20 ޖެނުއަރީ 2021 - 23:11

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްވެ ރާއްޖޭގެ އިގުތިސާދު، ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރު މިއަދު ވިދާޅުވެއްޖެ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިންގެ 100،000 ޑޯޒް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވީ ބަލިން ރައްކާތެރިވުމުގެ އުއްމީދުގެ ގޮތުގައި މި ލިބުނީ ވެކްސިން ކަމަށެވެ. އެ އެހީގެ ސަބަބުން ރާއްޖޭގައި އަވަހަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ސަންޖޭ ވިދާޅުވީ ކޮންމެ ތަނަކުން ވައިރަސް އަޔަސް ރާއްޖެ އަށް ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަކީ އިންޑިއާ އެވެ.
"މި ވެކްސިންގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްވެ ރާއްޖޭގެ އިގުތިސާދު ކުރީގެ ހާލަތަށް އިއާދަވެގެންދާނެ ކަމަށް އުއްމީދުކުރަން،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވި އެވެ.
ކޮވިޑުގައި ރާއްޖެއިން 49 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ހައިރިސްކް ކެޓެގެރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނެވެ.
މި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރަން އިންޑިއާ އިން އެހީތެރިކަން ދޭނެ ކަމަށާއި އިންޑިއާގައި ވެކްސިން އުފެއްދުމުގެ ގާބިލްކަމުގެ ފައިދާ މުޅި އިންސާނިއްޔަތަށް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ކޮވިޝީލްޑަކީ އިންޑިއާގައި މިދިޔަ ހޮނިހިރު ދުވަހު ފެށި ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމުގެ ތެރޭގއި ބޭނުންކުރާ އެއް ވެކްސިނެވެ. މިއަދު ހަދިޔާކުރި 100،000 ޑޯޒްގެ އިތުރުން އިންޑިއާގެ މެނުފެކްޗަރިން ކުންފުނިތަކުން އުފައްދާ ވެކްސިންތައް ހެޔޮ އަގުގައި ހޯދުމަށް ރާއްޖެއަށް އެހީތެރިވާން ނިންމާފައިވެ އެވެ.
އެ ވެކްސިނަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ. ދެ ވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތައް ކުރަންޖެހެ އެވެ. ކޮވިޝީލްޑް ވެކްސިން ގުދަންކުރާއިރު ފިނިހޫނުމިން ހުންނަންވާނީ 2-8 ޑިގްރީ ސެންޓިގްރޭޑްގަ އެވެ.
ސަފީރު ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގައި ވިއްކާ ހުރިހާ ވެކްސިނެއްގެ 60 ޕަސެންޓް އުފައްދާ ގައުމު ކަމަށެވެ. ކޮވިޝީލްޑް އަދި ކޮވެކްސިންގެ އިތުރުން، ނޮވެކްސިން އަދި ސްޕުޓްނިކް ހިމެނޭހެން ތިން ވެކްސިނެއްގެ ކްލިނިކަލް ޓްރައިލް މަރުހަލާ އިންޑިއާގައި ކުރިއަށް އެބަ ދެ އެވެ.