20 ޖެނުއަރީ 2021 - 14:04

ރާއްޖޭގައި އުޅޭ އެންމެނަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި އެކަމަކު، އެއާ އެކު ވެސް އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ އެދިޑައިގެންފި އެވެ.
އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިންޑިއާގެ އެހީތެރިކަމާ އެކު، ކޮވިޑް ވެކްސިން ރާއްޖެ އަށް މިއަދު ގެންނާތީ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށެވެ.
"މިއަދަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ އަށް ލިބޭ ދުވަސް،" އިންޑިއާގެ ހިލޭ އެހީގައި ރާއްޖެ އަށް ދޭ ކޮވިޑް ވެކްސިން އަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
"މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެ ދިން ވަރަށް ބޮޑު ދީލަތި އެހީއެއް. އެ ކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން."
ރައީސް ވިދާޅުވީ، ވެކްސިންގެ އާ އުންމީދާއެކު ވެސް ކޮވިޑުން ރައްކާތެރިވުމަށް ބައިވަރު މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް އެންމެންގެ އަމަލުތައް ބަހައްޓަން އެ މަނިކުފާނު އެދިވަޑައިގަތެވެ.
"ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މި ވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް، ތިއްބެވުމަށާއި ގައިދުރުކަން ދެމެހެެއްޓުމަށް އިސްކަން ދެއްވާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތެވެ.
އިންޑިއާ އިން ރާއްޖެ އަށް މިއަދު ހަދިޔާކުރަނީ ކޮވިިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް އެސްޓްރާޒެކެނާ އިން އުފެއްދި ވެކްސިންގެ 100،000 ޑޯޒެވެ.
ރާއްޖެ އަށް ފޮނުވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. މިއީ އިންޑިއާގައި އުފައްދާ، އެކަމަކު ސީދާ އިންޑިއާގެ ވެކްސިނެއް ނޫނެވެ. މިއީ އިންޑިއާ އާއި ވަރަށް ގިނަ ގައުމުތަކުގައި ހުއްދަ ދީ މިހާރު ޖަހަން ފަށާފައިވާ ވެކްސިނެކެވެ.