21 ޖެނުއަރީ 2021 - 13:05

ކޯޓުތަކުން ކުރާ ހުކުމްތައް ކޮންމެ ދުވަހަކު ގަވާއިދުން އާންމު ކުރަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިދިިޔަ ހޯމަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ކޮންމެ ކޯޓަކުން ވެސް އެ ދުވަހަކު އިއްވާ ހުކުމްތައް އެ ކޯޓެއްގެ ވެބްސައިޓްގައި ފަނޑިޔާރުގެ ސޮޔާ އެކު، އާންމުކުރަން ޖެހޭނެ ކަމަށެވެ. އަދި މައްސަލާގައި ހިމެނޭ ފަރާތްތަކަށް ހުކުމްތަކުގެ އަސްލެއް އެ ދުވަހުން އެ ދުވަހަށް ހަވާލު ކުރަން ޖެހޭނެ ކަމަށާއި އަދި ކޯޓުތަކުގެ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި މައްސަލަތައް ނިންމި ގޮތުގެ ފުރިހަމަ ރިޕޯޓް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް އެ ޑައިރެކްޝަންގައިވެ އެވެ.
މީގެ އިތުރުން ހުކުމުގައި ލިޔުމުގެ ކުށެއް ނުވަތަ ހިސާބު އަދަދެއްގައި އޮޅުމެއް ހުންނަ ހާލަތުގައި އެކަމެއް އިސްލާހު ކުރުން ފިޔަވައި، އިތުރު ބަދަލެއް ހުކުމަކަށް ނުގެނައުމަށާއިި އަދި ކޮންމެހެން ގެންނަ ބަދަލެއް ގެންނަން ވާނީ މައްސަލައިގެ ދެ ފަރާތް ނުވަތަ ދެ ފަރާތުގެ ވަކީލުން ހާޒިރުގައި ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ. އަދި ހުކުމް އިސްލާހު ކޮށްފި ނަމަ، އެކަން އެނގޭނެ ނޯޓެއް ތައްޔާރުކުރަން އަންގާފައިވެ އެވެ.
ހުކުމްތަކުގައި އެ ދުުވަހުން އެ ދުވަހަށް ސޮއިކުރަން ވެސް ސުޕްރީމް ކޯޓުން އަންގާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ޑައިރެކްޝަންގައި ވަނީ އެގޮތަށް އެންގީ ފަނޑިޔާރުން ވަކިވުމުން ނުވަތަ ސަސްޕެންޑް ކުރާއިރު، ހުކުމްތަކުގައި ސޮއި ނުކުރެވި ހުންނަ މައްސަލަތައް ދިމާވަމުން އަންނާތީ ކަމަށެވެ.