20 ޖެނުއަރީ 2021 - 07:47

އާދިއްތަ ދުވަހާ ގުޅޭ
ނުވަތަ ކައިވެނި ސަލާމަތްކުރުމަށް ޓަކައެވެ. ދީމާ ބޭނުން ނަމަ ދީމާއަށް ވެސް ގޮތްގޮތަށް އުޅެވުނީހެވެ. ލޯބިވާނެ މީހުންނާއި ރައްޓެހިވާނެ މީހުން ވެސް ވީހެވެ. އެހެނަސް، އެ ފަދަ މީހެއްގެ ފަރާތުން ދީމާ އަލަށް ހޯދާނީ ކޯޗެއް ހެއްޔެވެ؟ އެ ސުވާލާ އެކުގައި އެހެން ސުވާލެއް ވެސް ދީމާގެ ހިތުގައި އުފެދުނެވެ. އެހެން އަންހެނެއްގެ ފަރާތުން ޒިޔާން އަލަށް ހޯދާނީ ކޯޗެއް ހެއްޔެވެ؟ އެހެން ދިމާއަކަށް ޒިޔާން އެނބުރެން ޖެހުނީ ދީމާއަށް ކޮން ކަމެއް ނުކޮށްދެވިގެން ހެއްޔެވެ؟ އަމިއްލަ ހަޔާތާ މެދު ވިސްނަން ދީމާ އިން އިރު ޒިޔާން ވެސް އިނީ އެ ފަދަ ވިސްނުމެއްގައެވެ. ދެއަންބަށް މީހަކާ އިންނަން ދީމާ ހުއްދަ ދިން ވާހަކަ މަނާރަތު ގާތުގައި ބުނާ ހިތުން ޒިޔާނަކަށް ހަމަނޭވައެއް ނުލެވެއެވެ. ޒިޔާން ޔަގީންކުރާ ގޮތުގައި ޒިޔާނަށް ދެ އަނބިން ބެލޭނެއެވެ. އެކަކަށް ވެސް އުނިކަމެއް އަޔަކަ ނުދޭނެއެވެ. މައްސަލަ ހައްލުވީއެވެ. ދީމާއަކީ ޒިޔާން ހީކުރި ވަރަށް ވުރެ ދުރުވިސްނޭ އަންހެނެކެވެ.
މަގުމައްޗަށް ނުކުމެފައި ސައިކަލަށް އެރުމުގެ ކުރިން މަނާރަތަށް ޒިޔާން ގުޅިއެވެ. ހުނަރުވެރި މަނާރަތުގެ ދަންތުރައިގައި ޒިޔާން ހުރީ ވަރުގަދައަށް ހައްޔަރުވެފަައެވެ. އަންނަން ތައްޔާރުވަމުންދާ ތޫފާނުގެ ބާރު ވަޔާއި، އުސް ބާނިތަކާއި، ދުވެލި ބާރުވަމުން، އުފުލެމުން އަންނަ ބިޔަ ރާޅު ޒިޔާނަކަށް އޭރަކު ނުފެނެއެވެ. އެރޭ މަނާރަތު ހުރީ، އޭނާ ބުނި ގޮތުން ނަމަ އޮފީސް ކަމަކު ވިލިނގިލީގައެވެ. ޒިޔާން އަންނަން އުޅުމުން މަނާރަތު އިންކާރު ކުރި ނަމަވެސް، ޒިޔާނެއް ނުހުއްޓުވުނެވެ. ފެރީއަށް އަރައިގެން ވިލިނގިއްޔަށް ގޮސް ފުލުހުންގެ މަރުކަޒަށް ވަން އިރު، މަނާރަތު އެ ތާކު ނެތެވެ. ޒިޔާން ފޯނުކުރިއެވެ. މަނާރަތު ފޯނު ނެގީ އެތައް އިރެއް ކޮށްފައެވެ.
"ކޮންތާކު ތި އުޅެނީ؟" ޒިޔާން އެހިއެވެ. "އަހަރެން ވިލިނގިލީގައޭ މިހިރީ."
"އެކަމަކު ދެން ދޯ!" ޗޮކެއްކަނޑައިފައި މަނާރަތު ބުންޏެވެ. "ނާންނާށޭ ބުނީމަ ވެސް.. މާލެދާން މި ދަނީ. އާދޭ ފެރީއަށް."
