09 ނޮވެމްބަރ 2016 - 06:36

އިންޑިޔާގެ އަވަށެއްގެ ފަޅު ހިސާބަކަށް އެއްލާލާފައި އޮތް ހަތް ދުވަސްވީ ތުއްތު ކުއްޖެއް ސަލާމަތްކުރުމުގައި ހަތަރު ކުއްތާއެއް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކޮށްފި އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުއްތާތައް އެ ކުއްޖާ ސަލާމަތް ނުކުރި ނަމަ ފުރާނަ ސަލާމަތް ނުކުރެވުނީހެވެ.
ގަސްތަކެއްގެ ތެރެއަށް އެއްލާލާފައި އޮތް ކުއްޖާ ކުއްތާތަކަށް ފެނުމުން މާބޮޑުކަމެއް ނުކޮށްދެވުނު ނަމަވެސް އެ ކުއްޖާގެ ވަށައިގެން ކުއްތާތައް އިށީނދެގެން ތިބީ އެވެ. އަދި މީހަކަށް ކުއްޖާ ފެނިގެން ނަގަންދެން، ކާޅާއި އެހެން ދިރޭ އެއްޗެހި ކުއްޖާ އަށް ގޯނާކުރިޔަ ނުދީ ބެލެހެއްޓީ ހަތަރު ކުއްތާ އެވެ.
ކުއްތާތައް މިކަން ކުރި ގޮތުން އެހިސާބުގަނޑުގެ މީހުން ވެސް ވަނީ ހައިރާންވެފަ އެވެ. އަދި ކުއްތާ އަކީ ހަގީގަތުގައި ވެސް ވަރަށް ވަފާތެރި އެއްޗެއްކަން ސާބިތުކޮށްދީފިކަމަށް އެމީހުން ބުންޏެވެ.
ކުއްޖާ ފެނުނީ ހޮނިހިރު ދުވަހު ހެނދުނު އުލްހާސް ޗައުދަރީ ކިޔާ ސްކޫލް ޓީޗަރަކު، މަގު ކުރުކޮށްލުމުގެ ގޮތުން ގޭގެ ކައިރީގައިވާ ގަސްތަކެއް ތެރެއިން ދަނިކޮށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުޑަ ކުއްޖަކު ރޯ އަޑު އޭނާއަށް އިވުނެވެ. އޭނާ ގަސްތައް ހާވާ ހޯދަން ފެށި އެވެ. މިގޮތަށް ހޯދަމުން ދަނިކޮށް ކުއްތާތަކެއް ކޮންމެވެސް އެއްޗެއްގެ ވަށާލައިގެން އުޅެނިކޮށް އޭނާއަށް ފެނުނެވެ.
އޭނާ ހިސާބަށް ދިޔައިރު ފެނުނީ ބިންމަތީގައި އޮތް ތުއްތު ކުއްޖެއްގެ ވަށައިގެން ކުއްތާތައް ފޯރިމަރަން ހިނގާ މަންޒަރެވެ. ތުއްތު ކުއްޖާ އޮތީ ކުލަފަނޑުވެފައިވާ ފިޔާތޮށިކުލައިގެ ފޮތިގަނޑަކަށް ލައި އޮޅާލައިފަ އެވެ.
އުލްހާސް ފެނުމާ އެކު ކުއްތާތައް ނަގޫ ތަޅުވަން ފެށި އެވެ. އަދި ވަރަށް ބާރަށް ގޮވަމުން ކުއްޖާގެ ކައިރީގައި ބަނޑުޖަހާލައިގެން އިށީނެވެ.
އުލްހާސް ބުނެފައިވާ ގޮތުގައި އަވަށުގެ މީހުންނަށް މި ޚަބަރު ދިނުމުން އެތައް ބަޔަކު ޖަމާވެ ކުއްޖާ އަށް ބުއްފުޅި ޖެއްސި އެވެ. އަދި ބުއްފުޅި ދިނުމާ އެކު ރުއިން ހުއްޓާލި ކަމަށްވެ އެވެ.
ޗައުދަރީ ބުނި ގޮތުގައިކުއްޖާ ގެންދިޔަ ގެއަށް ވެސް ކުއްތާތައް ފަހަތުން ދިޔަ އެވެ. ފަހުން ފުލުހުންނަށް ގުޅައި އެ މީހުންނާ ކުއްޖާ ހަވާލުކުރީ އެވެ.
ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައިވަނީ ކުއްޖާއަށް ވީ ހަތް ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތެއް ކަމަށާއި ބަރުދަނުގައި 2.8 ކިލޯ ހުރި ކަމަށެވެ. ކުއްޖާ ކުޑަކޮށް ރީނދޫވެފައި އޮތް ނަމަވެސް އާދައިގެ ގޮތަކަށް ކުއްޖާގެ ހާލަތު ރަނގަޅެވެ.
ކުއްޖާއަށް ޗައުދަރީ ދިންނަމަކީ ސާނިއާ އެވެ. ސަބަބަކީ އެ ކުއްޖާ ސަލާމަތްވީ ހޮނިހިރު ދުވަހަކަށް ކަމަށްވާތީ ހިންދީ ބަހުން ހޮނިހިރު ދުވަހަކީ ޝަނީވާރު އަށް ވާތީ އެވެ.
މިހާރު ކުއްޖާ އޮތީ އެހިސާބުގަނޑުގައި ހުންނަ އެޑޮޕްޝަން ސެންޓަރެއްގަ އެވެ.
ބްރެޒީލްގައި ވެސް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ފަހަރު ވިހޭ ގޮތަށް ފޫޅުދަނޑިއާ ވެސް އެކު ތުއްތުކުއްޖެއް އެއްލާލާފައި އޮތީ ކުނިގޮނޑަށެވެ. ކުނިގޮނޑުތެރޭން ކުއްތާ އެ ކުއްޖާ ހޯދައިގެން ގެންގޮސް އެންމެ ކައިރީގައި ހުރި ގޭގެ ތެރޭގައި ބޭއްވީ އެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ބެލުމާ ހަވާލުވީ އެ ގޭގެ މީހުން ކަމަށް އެ ގައުމުގެ ނޫހެއްކަމަށްވާ ލައިފްނިއުސްގައި ބުނެފައިވެ އެވެ.