ޓްރަމްޕް ވައިޓްހައުސް އިން ނުކުމެވަޑައިގެންނެވީ އެނބުރި ވަޑައިގަންނަވާނެކަމުގެ ވައުދާއެކު
ޓްރަމްޕް ވައިޓްހައުސް އިން ނުކުމެވަޑައިގެންނެވީ އެނބުރި ވަޑައިގަންނަވާނެކަމުގެ ވައުދާއެކު

ވޮޝިންޓަން (ޖެނުއަރީ 20) - ވެރިކަމުގެ ހަތަރު އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ވައިޓް ހައުސް އިން މިއަދު ނުކުމެވަޑައިގަތް ނަމަވެސް "ކޮންމެވެސް ގޮތަކުން" އެނބުރި ވަޑައިގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޖޯ ބައިޑަން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެން ޓްރަމްޕް ވަނީ އެއާ ފޯސް ވަންގައި ފްލޮރިޑާ އަށް ވަޑައިގެންފަ އެވެ.

"ނިމިގެން އެ ދިޔައީ އާދަޔާޚިލާފު ހަތަރު އަހަރު. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރީ ރައްޔިތުންނަށް ޓަކައި. ކޮންމެ ވެސް ގޮތަކުން އަޅުގަނޑުމެން އަދި އެނބުރި އަންނާނަން،" ވޮޝިންޓަންގެ ބޭރުގައި އެންޑްރޫ ބޭސްގައި ޓްރަމްޕް ދެއްވި ކުރު ބަޔާނުގައި ވިދާޅުވި އެވެ.

ބައިޑަންގެ ނަން ވިދާޅު ނުވެ ޓްރަމްޕް ވަނީ އާ ސަރުކާރަށް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. ބައިޑަން ހުވާ ކުރައްވާ އިރު ޓްރަމްޕް ހުންނަވާނީ ފްލޮރިޑާގެ މާ-ލާގޯ ރިސޯޓުގަ އެވެ.

ޓްރަމްޕަކީ ވޭތުވެދިޔަ 150 އަހަރު ތެރޭ، އާ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ، ވެރިކަމުން ފައިބައިވަޑައިގަންނަވާ، ފުރަތަމަ ރައީސް އެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި ނައިބް ރައީސް މައިކް ޕެންސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ވެރިކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް ކޮންގްރެސްގެ ދަށު ގެއިން ޓްރަމްޕް ވަނީ އިމްޕީޗްކޮށްފަ އެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސް އެވެ. ވެރިކަމުން ވަކިވެވަޑައިގަތް ނަމަވެސް ޓްރަމްޕް ކުށްވެރިވޭތޯ ބެލުމަށް ސެނެޓުގައި ޝަރީއަތް ކުރިއަށް ގެންދާނެ އެވެ.

ޓްރަމްޕް ވަނީ 2024 ވަނަ އަހަރުގެ އިންތިޚާބަށް ނުކުންނަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ނަމަވެސް ޓްރަމްޕް ކުށްވެރިވެއްޖެ ނަމަ ވެރިކަމަށް ދެން ނާދެވޭނެ ގޮތަށް ސެނެޓުގެ އަޣުލަބިއްޔަތުން ނިންމިދާނެ އެވެ.