ވެކްސިން ބަހައްޓާފައި ހުރީ ރަައްކާތެރިކަމާ އެކު: އެޗްޕީއޭ
ވެކްސިން ބަހައްޓާފައި ހުރީ ރަައްކާތެރިކަމާ އެކު: އެޗްޕީއޭ

ރާއްޖެ އަށް އިންޑިއާ އިން އިއްޔެ ހަދިޔާކުރި 100،000 ޑޯޒް ކޮވިޝީލްޑް ވެކްސިން ބަހައްޓާފައި ހުރީ ރައްކާތެރިކަމާ އެކު ކަމަށް، އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ރަނގަޅަށް ބަހައްޓަން ޖެހޭ އެއްޗެއް ކަމުން، މި ވަގުތު އެ ރައްކާކޮށްފައި ހުރީ ކޮން ގޮތަކަށްތޯ ބައެއް ނޫސްވެރިން ގެންދަނީ އެޗްޕީއޭއާ ސުވާލުކުރަމުންނެވެ.

ކޮވިޑާ ގުޅިގެން އުފަައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ނޫސްވެރިންނާ އެކު ހަދާފައިވާ ސޯޝަލް މީޑިއާ ގްރޫޕެއްގައި ނޫސްވެރިޔަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ އެ ވެކްސިންތައް ބަލަހައްޓަމުން ގެންދަނީ "ރައްކާތެރިކޮށް" ކަމަށެވެ.

"މިހާރު ސްޓޯ ކުރެވިފައިވަނީ އެޗްޕީއޭގެ ކޯލްޑް ރޫމްގައި،" ތަހޭ ވިދާޅުވި އެވެ.

ކޮވިޝީލްޑް ބަހައްޓަން ޖެހެނީ 2-8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެކި ވެކްސިން ރައްކާތެރިކަމާ އެކު ސްޓޯކުރެވޭނެ ނިޒާމް ރާއްޖޭގައި ކުރިންސުރެ ވަނީ ގާއިމްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި އެއް ކުންފުނި ކަމަށްވާ އަސްޓްރަޒެނެކާއިން އުފެއްދި ކޮވިޝީލްޑްގެ 100،000 ޑޯޒުން 50،000 މީހުންނަށް ކޮވިޑުން ރައްކާތެރިކަން ހޯދައިދެވޭނެ އެވެ. އެއް ޑޯޒް ޖެހިޔަސް ކޮރޯނާވައިރަސްގެ ދިފާއު ހަށިގަނޑުގައި އުފެދެ އެވެ. އެކަމަކު ފުރަތަމަ ޑޯޒް ދޭތާ 4-12 ހަފުތާގެ ތެރޭގައި ދެވަނަ ޑޯޒެއް ޖެހުމުން އެ ދިފާއުގެ މިންވަރު 90 ޕަސެންޓަށް އަރާ ކަމަށް، ތަހުލީލުތަކުން ދައްކަ އެވެ.