22 ޖެނުއަރީ 2021 - 10:34

ކުރިން މި މަހުގެ 19 ގައި ނެރެން ނިންމި ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ބައޮގްރަފީ "އަންފިނިޝްޑް" ނެރޭ ތާރީހަކަށް އަންނަ މަހުގެ 9 ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އޭގެ ކަވަރު ދައްކާލައި، ޕްރި-އޯޑަރަށް ވެސް އޮތީ ހުޅުވާލައިފަ އެވެ. "އަންފިނިޝްޑް" އަންނަ މަހުގެ 9 ގައި ނެރެން ނިންމާފައިވާތީ ފޮތުގެ ވާޗުއަލް ޓުއާތަކެއް ހާއްސަ މެހުމާނުންތަކެއް ބައިވެރިކޮށްގެން 9-11 އަށް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.
މި ވާހަކަ ޕްރިޔަންކާ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވާ އިރު، ވާޗުއަލް ޓުއާގެ ދެ ވަނަ ދުވަހު އޭނާގެ ފިރިމީހާ އެކްޓަރު/މިއުޒިޝަން ނިކް ޖޯނަސް ވެސް ބައިވެރިވާނެ އެވެ.
ދެހާސް އަށާރައިގައި އިއުލާންކުރި ޕްރިޔަންކާގެ ބައޮގްރަފީ "އަންފިނިޝްޑް" އޭނާގެ ހަޔާތުގެ މުހިއްމު ގިނަ ސޮފުހާތައް ކިޔުންތެރިންނަށް ސިފަކޮށްދޭނެ އެވެ. ހާއްސަކޮށް 2000 ވަނަ އަހަރުގެ މިސް ވޯލްޑް ތާޖު ހާސިލުކުރުމަށް ފަހު، ފިލްމީ ދުނިޔެ އަށް ނުކުތް ފަހުން އޭނާގެ ހަޔާތަށް އައި ބަދަލުތަކާއި ކާމިޔާބީތަކާއި ދުނިޔޭގެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ޕްރިޔަންކާގެ ނަން ހިމެނިގެން ދިޔަ ގޮތް ފޮތުގައި ކިޔައިދީފައި ހުންނާނެ އެވެ.
"އަންފިނިޝްޑް" ނެރެނީ ނެރޭނީ އެމެރިކާގެ ޕަބްލިޝިން ހައުސް ޕެންގްއިން ރޭމްޑަމް ހައުސް އާއި ބެލެންޓައިން ބުކްސްގެ ތައްގަނޑުގަ އެވެ.
ފޮތް ނެރޭ ދުވަސް ކައިރިވަމުން އަންނަ އިރު، ޕްރިޔަންކާ ވަނީ "އަންފިނިޝްޑް" ކޮޕީއެއް އޭނާ އަށް ފުރަތަމަ ފެނުނު ވަގުތު ކުރެވުނު އިހުސާސްތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ދެހާސް ފަނަރައިގެ ފަހުން ހޮލީވުޑްގައި ވެސް މަސައްކަތްކުރަމުން އަންނަ ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ނެޓްފްލިކްސް އިން ގެނެސްދިން "ދަ ވައިޓް ޓައިގާ" އެވެ.