22 ޖެނުއަރީ 2021 - 10:28

ނެޓްފްލިކްސްގެ ކޮންޓެންޓްތައް ބަލަން ބްރައުޒްކުރުމުގެ ބަދަލުގައި "ޝަފްލް" ފީޗާ އާންމުކުރަން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ބައެއް ކަސްޓަމަރުންގެ ތެރޭގައި ޓެސްޓް ކުރަމުން އަންނަ މި ފީޗާ އަކީ އާންމުކޮށް މި ބޭނުންކުރާ "ޝަފްލް" އެއް ނޫނެވެ. މި ފީޗާ މަސައްކަތްކުރާނެ ގޮތަކީ ނެޓްފްލިކްސްގެ އެޕަށް ވަނުމުން ބަޓަނެއްގެ ގޮތުގައި ފެންނަން އިންނަ ފީޗާ އަށް ފިތާލުމުން އެ މީހަކު އާންމުކޮށް ބަލާ ކޮންޓެންޓާ އެންމެ ގާތްކުރާ ކޮންޓެންޓްތަކާ ދިމާއަށް ގެންގޮސްދިނުމެވެ. ވައްތަރު އާ ކޮންޓެންޓަކީ ކޮބައިކަން މި ފީޗާ އިން އަންގައިދޭނެ އެވެ. އަދި އެއްޗަކާ މެދު ކަސްޓަމަރު ހިތްހަމަނުޖެހޭ ނަމަ އެ ސްކިޕްކޮށްލައި، އެހެން ކޮންޓެންޓަކަށް ދާން އޮޕްޝަނެއް ވެސް އިންނާނެ އެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި މިފަދަ ފީޗާއެއް ތައާރަފުކުރަން ނިންމި އެއް ސަބަބަކީ ގިނަ އަދަދެއްގެ ބަޔަކު އެ ޕްލެޓްފޯމް މުޅިން އަލަށް ބޭނުންކުރަން ފަށާފައިވާތީ އެފަދަ މީހުން ބަލާނެ ކޮންޓެންޓްތައް ހޯދުމުގައި ފަސޭހަކޮށް ދިނުމެވެ.
މިހާރު ޓެސްޓިން މަރުހަލާގައި އޮތް ފީޗާ، އަހަރު ދެބައިވުމުގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަދާނެ ކަމަށް، އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމުން ބުންޏެވެ.
"އާ ފީޗާގެ ޓެސްޓް މަރުހަލާގެ ތެރެއިން ވެސް މިއީ ވަރަށް ބޭނުންތެރި ފީޗާއެއްކަން މިހާރު ވަނީ ޔަގީންކުރެވިފައި. އެހެންވީމާ ބޭނުންކުރަން އިތުރަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ފީޗާ އެންމެންނަށް ދޫކޮށްލަން އަހަރެމެން ނިންމާފައި ވަނީ،" ނެޓްފްލިކްސްގެ ޗީފް އޮޕަރޭޓިން އެންޑް ޕްރޮޑަކްޓް އޮފިސަރު (ސީއޯއޯ) ގްރެގް ޕީޓާޒް ވިދާޅުވި އެވެ.
އާ ފީޗާއެއް ކިޔާނެ ނަމެއް ރަސްމީކޮށް އަދި ނުނިންމަ އެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފަހަރުގައި ފީޗާ އަށް "ޕްލޭ ސަމްތިން" ނުވަތަ ޝަފްލް ޕްލޭ" ވެސް ކިޔައިފާނެ އެވެ. އަދި މިކަމާ ސަމާސާކުރައްވައި ނެޓްފްލިކްސްގެ ސީއިއޯ ރީޑް ހެޒްޓިންގްސް ވިދާޅުވީ ފަހަރުގައި އާ ފީޗާ އަކީ "އައި އޭމް ފީލިން ލަކީ" އަށް ވެސް ވެދާނެ ކަމަށެވެ.
"އެކަމަކު ދެން ހިނގާ ފީޗާ އާންމުކުރާނެ އިރަކަށް އިންތިޒާރުކުރަމާ." އޭނާ ވިދާޅުވި އެވެ.
ކޮންޓެންޓް އެންމެ މުއްސަނދި ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 203 މިލިއަނަށް ވުރެ ގިނަ އެވެ. މިދިޔަ އަހަރު އަލަށް އެއާ ގުޅުނު މީހުންގެ އަދަދު 37 މިލިއަނަށް އަރަ އެވެ.