ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންފި
ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންފި

ވޮޝިންޓަން (ޖެނުއަރީ 20) - އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން މަގާމާ މިރޭ ހަވާލުވެވަޑައިގެންފި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިޑަން، 78، އަށް ހުވާލައިދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. ބައިޑަން އަކީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އުމުރުން އެންމެ ދުވަސްވީ ބޭފުޅާ އެވެ. ބައިޑަން ހުވާ ކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން ނައިބް ރައީސް ކަމަލާ ހަރިސް ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.

ބައިބަލްގައި އަތް ބާއްވާލައިގެން ބައިޑަން ވަނީ އެމެރިކާގެ ގާނޫނު އަސާސީ އާއި އެމެރިކާ ރައްކާތެރިކޮށް، ދަމަހައްޓާނެ ކަމަށް، އުއްތަމަ ފަނޑިޔާރުގެ އަޑު ދަށުން ހުވާގެ އިބާރާތް ވިދާޅުވެފަ އެވެ.

ބައިޑަން ހުވާ ކުރެއްވުމުގައި ބޭނުން ކުރެއްވި ބައިބަލް އަކީ އެމަނިކުފާނުގެ އާއިލާ އިން 1893 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި އެއްޗެކެެވެ. އެމެރިކާގެ ނައިބް ރައީސްގެ މަގާމުގެ ހުވާ 2009 އަދި 2013 ގައި ބައިޑަން ކުރެއްވިއިރު ވެސް ބޭނުން ކުރެއްވީ އެ ބައިބަލް އެވެ. ޑެލަވެއާގެ ސެނެޓަރުގެ މަގާމުގެ ހުވާ ކުރެއްވި ކޮންމެ ފަހަރަކު ވެސް ބައިޑަން ބޭނުން ކުރެއްވީ ހަމަ އެ ބައިބަލް އެވެ. އެއީ ފަސް އިންޗި (12.5 ސެންޓިމީޓަރު) ބޯ ފޮތެކެވެ. ބައިޑަންގެ ދަރިކަލުން 2013 ވަނަ އަހަރު ޑެލަވެއާގެ އެޓާނީ ޖެނެރަލްގެ މަގާމުގެ ހުވާ ކުރެއްވި އިރު ވެސް ބޭނުން ކުރެއްވީ އެ ބައިބަލް އެވެ.

ބައިޑަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވަނީ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން، ޖޯޖް ޑަބްލިއު ބުޝް އަދި ބަރަކް އޮބާމާ ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. ޓްރަމްޕަކީ ވޭތުވެދިޔަ 150 އަހަރު ތެރޭ، އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ، ވެރިކަމުން ފައިބައިވަޑައިގަންނަވާ، އެމެރިކާގެ ފުރަތަމަ ރައީސް އެވެ.

ޑެލަވެއާގެ ސެނެޓަރެއްގެ މަގާމަށް ބައިޑަން ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ 1972 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމަނިކުފާން ވަނީ 1987 އަދި 2008 ގައި ރައީސްކަމުގެ މަގާމަށް ވާދަކުރައްވައިފަ އެވެ.