ކޮވިޑުގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 50 އަށް
ކޮވިޑުގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 50 އަށް

ކޮވިޑުގައި ރާއްޖޭން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހަރަކާތްތައް ހުއްޓުމުން މިއަދު ހެނދުނު 9:50 ހާއިރު އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން 77 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެ ފިރިހެން މީހާގެ މަރާއެކު، މިދިޔަ އަހަރުގެ އޭޕްރީލް 15 އިން ފެށިގެން މާލެ ސަރަހައްދުގައި ހަލުއިކަމާއެކު ފެތުރެން ފެށި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 50 އަށް އަރައިފަ އެވެ.

ކޮވިޑު ބަލީގައި ރާއްޖެ އިން އެންމެ ފަހުން އަވަހާރަ ވެފައި ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒު ފަހުމީ އެވެ. މި މަހުގެ ހަތް ވަނަ ދުވަހު އޭނާ އަވަހާރަވީ، ލ. ގަމުގައި ހުންނަވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވުމުން މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑުގައި މަރުވި ގިނަ މީހުންނަކީ ބަލީގެ ރިސްކު ބޮޑު، އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖެ އިން ކޮވިޑު ޖެހޭ މީހުންގެ އަދަދު މީގެ ދުވަސްތަކެއް ކުރިން ވަރަށް މަތީގައި އުޅުނަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، މިހާރު ވަނީ އެ އަދަދު ދަށަށް ގޮސްފަ އެވެ. އަދި ކޮވިޑު ވެކްސިން ރާއްޖެ ގެނެސް އެ ޖަހަން ފެށުމުގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ.