ކޮވިޑްގެ ނަމްބަރު މައްޗަށް، މިއަދު 79 މީހުން ޕޮޒިޓިވް
ކޮވިޑްގެ ނަމްބަރު މައްޗަށް، މިއަދު 79 މީހުން ޕޮޒިޓިވް

ރާއްޖޭގައި 79 މީހަކު ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަން މާލޭގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު، ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 ގެ ނިޔަލަށް ޓެސްޓުކުުރި ސާމްޕަލްގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ، މާލޭ ސަރަހައްދުންނާއި ރިސޯޓުތަކުންނެވެ. އެގޮތުން މާލޭ ސަރަހައްދުން 36 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 35 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރިސޯޓުތަކުން ބަލި ޖެހުނު މީހުންގެ ތެރެއިން، 31 މީހުންނަކީ އެ ތަންތަނުގެ މުވައްޒަފުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން، މިއަދު ޕޮޒިޓިވްވީ ހަ މީހެކެވެ. މީގެ އިތުރުން ސަފާރީއަކުން ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ބަލި ޖެހިފައިވާ 1،017 މީހުން މިހާރު ތިބި އިރު، އެޑްމިޓްކޮށްގެން ފަރުވާ ދެނީ 79 މީހަކަށެވެ. ރާއްޖޭން މިހާތަނަށް 14،712 މީހުންނަށް ބަލި ޖެހުނު އިރު ގިނަ ބަޔަކު ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ވަރަށް މަދު ވުމަށް ފަހު އަނެއްކާވެސް އިތުރުވާން ފެށީ އެބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ކުރިން އަޅާފައި ހުރި ބައެއް ފިޔަވަޅުތަކަށް ލުއިދިން ފަހުންނެވެ.