ކޮވިޑަށް ކުރާ ހޭދަ ތިން ބިލިއަން ރުފިޔާ އަށް އަރަނީ
ކޮވިޑަށް ކުރާ ހޭދަ ތިން ބިލިއަން ރުފިޔާ އަށް އަރަނީ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރި ހޭދަ 2.9 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19އާ ގުޅުން ހުރި ދާއިރާތަކުގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ދާއިރާ އަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އަދި އިކޮނޮމިކް ރެސްޕޮންސްގެ ދަށުން ކުރި ހޭދަ ވަނީ 1.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޯތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެ އިދާރާ އަށް 868 މިލިއަން ރުފިޔާ ވަނީ މިހާތަނަށް ހޭދަކޮށްފަ އެވެ.

ދެ ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެއީ 321.1 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އައިޖީއެމްއެޗަށް 88.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޑިޒާސްޓާ މެނޭޖްމަންޓް ފަންޑަށް 84 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ހަފްތާ އިން ހަފްތާ އަށް ބަލާނަމަ، މިދިޔަ ހަފްތާ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށާއި އެންސްޕާ އަށެވެ. މީގެ ތެރެއިން ހެލްތު މިނިސްޓްރީން ކުރި ހޭދައިގެ ބޮޑު ބަޔަކީ ކޮވިޑާ ގުޅިގެން ކުރާ މަސައްކަތްތަކަށް މުދާ ހޯދުމަށް ކުރި ހޭދަ އެވެ. އެންސްޕާ އިން ކުރި ހޭދައަކީ އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް ކުރި ހޭދަ އެވެ.

އިކޮނޮމިކް ރެސްޕޮންސްގެ ދަށުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށެވެ. މި ލޯނުތަކަށް މިހާތަނަށް 1.15 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 227.4 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކުން ޑިސްކައުންޓުގެ ގޮތުގައި 117.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.