ނަމަކީ "ފައުޖާ" އެވެ.
ނަމަވެސް ފިލްމުގައި ފައުޖާގެ ރޯލު ކުޅޭނެ އެކްޓަރަކު އަދި އިއުލާނެއް ނުކުރެ އެވެ.
ބާރު ދުވުންތެރިއެއްގެ ގޮތުގައި ހޯދި މަގުބޫލުކަމާ އެކު "ސިކް ސުޕަމޭން" ގެ ނަމުން މަޝްހޫރުވި ފައުޖާގެ ވާހަކަ ބޮޑު ސްކްރީނުގައި ކިޔައިދޭނީ ފައުޖާގެ ވާހަކަ ކިޔައިދިން ފޮތް "ޓާބޭންޑް ޓޮނާޑޯ" އަށް ބިނާކޮށެވެ.
އިނގިރޭސި ރަށްވެހިކަން އޮންނަ، މިހާރު އުމުރުން 109 އަހަރުގެ ފައުޖާ އަކީ ދުވުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ މީހެކެވެ. އޭނާ ދުވުމުން ރިޓަޔާކުރީ 2013 ގަ އެވެ. ފައުޖާ ހިމެނެނީ އެންމެ ދުވަސްވީ މެރަތަން އެތުލީޓުންގެ ތެރޭގަ އެވެ.
"ފައުޖާ" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އޮމަންގް ހިއްސާވާ އިރު، ރާޖް ޝާންޑަލިޔާ އާއި ކުނާލް ޝިވްދަސާނީއާ އަކީ ވެސް ފިލްމުގެ ޕްރޮޑިއުސަރުންނެވެ.
މި ފިލްމަކީ 2019 ގައި އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް" ޑައިރެކްޓްކުރި ޝާންޑަލިޔާ ޕްރޮޑިއުސްކުރާ ގޮތަށް އޮމަންގާ އެކު އިއުލާންކުރި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ކޮމެޑީއެއްގެ ގޮތުގައި ހަދާ "ޖަންނަތު މޭ ޖާރީ" އެވެ.
ބެލެވޭ ގޮތުން "ފައުޖާ" ގެނެސްދޭނީ ބަތަލާ ނުޝްރަތު ބަރޫޗާއާ އެކު ގެނެސްދޭ "ޖަންނަތު މޭ ޖާރީ" އަށް ފަހު އެވެ.
މީގެ ކުރިން ވެސް ދުވުންތެރިއްގެ ވާހަކަ ކިޔައިދިން ވަރަށް ކާމިޔާބު ފިލްމެއް ހިންދީ ސިނަމާ އަށް އައިސްފައިވެ އެވެ. އެއީ ކުރީގެ ދުވުންތެރިޔާ މިލްކާ ސިންގްގެ ރޯލު ފަރުހާން އަޚްތަރު ކުޅުނު 2013 ގެ "ބާގް މިލްކާ ބާގް" އެވެ. އެއީ އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކުރި ފިލްމެކެވެ.