ބޭރުގެ އެކަޑެމީއަކުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ދިރާގުން މުޅި ރާއްޖެ އަށް ހުޅުވާލައިިފި
ބޭރުގެ އެކަޑެމީއަކުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ދިރާގުން މުޅި ރާއްޖެ އަށް ހުޅުވާލައިިފި

ދުނިޔެ ގަބޫލުކުރާ ކޯހެއް، ބޭރުގެ އިންސްޓިޓިއުޓަކުން ހިލޭ ހެދުމުގެ ފުރުސަތު ދިރާގުން މުޅި ރާއްޖެ އަށް މިއަދު ހުޅުވާލައިފި އެވެ.

ދިރާގުގެ މައި އޮފީހުގައި މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި އަޔަލެންޑުގެ ޝޯ އެކަޑެމީއާ ގުޅިގެން ދިރާގުން ހިންގާ ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ ކޯސްތަކެއްގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮގްރާމްގެ ދަށުން، ޝޯ އެކަޑެމީން އެންމެ ފުރަތަމަ ހަދާ ކޯސް ކޮންމެ ދިވެއްސަކަށް ވެސް ހިލޭ ހެދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ދިވެއްސަކަށް ވެސް، ހުރި ތަނެއްގައި ހުރެގެން ބައިނަލްއަގުވާމީ އެކަޑެމީއަކުން ކޯހެއް ހެދުމުގެ ފުރުސަތު މި ހުޅުވިގެން ދަނީ. ގޭތެރޭގައި އަވަދިނެތި އުޅުއްވާ ބޭފުޅުންނާއި ވަޒީފާގައި ބުރަކޮށް އުޅުއްވާ ފަރާތްތަކަށް ވެސް މިހާރު ފަސޭހަކަމާ އެކު ކިޔެވޭނެ،" އިމްޖާދު ވިދާޅުވި އެވެ.

އެއް މަސްދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯސްތަކުގެ ތެރެއިން ކޯހަކަށް ރަޖިސްޓްރީ ކުރުމުން، އީމެއިލް މެދުވެރިކޮށް އެ ކޯހެއް ކުރިއަށް ދާނެ ގޮތާއި ތާވަލު ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު ކުލާސްތައް އޮންނަ ދުވަސްތަކާއި ގަޑިތައް އަންގައި އެ ކުލާހެއް ކައިރިވުމުން ރިމައިންޑާއެއް ލިބޭނެ އެވެ. ލައިވްކޮށް ކުރިއަށް ގެންދާ މި ކުލާސްތަކުގައި ލެޕްޓޮޕް، ފޯނު ނުވަތަ އައިޕެޑް ފަދަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ބައިވެރިވެ، ސުވާލުކޮށް، އެއްޗެހި އޮޅުން ފިލުވައި ހެދޭނެ އެވެ. ލައިވްކޮށް ކުރިއަށް ގެންދާ ކުލާސްތަކުގައި ބައިވެރި ނުވެވޭ ފަރާތްތަކަށް އެ ކުލާހެއްގެ ރެކޯޑިން ވެސް ބަލައިލެވޭނެ އެވެ.

އެއް މަސްދުވަހުގެ ކުލާސްތައް ނިމުމުން ދޭ އެސެސްމަންޓުން ފާސްވާ ކޮންމެ ފަރާތަކަށް ސެޓްފިކެޓެއް ލިބޭނެ އެވެ. އެއީ، އިމްޖާދު ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓެކެވެ. ޝޯ އެކަޑެމީ އާއި އެ ތަނުން ދޫކުރާ ސެޓްފިކެޓުތައް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ބަލައިގަންނައިރު، ރާއްޖޭގައި ވެސް ބަލައިގަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަމަކީ އެ އިންސްޓިޓިއުޓެއް ގަބޫލުކުރުން. ޝޯ އެކަޑެމީ އަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ތަނެއް،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ދޭ ހިލޭ ކޯހުގެ އިތުރުން ވެސް ޝޯ އެކަޑެމީން ހިންގާ ކޮންމެ ކޯހެއް ހެދޭނެ އެވެ. އެކަމަކު، އިތުރަށް ހަދާ ކޯސްތަކަށް ފައިސާ ދައްކަން ޖެހެ އެވެ.

މީގެ ތިން އަހަރު ކުރިން އުފެއްދި ޝޯ އެކަޑެމީން ހިންގާ ކޯސްތަކުގެ ތެރޭގައި މާކެޓިން ދާއިރާގެ ކޯސްތަކާއި ސޯޝަލް މީޑިއާގެ ކޯސްތަކާއި ފޮޓޯގްރަފީ އަދި ގްރެފިކް ޑިޒައިނިންއާ ގުޅޭ ކޯސްތައް ހިމެނެ އެވެ. އޭގެ ތެރޭން ކޯހެއްގެ ފީ އާއްމުކޮށް އުޅެނީ 395 ޔޫރޯ (6713.24 ރުފިޔާ) އަށެވެ.