ސާރާ އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖޭގައި
ސާރާ އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖޭގައި

މީގެ އަހަރެއް ކުރިން ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން އަނެއްކާ ވެސް ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު މި ފަހަރު ޗުއްޓީ ހޭދަކުރަނީ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ސާރާ، 25، އިންސްޓަގްރާމަށް ލާފައިވެ އެވެ.

ކުރިން ސާރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ މަންމަ އާއި ކޮއްކޮ އިބްރާހީމް އަލީ ޚާނާ އެކީ ކަމަށް ވިޔަސް އެ މީހުން މި ފަހަރުގެ ދަތުރުގައި ބައިވެރިވި ކަމެއް ނޭނގެ އެވެ.

ސާރާ ޗުއްޓީއަކަށް އައިސްފައި ވަނީ އިންޑިއާގެ ލޮކްޑައުންގެ ކުރިން ޝޫޓިން ފަށާފައި އޮތް ފިލްމު "އަތުރަންގީ ރޭ" ގެ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށް ފަހު އޭގެ މަސައްކަތް ވެސް މިދިޔަ މަހުގެ ތެރޭގައި ނިންމާލާފައި ވަނިކޮށެވެ. އުންމީދީ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވަރުން ދަވަންގެ "ކޫލީ ނަމްބަރު 1" އެވެ.

ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން އިއުލާންކުރި ވިކީ ކޯޝަލްގެ ސައިންސް ފިކްޝަން ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ބަތަލާގެ ރޯލު ވަނީ ސާރާ އަށް ހުށަހަޅައިފަ އެވެ.

ސާރާ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު އަމިއްލަ އަށް ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތާ އެކީ ކުޅުނު 2018 ގެ "ކޭދަރުނާތު" އިންނެވެ.