ހަނދާނުން ފޮހެލެވެން ނެތް ދެ ހިދުމަތްތެރިއެއް
ހަނދާނުން ފޮހެލެވެން ނެތް ދެ ހިދުމަތްތެރިއެއް

އިއްޔެ އަކީ ރާއްޖޭގެ ތާރީހުގެ މުހިންމު ދުވަހެކެވެ. ވެރިރަށް މާލޭގެ ފެން ބޭނުންނުކުރެވޭ ހާލަތަށް ދިއުމާ އެކު ރައްޔިތުން ފެނަށް ޖެހުމުން ސަލާމަތްކޮށްދިންތާ 25 އަހަރު ފުރުނު ދުވަހެވެ. ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އުފައްދައިި، ގޭގެއަށް ފެން ފޯރުކޮށްދިނުން ފެށީ ޖެނުއަރީ 20، 1996ގަ އެވެ. މި ތާރީހީ ދުވަސް އައިއިރު، އެމްޑަބްލިޔުއެސްސީއަށް ވަރަށް މުހިންމު ދެ ބޭފުޅަކު ނެތުމުގެ އުނިކަން އެބަ އޮތެވެ: މުހައްމަދު ރަޝީދު އާއި މުހައްމަދު ޝާފިއުއަކީ އެ ކުންފުނި އުފެދުނު އިރު އެންމެ ފުރަތަމަ ނެގި ދިވެހި މުވަައްޒަފުންގެ ތެރެއިން މުހިންމު ދެ ބޭފުޅުންނެވެ. މީގެ ތެރެއިން ރަޝީދަކީ ރާއްޖޭގެ ފެނުގެ ކަންކަމައި އަމަލީ ގޮތުން އެންމެ ގިނަ ދުވަހު އުޅުއްވި، އެއް ތަޖުރިބާކާރެވެ. ތިރީގައި އެވަނީ، ތާރީހަށްޓަކައި އެ ދެ ބޭފުޅުންގެ ކުރު ތައާރަފެކެވެ.

ހަނދާނުން ފޮހެލެވެން ނެތް ދެ ހިދުމަތްތެރިއެއް
ހަނދާނުން ފޮހެލެވެން ނެތް ދެ ހިދުމަތްތެރިއެއް

އެއީ 1985 އެވެ. ސޭވް ދަ ޗިލްރަންސްގެ އެހީގައި ރަށްރަށުގައި ފެން ތާނގީ ހަދަން ހިންގި މަޝްރޫއުގެ ބައެއްގެ ގޮތުން މުހައްމަދު ރަޝީދު ހއ. ދިއްދުއަށް ވަޑައިގަތެވެ. އޭނާއަށް ޖެހިވަޑައިގެންފައި އޮތީ، އަތޮޅުގެ ވެރިރަށް ދިއްދުއަށް ހއ.ގެ އެކި ރަށްރަށުން މީހުން ގެނެސް، ސިމެންތި ބޭނުންކޮށްގެން ފެން ތާނގީ ހަދާނެ ގޮތް ދަސްކޮށްދެއްވުމެވެ.

މާލޭގެ ސަލްޓަން ޕާކްގައި ގުރާ ގެންގުޅުނު އިރު، ވައްކޮށް ހުރި ބޮޑު ގުރާ ކޮށީގެ ބައްޓަމަށް ފެން ތާނގީގެ އޮނިގަނޑު ދަގަނޑުން އޭނާ ހެއްދެވި އިރު، އަހުމަދު މޫސާ (އަމްސާ) ކައިރީގައި ހުންނެވި އެވެ. އޭރު އަމްސާ އަކީ، ރާއްޖޭގެ ފެނުގެ ކަންކަން ބަލަހައްޓަމުން ދިޔަ ސަރުކާރުގެ އިދާރާ، އެމްޑަބްލިޔުއެސްއޭގެ ލެބޯރަޓަރީގައި ފެނުގެ ކޮލިޓީ ބަލަހައްޓަވަމުން ގެންދެވި ބޭފުޅެކެވެ. ދިއްދުއަށް އޭނާ ވަޑައިގަތީ ރަޝީދުގެ އަރިހުގައި އޭނާގެ އެހީތެރިއެއްގެ ގޮތުގަ އެވެ.

