20 ޖެނުއަރީ 2021 - 16:29

ކޮވިޑް-19 އިން ދިފާއުވުމަށްދޭ ވެކްސިނެއް މިއަދު ރާއްޖެއަށް ގެނައި ނަމަވެސް ވެކްސިން ޖަހަން ފަށާނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖޭގައި ބަލާ ހުރިހާ މިންގަނޑުތަކުން ބަލާފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭން ބުނީ ވެކްސިން ޖަހަން ފަށާނީ ރައްކާތެރިކަން ބެލުމަށްް ފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދިނުމުން ކަމަށެވެ. ވެކްސިންއާ މެދު އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޖަވާބު ދެމުން އެ އެޖެންސީން ބުނިގޮތުގައި ރާއްޖެއަށް ގެނައި ވެކްސިނުގެ ސައިޑް އިފެކްޓްކެއް ހުންނާނެ އެވެ. އޭގެ ތެރޭގައި ވެކްސިން ޖަހާ ތަނަަށް ތަދުވުން އަދި އެލާޖީީއެއް ވުން ހިމެނެ އެވެ.
"ވެކްސިން ޖަހާ ކޮންމެ ތަނެއްގައި ތިބޭނީ [ސިއްހީ ހިދުމަތްދޭ ތަންތަނުގައި ސިއްހީ ހިދުމަތްތެރިން] ބޮޑެތި ސައިޑް އިފެކްޓްތަކަށް ތައްޔާރުވެގެން،" އެޗްޕީއޭއިން ބުންޏެވެ.
އިންޑިއާއިން މިއަދު ރާއްޖެއަށް ގެނައީ އޮކްސްފޯޑް އެސްޓްރަޒެނެކެނާއިން އުފެއްދި ކޮވިޝީލްޑްގެ އެއްލައްކަ ޑޯޒެވެ. އެއީ އިންޑިއާއިން ހިލޭ ދިން ވެކްސިން ޑޯޒްތަކެކެވެ. އެޗްޕީއޭއިން ބުނީ މި ޝިޕްމެންޓް ލިބުމުން 50،000 މީހުންނަށް ވެކްސިން ދެވޭނެކަމަށެވެ.
މިއަދު ގެނައި ވެކްސިނުގެ އިތުރުން ސިންގަޕޫރުުގެ އެސްޓްރަޒެކެނާ ކުންފުންޏާ އެކު ވެކްސިން ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އދ. އިން އިސްނަގައިގެން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީން ވެސް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެވެކްސިންތައް ލިބޭނެކަމަށް ބެލެވެ އެވެ.
ވެކްސިން ޖަހަން ފަށާނީ ކޮންއިރަކުންތޯ ސުވާލު ކުރަމުން އަންނަ އިރު އެޗްޕީއޭއިން ބުނީ އާ ވެކްސިނެއް ޖެހުމަކީ ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ ކަމެއް ކަމަށެވެ. ވެކްސިން ޖަހަން ފަށާނީ އެތައްޔާރީތައް ނިމުމުންނެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގައި އިސްކަންދޭ ތަރުތީބުގައި ފުރަތަމަ ބަޔަކީ އެޗްޕީއޭން ބުނި ގޮތުގައި، ސިއްހީ ޚިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނެވެ. ދެން އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އެއަށް ފަހު ހައިރިސްކު މީހުންނަށް އަދި ޓީޗަރުންނާއި ފުލުހުން އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ.