20 ޖެނުއަރީ 2021 - 11:41

އެމްޑަބްލިއުއެސްސީގެ 25 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ލޯގޯއަށް ބަދަލުތަކެއް މިއަދު ގެނެސްފި އެވެ.

ފެން ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ އާ ލޯގޯ ތައާރަފުކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެމްޑަބްލިއުއެސްސީގެ ލޯގޯއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ލޯގޯގެ ކުލަ ގަދަ ކުރުމާއި ކުުންފުނީގެ ނަމުގެ ފޮންޓާއި ކުލަ ބަދަލުކުރުން ހިމެނެ އެވެ. އެ ކުންފުނީގެ ލޯގޯއަށް ބަދަލުތައް ގެނެސްފައިވަނީ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ލޯގޯއަށް ގެނައި ބަދަލުތަކަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި ޒަމާނީ ކުރިއެރުންތަކާ އެއްގޮތަށް ގެނައި ބަދަލުތަކެއް ކަމަށެވެ.
"މީގެ 25 އަހަރު ކުރިން މި ކުންފުނި ވުޖޫދަށް އައީ އޭރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން. ކުންފުނި އުފެދުނުތާ އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ގެއަކަށް ފެން ހޮޅި އަޅައި، އިސްކުރުން ފެން ދޫކުރަން ފެށި އަދި ޒަމާނީ ނަރުދަމާ ނިޒާމެއްގެ ހިދުމަތް ދޭން ފެށި،" ޝާހު ވިދާޅުވި އެވެ.
"މިއަދު ކުންފުނީގެ ލޯގޯއަށް މި ގެނައި ބަދަލަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލާއި ޒަމާނީ ކުރިއެރުންތަކަށް ޒަމާނީ ކުލަ ޖެހިގެން އައި ގޮތް ރަމްޒުކޮށްދޭ ލޯގޯއެއް."
އެމްޑަބްލިއުއެސްސީ އުފެދިގެން އައި އިރު އެ ކުންފުނިން އުފައްދަމުން އައީ ދުވާލަކު 3،900 ޓަނުގެ ފެނެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 30،043 ޓަނުގެ ފެން އެ ކުންފުނިން އުފައްދަ އެވެ.
އެ ކުންފުނިން ކުރިން ހިދުމަތް ދެމުން އައީ މާލޭގައި އެކަންޏެވެ. ނަމަވެސް ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި މާފުއްޓާއި ދުވާފަރާއި ކުޅުދުއްފުއްޓަށް އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށްފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ޝާހު ވަނީ އެ ކުންފުންޏަކީ ރައްޔިތުންނަށް ހިދުމަތް ދިނުުގައި ކާމިޔާބު ކުންފުންޏަކަށް ހަދައިދިދިނުމަށް މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.
އެމްޑަބްލިއުއެސްސީ އަކީ ދިވެހި ސަރުކާރުގެ 80 ޕަސެންޓް ހިއްސާ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.