"އެ އެންމެންނަށް ރަޝީދު ވަރަށް ތަފުސީލުކޮށް ކިޔައިދެއްވި، ނަރު އޮޅާނެ ގޮތް. ކޮށީގެ އެތެރޭގައި ހުންނަވައިގެން އޭނާ އެކަން ކުރައްވަމުން، ދައްކަވަމުން ގެންދެވީ،" އަމްސާ ވިދާޅުވި އެވެ.

އެކަން ނިންމަވާފައި ދެން އޮތީ ތާނގީތައް ހަދަން ބޭނުންކުރާ ސިމެންތި އާއި ވެލި އެއްކުރާނެ ގޮތް ދަސްކޮށްދެއްވުމެވެ. އެކަން އެންމެންނަށް ދެއްކެވީ، އަމިއްލައަށް ސިމެންތި ގަށައިގެންނެވެ.

ވާރޭ ފެން ރައްކާކުރުމުގެ ގޮތުން ތާނގީތައް ހެދުމުގެ މަޝްރޫއުއަކީ އެޒަމާނުގައި ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. ރަޝީދު ހުންނެވީ އެ އެހީ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރާނެ އަމަލީ މަސައްކަތުގެ އެންމެ މުހިންމު ބައި ކަމަށް ވާ ތާނގި ހެދުމުގައި އެންމެ އިސް އެއް މޭސްތިރީގެ ގޮތުގަ އެވެ. ހަމައެކަނި ރަށްރަށަށް ވަޑައިގެން އޭނާ ކުރެެއްވި މަސައްކަތްތައް އެކަންޏެއް ނޫނެވެ. މާލޭގައި ވެސް ރަޝީދު ފާހަގަކުރެވެނީ ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް، ރައްޔިތުންނަށް ސާފު ބޯ ފެން ލިބުން ކަށަވަރުކުރުމުގެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

އަމްސާ ދެއްކެވި މިސާލުން އެނގެނީ ރަޝީދުއާ ހަވާލުކުރި ކޮންމެ ކަމެއް ވެސް ނިންމެވި ފަރުވާތެރިކަމެވެ. މީހުންނަށް ކިޔައިދެއްވިލެއް ރަނގަޅު ކަމެވެ. މީހުން ލައްވާ އެކަންކަން ކުރުވަން ހުރި ޖޯޝެވެ.

ރަޝީދު އިންޑިއާގައި މަތީ ތައުލީމު ހާސިލްކުރެއްވީ، ރާއްޖޭގެ ފެނުގެ ހާލަތު ރަނގަޅުކުރަން ޑަބްލިޔުއެޗުއޯއިން ހިންގި މީހުން ތަމްރީންކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ސިވިލް އިންޖިނިއަރިންގެ ދާއިރާ އިންނެވެ. އޭނާ 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އެމްޑަބްލިޔުއެސްއޭގެ އިސް ވެރިއެއްގެ ގޮތުން މާލޭގެ ފެނާ ބެހޭ ވަރަށް ގިނަ ކަންކަން ކުރެއްވި އެވެ. އޭގެ ތެރޭގައި 1985 ގައި ހިންގި މާލޭގެ ގޭގޭގައި ވާރޭ ފެން ތާނގީ ހެދުމުގެ މަޝްރޫއުގެ އެންމެ އިސް އެއް ބައިވެރިޔަކީ ރަޝީދެވެ. އޭރު ވެރިރަށް ފެނަން ޖެހިފައި އޮތް ނިސްބަތުން އެ ފެން ތާނގީތަކަކީ ރައްޔިތުންނަށް ލިބުނު "ރަންގަނޑެއް" ފަދަ ހަދިޔާއެކެވެ.

"ރަޝީދު ވިސްނައި ދެއްވަނީ ފެނުގެ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއްކަން،" އެމްޑަބްލިޔުއެސްއޭ އާއި އޭގެ ފަހުން އެމްޑަބްލިޔުއެސްސީގައި ވެސް ރަޝީދާ ވަރަށް ކައިރިން މަސައްކަތްކުރެއްވި އަދި މިހާރު ސީނިއަ މެނުފެކްޗަރިން އޮފިސަރުގެ މަގާމުގައި ހުންނެވި މުސްތަފާ ހަސަން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރަޝީދަކީ "އެމްޑަބްލިޔުއެސްސީގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި" ބޭފުޅެކެވެ.

އެމްޑަބްލިޔުއެސްސީ އުފެދުމާ އެކު އެ ކުންފުންޏާ ގުޅުމުގެ ފުރުސަތު އެމްޑަބްލިޔުއެސްއޭގެ މުވައްޒަފުންނަށް ލިބުނެވެ. ރަޝީދު ނިންމެވީ ސަރުކާރުގެ ވަޒީފާ ދޫކުރައްވައި، އާ ކުންފުންޏާ ގުޅިވަޑައިގަންނަވާށެވެ. އެހެންކަމުން އޭނާ އަކީ މާލޭ ރައްޔިތުންނަށް ސާފު، ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަބަދުވެސް އަަމަލީ ގޮތުން އުޅުއްވަން ބޭނުންފުޅުވި ބޭފުޅެއްކަން އެނގެ އެވެ.

"އެމްޑަބްލިޔުއެސްސީ އުފެދުމާ އެކު އެ މީހަކު ބޭނުން ތަނަކަށް ދާން ފުރުސަތު ލިބުނު. އެމްޑަބްލިޔުއެސްއޭގައި ހުންނަން ބޭނުން މީހުން އެތަނުގައި ތިބެން. ރަޝީދު ވިދާޅުވީ ތިމަން ވަޑައިގަންނަވާނީ ކުންފުންޏަށޭ،" އެމްޑަބްލިޔުއެސްސީ އުފެއްދުމުގެ މަސައްކަތަށް އެކުލަވާލި ޓެކްނިކަލް ޓީމުގައި ރަޝީދާ އެކު ހިމެނިވަޑައިގެންނެވި ފާރޫގު މުހައްމަދު ހަސަން ވިދާޅުވި އެވެ.

ސަރުކާރުން ވަކިވެވަޑައިގެން އާ ކުންފުންޏާ ގުޅިވަޑައިގެންނެވި އިރު އޭނާ ހުންނެވީ އެމްޑަބްލިޔުއެސްއޭގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

ސިވިލް އިންޖިއަރިންގެ ބެކްގްރައުންޑް ހުއްޓަސް، ފެނާ ބެހޭ ހުރިހާ ކަމެއްގައި އޭރު ރަޝީދު ވަނީ 15 އަހަރެއްހާ ދުވަހު މަސައްކަތްކުރައްވައިފަ އެވެ. އެހެންކަމުން އެއީ އެމްޑަބްލިޔުއެސްސީއަށް ވެސް މުހިންމު ބޭފުޅަކަށް ވި އެވެ. ކުންފުނި ފެށިގެން އައި އިރު އަދި އޭގެ ފަހުން ވެސް ރަޝީދު ވަނީ އެކި ޑިވިޝަންތަކުގެ ހެޑެއްގެ ގޮތުގައި ހީވާގިކަމާ އެކު މަސައްކަތްކުރައްވައިފަ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި މުހައްމަދު އަހުމަދު ދީދީ (ޑީޑީ) ސިފަކުރެއްވި ގޮތުގައި ރަޝީދަކީ "ހަމައެކަނި ވަކި ޑިޕާޓްމެންޓެއްގެ މެނޭޖަރެއް ނޫނެ"ވެ.

