މާހަލް ޓުއާސްއަށް ހައި ކޯޓުން ވެސް އެންގީ އެންޓްރެކަށް ފައިސާ ދައްކަން
މާހަލް ޓުއާސްއަށް ހައި ކޯޓުން ވެސް އެންގީ އެންޓްރެކަށް ފައިސާ ދައްކަން

ގިނަ ކުންފުނިތަކަކަށް އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގާކަމުގެ ތުހުމަތު އެޅިފައިވާ މާހަލް ޓުއާސް އިން އެންޓްރެކް މޯލްޑިވްސް އަށް 670،000 ޑޮލަރު (10.3 މިލިއަން ރުފިޔާ) ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓު ސަބްލީޒް ކުރަން މާހަލްއާ އެކު އެންޓްރެކް މޯލްޑިވްސް ވާހަކަ ދައްކަމުން ދިޔަ އިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އެންޓްރެކް މޯލްޑިވްސް އިން ވަނީ 700،000 ޑޮލަރު ދީފަ އެވެ. އެކަމަކު މާހަލްއިން އެންމެ ފަހު ވަގުތު ނިންމީ އެންޓްރެކްއަށް ރިހިވެލި ހިންގަން ނުދޭ ގޮތަށެވެ.

އެންޓްރެކް އިން ސިވިލް ކޯޓަށް 2018 ގައި މައްސަލަ ވެއްދީ އެ ފައިސާ އާއި ރިސޯޓް ނުލިބުމުގެ ސަބަބުން ވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގަ 490،000 ޑޮލަަރާ އެކު ޖުމްލަ 1.1 މިލިއަން ޑޮލަރު، މާހަލް އަތުން ހޯދާށެވެ. އެކަމަކު ސިވިލް ކޯޓުން 2019 ގައި ހުކުމްކުރީ ހަތް ލައްކަ ޑޮލަރުގެ ތެރެއިން މާހަލް އިން އެންޓްރެކަށް މިހާތަނަށް ދެއްކި 30،000 ޑޮލަރު އުނިކުރުމަށް ފަހު ބާކީވާ 670،000 ޑޮލަރު ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ރިހިވެލި ރިސޯޓަކީ 1979 ގައި، އަލީ ޔޫސުފް، މަޝްހޫރު ނަމުން ނަމަ ދޮންއަލިފުޅު އުފެއްދެވި މާހަލް ޓުއާސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ރަށެކެވެ. މިހާރު ވަރަށް ބޮޑު އާލާސްކަންފުޅެއްގައި އޮންނެވި ދޮންއަލިފުޅު ވަނީ އޭނާގެ 11 ބޭފުޅުންނަށް ކުންފުނީގެ 30 ޕަސެންޓް ހިއްސާ ދެއްވައިފަ އެވެ. ނަމަވެސް އޭނާގެ 70 ޕަސެންޓް ހިއްސާ އެހެން އެއްވެސް ހިއްސާދާރަކަށް އެނގުމެއް ނެތި، އެ އާއިލާގެ ހުސެއިން ޝިހާމާއި މުހައްމަދު ޝިހާމް (ޓާކޫރޭ)ގެ ނަމަށް ބަދަލުކޮށް ކުންފުނީގެ މެޖޯރިޓީ ހިއްސާ ނެގި މައްސަލައެއް، އާއިލާގެ ހަ ބޭފުޅަކު ވަނީ، ހުސެއިން އާއި މުހައްމަދާ ދެކޮޅަށް ހުށައަޅުއްވައިފަ އެވެ.

މިހާރު މާހަލްއާ މައްސަލަ ޖެހިގެން އުޅެނީ އެންމެ ފަހުން އެ ރަށް ހިންގަން ހަވާލުކުރި ސޭވް ދަ ޑްރީމްސްއާ އެވެ. ރިހިވެލީގައި އާންމުކޮށް ޗުއްޓީ ހޭދަކުރާ ފްރާންސްގެ އެތައް ބަޔަކު ގުޅިގެން ހަދާފައިވާ ސޭވް ދަ ޑްރީމްސްގެ އަތުން ރަށް އަތުލަން ވެސް، ހުސެއިން އާއި އަހުމަދު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ރިހިވެލި ހިމެނެނީ ފައިސާގެ މައްސަލަތައް އެންމެ ބޮޑު އެއް ރިސޯޓްގެ ގޮތުގަ އެވެ. އެކި ފަހަރު މަތިން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ވެސް އެ ރަށް ރަނގަޅަށް ހިންގޭ ގޮތެއް ނުވެ އެވެ.

މީގެ ކުރިން "މިހާރު"އާ ވާހަކަދައްކަވަމުން މާހަލްގެ ހިއްސާދާރަކު ވިދާޅުވީ ކުންފުނީގެ އަސާސީ ގަވައިދު ބުނާ ގޮތުން، ކުންފުނީގެ ހިއްސާ އޮންނާނީ އާއިލާގެ ހުރިހާ މެމްބަރުންނަށް އެއްވަރަކަށެވެ. އަދި އަސާސީ ގަވައިދާ އެއްގޮތަށް ކުންފުނި ހިންގަމުން ނުދާތީ ބޯޑު ބައްދަލުވުންތައް ވެސް ނުބާއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މާހަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ޓާކޫރޭއަށް، ނުހުންނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.