ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަތީ ތައުލީމުގެ ލޯނުތަކުން ހާއްސަ ޖާގައެއް ހަމަޖައްސައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަތީ ތައުލީމުގެ ލޯނުތަކުން ހާއްސަ ޖާގައެއް ހަމަޖައްސައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުތަކުން ހާއްސަ ޖާގައެއް ދޭން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް ދޫކުރާ ލޯނުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް ހުށަހަޅަން ޝައުގުވެރިވާ މީހުން ޖެންޑާ މިނިސްޓްރީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރުކުރަން އެދިފަ އެވެ.

އެ މިނިސްޓްރީން ބުނީ މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް މިދިޔަ އަހަރު ހުޅުވާލި ލޯނުގެ ފުރުސަތަށް ވެސް ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރެއިން މައިގަނޑު އެންމެ ބޮޑު ބަދަލަކީ، ލޯނު ދޭއިރު މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް އިސްކަންދިނުމެވެ. އޭގެ އިތުރުން އިދާރީ ދާއިރާތައް ބަހާލާފައިވާ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް، ފުރުސަތެއް ކަނޑައެޅި އެވެ.

އެންމެ ފަހުން ހުޅުވާލީ ލޯނުގެ ބުރަށް 151 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ އެކި ފުރުސަތުތަކަށް މި އަހަރުގެ ބަޖެޓުން 551 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެ އެވެ. އެއީ ލޯން ސްކީމާއި ހިލޭ ޑިގްރީގެ އިތުރުން ސްކޮލަޝިޕްތަކަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީ ޕްރޮގްރާމުގައި 8،000 އެއްހާ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެ ސްކީމުގެ ދަށުން ކޯސް ފީގެ 100 ޕަސެންޓް ހިލޭ ވަނީ ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ.

އަމިއްލަ ކޮލެޖުތަކަށް ސަރުކާރުން ދެނީ ކޯސް ފީގެ ވަކި ވަރެކެވެ. ބާކީ ބައި ދައްކަންޖެހޭނީ ދަރިވަރު އަމިއްލައަށެވެ.