"އޭނާއަކީ އެޑްވައިޒަރެއް، ނަމޫނާއެއް،" ޑީޑީ ވިދާޅުވި އެވެ.

"މެނޭޖްމަންޓްގެ ބައްދަލުވުންތަކަށް ބައެއް މައްސަލަތައް ގެންދިއުމުގެ ކުރިން އަޅުގަނޑު ރަޝީދުގެ ލަފަޔާއި އިރުޝާދު ހޯދަން."

އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ޔުޓިލިޓީ ކުންފުންޏެއްގެ ސިފަތަކުން ދުރުވެ، އިންޖިނިއަރިން ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުކުރުމުގައި ރަޝީދު ކުޅުއްވި ރޯލު ވެސް ވަރަށް މުހިންމެވެ.

އެމްޑަބްލިޔުއެސްއޭގައި 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ރަޝީދާ އެކު މަސައްކުރެއްވި އަދި މިހާރު އެމްޑަބްލިޔުއެސްސީގެ ސީނިއަ ކަސްޓަމާ ސާވިސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ (މޮހެދޭ) ދެކެވަޑައިގަންނަވާ ގޮތުގައި "ރަޝީދަކީ މި ތަނުން އުފެދުނު އެންމެ ބޮޑު ތަނބެ"ވެ.

"އަމަލީ ގޮތުން ހުރިހާ މަސައްކަތެއްގައި ވެސް އޭރު އުޅުއްވި. މިސާލަކަށް ހޮޅިއެއްގެ ކަމެއްގައި އުޅެންޏާ ވަޑައިގެން އޭގައި ވެސް ހިއްޕަވާނެ. ވަރަށް ކަންކަން ބައްލަވާނެ. މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެން ހުންނަވާނީ،" މޮހެދޭ ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޮވެމްބަރު 2018 ގައި އާދަމް އާޒިމް ވަޑައިގަތް އިރު، ރަޝީދު ވަނީ އަވަހާރަވެފަ އެވެ. އެކަމަކު އެ ކުންފުނީގެ އާދައިގެ ވަޒީފާއަކަށް 2000 ގައި އާޒިމް ފުރަތަމަ ވެންނެވި އިރު ރަޝީދަކީ ވެރިޔެކެވެ. ކުންފުނީގެ އެންމެ ތަޖުރިބާކާރު އެއް މުވައްޒަފެވެ.

"މުވައްޒަފުންނަށް ވަރަށް ކިޔައިދޭނެ ހަދަންވާ ގޮތް، ކަން ކުރަންވާ ގޮތް،" އާޒިމް ވިދާޅުވި އެވެ.

"ވިދާޅުވާން ޖެހޭ އެއްޗެއް، ސީދަލަށް ވިދާޅުވާނެ. ވަރަށް ތަޖުރިބާކާރު ބޭފުޅެއް އެއީ."

ރަޝީދު އަވަހާރަވީ އަމިއްލަފުޅަށް ރިޓަޔަކުރައްވައިގެން ހުންނަވަނިކޮށް އޮގަސްޓް 21، 2018 ގަ އެވެ.

ފެނާ ބެހޭ ދާއިރާ އިން އޭނާ ގައުމަށް ކޮށްދެއްވި ޚިދުމަތްތައް ގިނަ އެވެ. މާލޭގެ އިތުރުން ރަށްރަށަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކުން ފެންނަނީ، މިހާރު ބަލާލައިފި ނަމަ، އޭގެ ދެވަނައެއް ނެތް ފަދަ ބޭފުޅެއްގެ ގޮތުގަ އެވެ.

