އިންޑިއާއިން ހަދިޔާކުރަނީ އޮކްސްފޯޑް ވެކްސިންގެ 100،000 ޑޯޒް
އިންޑިއާއިން ހަދިޔާކުރަނީ އޮކްސްފޯޑް ވެކްސިންގެ 100،000 ޑޯޒް

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރަނީ ކޮވިިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް އެސްޓްރާޒެކެނާ އިން އުފެއްދި ވެކްސިންގެ 100،000 ޑޯޒް ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ބޯޓުގައި "ކޮވިޝީލްޑް"ގެ 100،000 ޑޯޒާއެކު މިއަދު ރާއްޖެ އަންނާނެ ކަމަށެވެ. މިއީ އެ ގައުމުން ދޭ ހަދިޔާއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި އިންޑިއާ އިން ވެކްސިން ހަދިޔާކުރުމަކީ ކޮވިޑް ވައިރަސް ނައްތާލުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ފެށުމެވެ.

ސްރީ ލަންކާގެ ތަމަޅަ ޓައިގަރުން 1988 ވަނަ އަހަރު ރާއްޖެއަށް ދިން ހަމަލާ އާއި 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ އާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެން ކެނޑުމުގެ ކާރިސާ އަދި މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގައި ވެސް އިންޑިއާ އަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީވި އަދި ބަރޯސާވެވޭ ރަހުމަތްތެރިއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކި ގައުމުތަކުގައި ހުއްދަދީ މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން އުފައްދާ މައި ކާރުޚާނާ ހުންނަނީ އިންޑިއާގަ އެވެ. އެއީ ސީދާ އިންޑިއާގެ އުފެއްދުމެއް ނޫނެވެ.

މުޅި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓް އުފައްދާ އިންޑިއާ އިން އެ ގައުމުގެ އަމިއްލަ ވެކްސިނެއްގެ ގޮތުގައި ބާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ "ކޮވެކްސިން" އަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މި ވެކްސިނާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނުވާތީ އޭގެ ރައްކާތެރިކަމާ ބެހޭ ގޮތުން ތަޖުރިބާކާރުން އަންނަނީ ސުވާލު އުދައްދަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓްރީކުރަން ހުޅުވާލައިފަ އެވެ. ރާއްޖޭގައި ބޭނުންކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަބަދުވެސް ހުއްދަ ދެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ވެކްސިންތަކަށެވެ.

ރާއްޖެއިން އަމިއްލައަށް ހަރަދުކޮށްގެން ވެކްސިން ގެންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު އޭގެ ފަހުން އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެކަން ސާފުކުރަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ގުޅުމުން ވެސް ބުނީ އެކަމާ ގުޅޭ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.