21 ޖެނުއަރީ 2021 - 08:01

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 203.6 މިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިދިޔަ އަހަރަކީ ނެޓްފްލިކްސްގެ މަގުބޫލުކަން ވަރަށް ބޮޑުވެ، ސަބްސްކްރައިބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އަހަރެކެވެ. އެގޮތުން ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ގިނަ ގައުމުތައް ލޮކްޑައުންކުރުމުން ގިނަ ބަޔަކު ގޭގައި ބަންދުވެ ތިބިއިރު ސްޓްރީމިންގެ ހިދުމަތަށް މީގެ ކުރިން ނުވާ ވަރަށް ބާރުބޮޑުވެ، ހާއްސަކޮށް ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެގެން ދިޔަ އެވެ. އެ
އެގޮތުން އަހަރު ދެބައިވި އިރު ސަބްސްކްރައިބަރުންގެ އަދަދު އޮތީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ. މިދިޔަ އަހަރު ސަބްސްކްރައިބަރުންގެ އަދަދު 37 މިލިއަނަށް އަރައިގެން ދިޔަ އިރު އަހަރުގެ ފަހު ކުއާޓަރުގައި އެކަނި ވެސް ނެޓްފްލިކްސް އަށް ފީ ދައްކައިގެން ބޭނުންކުރާ މީހުންގެ އަދަދު 8.5 މިލިއަނަށް އިތުރުވި އެވެ. އެއީ އަންދާޒާކުރި ވަރަށް ވުރެ 2.5 މިލިއަންގެ އިތުރުވުމެކެވެ.
މިހާރު އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު 203.6 މިލިއަންގައި ހުރި އިރު، ފީ ދައްކައިގެން ބޭނުންކުރާ ސަބްސްކްރައިބަރުންގެ އަދަދު 195 މިލިއަނަށް އަރަ އެވެ.
ނެޓްފްލިކްސްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ބުނާގޮތުން އާމްދަނީގެ ގޮތުގައި 25 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު އާމްދަނީ އަކީ 20.15 ބިލިއަނެވެ.
ނެޓްފްލިކްސް އިން ވަނީ މި އަހަރުގެ ކުއާޓަރުގެ ފުރަތަމަ ތެރޭގައި އާމްދަނީގެ ގޮތުގައި ހަ މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ އަކީ 15.8 މިލިއަން ޑޮލަރެވެ.
ނެޓްފްލިކްސް އިން ބުނީ މި އަހަރަކީ މިދިޔަ އަހަރުހާ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް ލަފާނުކުރެވުނަސް ވާދަވެރި އެހެން ކުންފުނިތަކަށް ވުރެ ނެޓްފްލިކްސް އުޅޭނީ ކުރީގައި ކަމަށެވެ. އަދި މި އަހަރަކީ ވާދަވެރިކަން ކުރިއަށް ވުރެ ބޮޑުވާނެ އަހަރެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.
ނެޓްފްލިކްސްގެ އަގުތައް އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމާފައި އޮތަސް، އެއާ އެކު އެ ކުންފުނިން ވަނީ އަހުލުވެރިންނަށް އުފާވެރި ޚަބަރެއް ވެސް ދީފަ އެވެ. އެއީ މި އަހަރުގެ ކޮންމެ ހަފުތާއެއްގައި ނުވަތަ ކޮންމެ ފަސް ދުވަހަކުން އާ އުފެއްދުމެއް ގެނެސްދިނުނެވެ.
ނެޓްފްލިކްސް އަކީ މިހާރު ކޮންޓެންޓް އެންމެ ތަނަވަސް ސްޓްރީމިން ޕްލެޓްފޯމެވެ. މިހާރު ދުނިޔޭގެ ވަރަށް ގިނަ ބަސްތަކުން ގެނެސްދޭ އެތައް އުފެއްދުމެއް އެއިން ބަލާލެވެ އެވެ. އޭގެ ތެރޭގައި ފިލްމާއި ސީރީޒްތަކާއި ޑޮކިއުމަންޓްރީތަކާއި ވެރައިޓީ ޝޯތަކާއި ޓޯކް ޝޯ ފަދަ އުފެއްދުންތައް ހިމެނެ އެވެ.
ދާދި ފަހުން ނެޓްފްލިކްސް އިން ވަނީ ދެކުނު ކޮރެއާގެ އުފެއްދުންތަކަށް ލިބޭ ތަރުހީބު ބޮޑުވާތީ އެ ގައުމުގެ އުފެއްދުންތައް އިތުރު ކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.
އެމެރިކާގެ ކެލިފޯނިއާގައި ހެޑް ކުއާޓގަރުނެޓްފްލިކްސް ވުޖޫދަށް އައީ 1997 ގަ އެވެ.