ދެ ކުދިންނާއި އަނބިކަނބަލުންނާ އެކު ރާއްޖޭގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދެވި އިރު ވެސް އޭނާ ދިޔައީ ހުސް ވަގުތުތަކުގައި އޮފީސް މަސައްކަތްކުރައްވަމުންނެވެ. ޗުއްޓީ ތެރޭގައި ވެސް އޭނާ އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިގަތީ އެފަދަ ހިތްގައިމު މާހައުލެއްގައި އޮފީސް މަސައްކަތްކޮށްލެއްވުމެވެ. ކަންދިމާކުރި ގޮތުން އެ ޗުއްޓީގައި ހުންނަވަނިކޮށް މާޗު 24، 2019 ގައި ހާޓް އެޓޭކެއް ޖެހި އޭނާ އަވަހާރަވީ އެވެ.
އެއީ އެމްޑަބްލިއުއެސްސީގެ އެންމެ ދުވަސްވީ މުވައްޒަފު މުހައްމަދު ޝާފިއު އެވެ. އޭރު އެ ކުންފުނީގެ އުމުރުން ވީ ދުވަހެއް، އޭނާގެ ޚިދުމަތަށް ވެސް ވެއްޖެ އެވެ: 23 އަހަރެވެ.

އެމްޑަބްލިޔުއެސްސީ އާއި ޝާފިއުއާ އޮތް ގުޅުން ފެށުނީ މާލޭގެ ނަރުދަމާ ނިޒާމް ގާއިމްކުރަން ހެދި މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިޔުއެސްއޭ) 1988 ގައި އުފެއްދި ހިސާބުންނެވެ. އެ އޮތޯރިޓީގައި 1995އާ ހަމަޔަށް އުޅުއްވި އިރު އެމްޑަބްލިއުއެސްސީ އުފެއްދުމުގެ މަސައްކަތުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ. މާލޭގެ ނަރުދަމާ އާއި ފެނުގެ ޚިދުމަތަށް އުފެއްދި އާ ކުންފުންޏަށް ގުޅިވަޑައިގަތް، ޝާފިއު ވެވަޑައިގަތީ އެންމެ ފުރަތަމަ ނެގި ދިވެހި މުވައްޒަފަށެވެ.

ޝާފިއުއަކީ ކުރައްވާ ކޮންމެ ކަމެއްގައި ވެސް ސީރިއަސް ބޭފުޅެކެވެ. އެއީ އެންމެ ކުޑައިރު ވެސް އޭނާގެ އާދަ އެވެ. ސްކޫލް ދައުރުގައި މިއުޒިކާއި ކުޅިވަރަށް ޝައުގުވެރިވި އެވެ. މަޖީދިއްޔާ ސްކޫލުގެ ސްޕޯޓްސް ކެޕްޓަންކަން ކުރެއްވި އެވެ. ސްކޫލް ނިންމަވާލެއްވުމަށް ފަހު އެންއެސްއޭ އާއި ނިއު ރޭޑިއަންޓުގެ ވޮލީބޯޅަ ޓީމަށް ކުޅުއްވި އެވެ.

އެކަމަކު އޭނާގެ ދިރިއުޅުމުގެ ގިނަ ވަގުތު ޚާއްސަކުރެއްވީ މަސައްކަތުގެ ދާއިރާއަށެވެ.

އެމްޑަބްލިއުއެސްސީގެ ކަސްޓަމަ ސާވިސަސް ޑިވިޝަން މިހާރު މިފެންނަ ގޮތަށް ތަރައްގީކުރެއްވުމުގައި ޝާފިއުގެ ދައުރު މުހިއްމެވެ. އަދި ކުންފުނީގެ އެޑްމިން އާއި އެޗްއާރްއާ ގުޅޭ ޕޮލިސީތަކާއި މަސައްކަތްތައް ތަރައްގީކުރައްވަން އޭނާ އަދާކުރެއްވި ރޯލު ވެސް ނުހަނު ބޮޑެވެ.

"ކުންފުނީގެ އޮޕަރޭޝަންތައް ފެށި އިރު އިދާރީ ގޮތުން ދިމާވި ގިނަ ކަންކަން ހައްލުކުރުމުގައި ޝާފިއުގެ ރޯލު ވަރަށް މުހުންމު،" އެމްޑަބްލިޔުއެސްސީގެ ފުރަތަމަ ދިވެހި ޖެނެރަލް މެނޭޖަރު އަދި ފަހުން މެނޭޖިން ޑިރެކްޓަރުކަން ޑީޑީ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޔުޓިލިޓީ ކުންފުންޏަކުން އިންޖިނިއަރިން ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުވަމުން ދިޔަ އިރު "ޝާފިއުގެ މަޑުމައިތިރި، ހަމަޖެހޭ މިޒާޖަކީ ކަންކަން ފަސޭހަކޮށް ކުރިއަށް ދިއުމުގެ ސަބަބެކެ"ވެ.

"ކުންފުނީގެ ހުރިހާ ޑިވިޝަނަކާއި ޑިޕާޓްމަންޓްތަކަށް އެހީތެރިވުމުގައި ޝާފިއު ވަރުބަލިކަމެއް ނެތި މަސައްކަތްކުރި،" ޑީޑީ ވިދާޅުވި އެވެ.

"އޭނާއަކީ ތައުރީފް ހައްގު މުވައްޒަފެއް."

ޝާފިއުއާ އެކު ކުންފުނީގައި ވަރަށް ގާތުން މަސައްކަތްކުރެއްވި އަދި މިހާރު ކަސްޓަމަ ސާވިސަސް ޑިޕާޓްމަންޓްގެ މެނޭޖަރު ފާތުމަތު ނިޝާ މޫސާގެ ނަޒަރުގައި އެއީ "މަސައްކަތުގައި އެފިޝަންޓް އަދި އެހާމެ ބޮޑަށް ޕްރޮފެޝަނަލިޒަމް ދެއްކެވި މެނޭޖަރެކެ"ވެ. ފެށުނީއްސުރެ ހުރިހާ ކަމެއް ވަރަށް ތަރުތީބުން، ޤަވާއިދުން، އޯގަނައިޒްކުރެއްވި ވެރިއެކެވެ.

"ކޮންމެ މަސައްކަތެއް ވެސް ވަރަށް ތަރޯކޮށް ޗެކްކުރައްވާނެ. ވަރަށް ގާތުން މޮނިޓާ ކުރައްވަމުން ކަންކަން ރަނގަޅުކުރައްވަމުން ގައިޑެންސް ދެއްވާނެ،" ނިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދާރީ މަސައްކަތާއި ކަސްޓަމަރުންނާ ގުޅުން ހުރި މަސައްކަތްތައް ޝާފިއު ކުރެއްވިއިރު އޭނާ އަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެޑްވާންޓޭޖަކީ މާލީ ކަންކަމަށް ފަރިތަވުމެވެ.

"މިސްޓޭކްތައް އައިޑެންޓިފައި ކުރައްވާނެ ވަރަށް ފަސޭހައިން. އޭގެ ސަބަބުން މަސައްކަތުގެ ފެންވަރު މަތިވެގެންދޭ،" ނިޝާ ވިދާޅުވި އެވެ.

ޝާފިއު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އާދަމް އާޒިމް ކުރެއްވި އިރު، އޭނާ ރަށުގައި ނޫޅުއްވާ ދުވަސްތަކުގައި ވަގުތީ ގޮތުން ކުންފުނި ހިންގަވައިފަ އެވެ.

ޝާފިއުގެ އަނބިކަނބަލުން ސުއިޒާ އިބްރާހިމް (ސުއި) އަށް ފެނިވަޑައިގެންނެވި އެންމެ ފާހަގަކުރެވޭ ކަމަކީ، އެމްޑަބްލިޔުއެސްސީއަށްޓަކައި ހުސްކުރެއްވި ވަގުތެވެ. އޭނާ އަބަދުވެސް ގަބޫލުކުރައްވަނީ، ފިރިކަލުންނަކީ "ހަރުދަނާ އިޚުލާސްތެރިއެއް" ކަމަށެވެ.

"އަނެއް މީހާގެ އިހުސާސްތައް ދަންނާނެ. އަނެއް މީހާގެ އަޑު އަހާނެ. އެއަށް ފަހު ގޮތް ނިންމަވާނީ،" ސުއި ވިދާޅުވި އެވެ.

ޝާފިއުގެ މުޅި ހަޔާތުގައި ވެސް އިތުރު އެހެން މަސައްކަތެއް ނުކުރައްވަ އެވެ. އެހެންކަމުން އޭނާގެ 100 ޕަސެންޓް ވަގުތު ދެއްވީ އެމްޑަބްލިޔުއެސްސީއަށެވެ. ސުއިއަކީ "ސުއި ސެލޫން"ގެ ވެރިޔާ އެވެ. އޭނާއަށް އެހީތެރިވެދެއްވިޔަސް، ޝާފިއުއަކީ އެމްޑަބްލިޔުއެސްސީގައި ވަޒީފާ އަދާކުރެއްވުން ފިޔަވައި، އަމިއްލަ ވިޔަފާރިއެއް ކުރެއްވި ބޭފުޅެއް ނޫނެވެ. ކުންފުންޏާ ވަކިވުމުގެ ޚިޔާލެއް އެއްވެސް އިރަކު ނުގެންގުޅުއްވަ އެވެ. އާ ކޮންމެ ވެރިއެއްގެ ދަށުން މަސައްކަތްކުރައްވަން ޖެހިވަޑައިގަތަސް، އޭނާ ބެއްލެވީ ބޭނުންވާ ބަދަލުތަކާ އެކު ކަންކަން ކުރެއްވޭތޯ އެވެ.

ހަޔާތުގެ އެންމެ ފަހު ޗުއްޓީގައި ވެސް ފެނުނީ އެ މަންޒަރެވެ. ޗުއްޓީ އަށް ވަޑައިގަތީ އޮފީހުގެ ބައެއް މަސައްކަތް ކުރައްވާ ގޮތަށެވެ. އެންމެ ފަހު ދުވަހު ވެސް މޭޒުމަތީގައި ހުރި ކަރުދާސްތައް ބައްލަވަމުން ލެޕްޓޮޕުން ގެންދެވީ މަސައްކަތެއް ރާއްވަމުންނެވެ.

"އަޅުގަނޑު ބޭރަށް ގޮސްލާފައި އައިމާ ވެސް ބުނީ ހާދަ ފަސޭހައޭ މި ތަނުގައި ވޯކްކޮށްލަން. ވަރަށް ކުއައެޓް މާހައުލެކޭ މިއީ، ވަަރަށް ހިތްހަމަޖެހެޔޭ. ވަރަށް ގަޔާވެގެން އެ ދުވަހު ވެސް މަސައްކަތް ކުރެއްވީ،" ސުއި ވިދާޅުވި އެވެ.

"ޝާފިއުގެ ހުރިހާ ވެސް ވިސްނުމަކީ ނިމެންދެން، ރިޓަޔާކުރަންދެން ކުންފުނީގެ ކުރިއެރުމަށް އެދި ކުންފުންޏަށް ހިދުމަތްކުރުން."

މިއީ އެމްޑަބްލިޔުއެސްސީ އަށް 25 އަހަރު ފުރުމާ ގުޅިގެން ތައްޔާރުކުރި "ރިހި 25" ފޮތުން ނެގި މަޒުމޫނެކެވެ. އިއްޔެއަކީ މާލޭ ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދޭން ފެށިތާ 25 އަހަރު ވީ ދުވަހެވެ. ރަޝީދާއި ޝާފިއުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ އެ ހިދުމަތުގެ، އެކި މަސައްކަތްތަކުގަ އެވެ.