އެންމެ ހުތުރުކޮށް ހެދުންއެޅި ބަތަލާއިންގެ ލިސްޓަށް ދީޕިކާ ޕަދުކޯން
އެންމެ ހުތުރުކޮށް ހެދުންއެޅި ބަތަލާއިންގެ ލިސްޓަށް ދީޕިކާ ޕަދުކޯން

ނެދަލެންޑްގެ ސިޓީއެއް ކަމަށްވާ ރޮޓަޑަމްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މިއަހަރުގެ އެމްޓީވީ ޔޫރަޕް މިއުޒިކް އެވޯޑު (އީމާ) ގައި ބައިވެރިވި ހަމައެކަނި ބޮލީވުޑް ތަރިއަކީ ދީޕިކާ ޕަދުކޯން އެވެ. ދީޕިކާ މި ޝޯގައި ބައިވެރިވީ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ. މި ޝޯގައި ދީޕިކާއާ އެކު ބައިވެރިވީ އޭނާގެ ހޮލީވުޑް ފިލްމު "ތުރީ އެކްސް" ގައި މުހިއްމު ރޯލެއް ކުޅޭ ބަތަލާއެއް ކަމަށްވާ ނީނާ ދޮބްރޭވް އެވެ.

މި އެވޯޑު ހަފުލާއަށް ދީޕިކާ އަޅާފައި ވަނީ މޮނީޝާ ޖެއިސިންގް ތައްޔާރުކޮށްފައިވާ ހެދުމެކެވެ. ނަމަވެސް އެވޯޑަށް ހާޒިރުވީ ފެޝަނަށް މަރުދޭ ގިނަ މީހުންނަކަށް މި ހެދުން އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. އެހެންކަމުން އިންޓަނޭޝަނަލް ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން އެކުލަވާލި އެންމެ ހުތުރުކޮށް ހެދުންއެޅި ސެލެބްރީޓީންގެ ލިސްޓުގައި ދީޕިކާ ވަނީ ހިމެނިފަ އެވެ.

"ވޯސްޓް ޑްރެސްޑް ސެލެބްސް" ގެ ކެޓަގަރީގައި ދީޕިކާގެ ނަން ހިމަނާފައިވުމުގެ އިތުރުން ބޮލީވުޑް ބްލަންޑާއެއްގެ ގޮތުގައި ދީޕިކާ ސިފަކޮށްފައި ވެއެވެ.

މި ނޫހުން ދީޕިކާގެ ރީތިކަމަށް ތައުރީފުކޮށްފައި ވެއެވެ. ނަމަވެސް އޭނާ އަޅައިގެން ހުރި ފެހިކުލައިގެ ހެދުމުގެ ހުތުރުކަން ފާހަގަކޮށްފައިވެ އެވެ.

ދީޕިކާ ބުނެފައިވާ ގޮތުގައި އެމްޓީވީ އެވޯޑުގައި ބައިވެރިވުމަކީ ގްލޯބަލް ކެރިއާއެއް ފެށުމުގެ ފުރަތަމަ ހަރުފަތް ކަމަށެވެ. އަދި މި ޝޯއަށް ދައުވަތު ލިބުމުން ފުރަތަމަ ވަރަށް ހައިރާންވި ކަމަށް ވެސް ދީޕިކާ ބުނެފައިވެ އެވެ.

މިއީ މިފަދަ އެވޯޑެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވާތީ އޭނާއާ ދޭތެރޭ އެހެން މީހުން އުންމީދު ކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށް ދީޕިކާ ބުނެފައިވެ އެވެ.