21 ޖެނުއަރީ 2021 - 13:20

ސްޕީޑް ފެރީގެ ހިދުމަތް ދެމުން އަންނަ ހޯޕް ޓްރެވަލްސް އިން ގަލްފް ކްރާފްޓުގެ އެންމެ ފަހުގެ މޮޑެލް "ސިލްވާ ކެޓް 34" ބޭނުންކުރަން ފަށައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި "ސިލްވާ ކެޓް 34" ވަނީ އާއްމުންނަށް ދައްކާލައިފަ އެވެ.
މި ލޯންޗަކީ އެންމެ ފަހުގެ ފްލައިޓް ސީޓު ހުންނަ، ފަސޭހައިން ސީޓް އެޖެސްޓް ކޮށްލެވޭ ގޮތަށް ޑިޒައިން ލޯންޗެކެވެ. ފޯނު ވެސް ޗާޖުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލޯންޗަކީ 27 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
ހޯޕް ޓްރެވަލްސް އިން އަންނަނީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ 32 ރަށަކަށް ސްޕީޑް ފެރީގެ ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި ހދ. ށ. ނ. އަދި ޅ. އަތޮޅު ހިމެނެ އެވެ. މިއަދުން ފެށިން މި ދަތުރުތަކުގައި ގަލްފް ކްރާފްޓުގެ އާ މޮޑެލް ވެސް ބޭނުން ކުރާނެ އެވެ.
އެ ކުންފުނީގެ ދަތުރުތަކުގައި މުޅިން ވެސް ބޭނުން ކުރަނީ ގަލްފް ކްރާފްޓުގެ އެންމެ ފަހުގެ މޮޑެލްތަކެވެ. މީގެ ތެރޭގައި 27 މީހުންގެ ޖާގައިގެ ލޯންޗާއި 50 މީހުންގެ ޖާގައިގެ ލޯންޗުގެ އިތުރުން 60 މީހުންގެ ޖާގައިގެ ލޯންޗުތައް ހިމެނެ އެވެ.
ހޯޕް ޓްރެވަލްސްގެ އޮފިޝަލަކު ބުނީ އެ ކުންފުނިން ބޭނުން ވަނީ ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތްތައް ދިނުން ކަމަށެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ލޯންޗުތައް ބޭނުން ކުރުމުން ކަސްޓަމަރުންގެ ދަތުރުތައް އިތުރަށް ފުރިހަމަވާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ ދިގު ރާސްތާ ދަތުރުތަކަށް އެންމެ ފުރިހަމަ ލޯންޗެއް. ފޯނު ޗާޖު ކުރުމާއި ލޯންޗު ޓްރެކް ކުރުމުގެ ހިދުމަތް ވެސް ލިބޭނެ. އަޅުގަނޑުމެން މިދަނީ މި އަހަރުގެ ތެރޭ އިތުރު ލޯންޗުތައް ވެސް މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުން،" އޮފިޝަލު ބުންޏެވެ.
މީގެ އިތުރުން މި އަހަރު ރިސޯޓު ދާއިރާ އަށް ހާއްސަކޮށްގެން ގެސްޓް ޓްރާންސްފާގެ ހިދުމަތް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހޯޕް ޓްރެވަލްސް އިން ބުންޏެވެ. އަދި މި އަހަރުގެ ތެރޭގައި ޓިކެޓު ނެގުމަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯޕް ޓްރެވަލްސް އިން ދަތުރު ކުރަން ބޭނުންވާ މީހުންނަށް 9970247, 9970175, 9970191 އަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.