ޒިޔާނާއި މަނާރަތު ބައްދަލުކުރީ ފެރީގިމަތައިންނެވެ. ތަންކޮޅެއް ދަން ގަޑިއެއްކަމުން ފެރީ ދަތުރުތަކާއި، ފުރާ މީހުން ވެސް މަދެވެ. ދެ މީހުން ގޮނޑީގައި އިށީނެވެ. ދެމެދުގައި ގާތް ގުޅުމެއް އޮންނަކަން، ދުރުން ބަލާ މީހަކަށް ނޭނގޭނެ ކަހަލަ ގޮތަކަށެވެ. މާ ދުރު ނޫން ހިސާބެއްގައި ސާމިޔާގެ ދެމަފިރިން ތިބި ތަން ޒިޔާނަށް ފެނުނެވެ. ސާމިޔާއަކީ ދީމާގެ ތިމާގެ މީހެކެވެ. ސާމިޔާއަކީ ދަންނަ މީހެއްކަން މަނާރަތަށް އެންގުމަށް ޓަކައި ޒިޔާން ހަނާއަޅައިލިއެވެ. ސާމިޔާއަށް ހިނިތުންވެލިއެވެ.
"އެއީ ކާކު؟" ހަމައެކަނި ޒިޔާނަށް އިވޭ ވަރަށް މަނާރަތު އެހިއެވެ.
"ވައިފްގެ ދައްތައެއް،" ޒިޔާން މަޑުމަޑުން ބުނެލިއެވެ. "މިހާރު އޮންނާނީ ވައިފަށް ފޮޓޯ ފޮނުވާ ނިމިފަ. އެކަމަކު އޯކޭވާނެ. ތީ އަހަރެންގެ ބޮހެއްނު. މަނާ ފޯނު ނަގައިގެން ކުޅެން ފަށާ! އަހަރެން ވެސް އިންނާނަން ފޯނާ ކުޅޭ ކަމަށް ހެދިގެން."
ދެ މީހުން ދެ ފޯނު ނެގިއެވެ. ވާހަކަދެއްކީ އެކަކު އަނެކަކަށް ނުބަލައި، މަޑުމަޑުންނެވެ.
"ކިހިނެއްވެގެންތަ ޒިޔާން ކުއްލިއަކަށް މި ގަޑީގަ ތެޅިގަނެގެން.." މަނާރަތަށް ބުނެވުނީ އެ ހިސާބަށެވެ.
"ހިނގާ އަހަރުމެން މެރީކުރަން." ޒިޔާން އިހުތިޔާރުކުރީ ކުރުމަގެވެ.
މަނާރަތުގެ އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. އެކަމަކު މަޑުމަޑުން ޒިޔާނަށް ބަލައިލިއެވެ.
"ހާދަ ފަސޭހައިން ތިހެން ތި ބުނެލީ." ހައިރާންވެފައި މަނާރަތު ބުންޏެވެ.
"އަހަންނަށް ހީވަނީ ވައިފަށް ކޮންމެވެސް ވަރަކަށް ޝައްކު ވެއްޖެހެން،" ޒިޔާން ބުންޏެވެ. "އޭނައަކަށް ނޭނގޭ ކަންނޭނގެ ކާކުކަމެއް، ކިހާ ދުވަހެއް ވެއްޖެ ކަމެއް. އެކަމަކު މިރޭ އޭނަ ބުނި އެއްޗަކުން އަހަންނަށް އެނގިއްޖެ އަހަރެން ދެއަންބަށް އިންނަން އޭނަ އޯކޭކަން."
"އަހަރެން އޯކޭއެއް ނޫނޭ!" އެހެން ބުނާކަށް މަނާރަތު ޖެހިލުމެއް ނުވިއެވެ.
ޒިޔާނަށް އިވުނީ ޒިޔާން އުންމީދުކުރި ޖަވާބެއް ނޫނެވެ. ޒިޔާން ހީކުރީ މަނާރަތު ހުންނާނީ ޒިޔާން އެހެން ނުބުނެގެން ކަމަށެވެ.
"އެކަމަކު ދީމާ ވަރިއެއް ނުކުރެވޭނެ!" ޒިޔާން މަޑުމަޑުން ބުނެލިއެވެ.
"އަހަރެން ނުބުނަމެއްނު ދީމާ ވަރިކުރާށެކޭ!" މަނާރަތު ތަންކޮޅެއް ތަފުސީލުކޮށް ކިޔައިދިނެވެ. "މައްސަލައަކީ ޒިޔާންގެ ވައިފެއް ނޫނޭ. މީހަކާ އިންނަން އަހަރެން ބޭނުން ނޫނީ. ޒިޔާނަށް އެނގޭނެ އަހަންނަކީ ހައުސްވައިފް ވެގެން ގޭގަ އިންނަ ޓައިޕްގެ މީހެއް ނޫންކަން. އަހަރެންގެ ލައިފް ސްޓޯރީ ޒިޔާނަށް އެނގެއެއްނު! އަހަރެން ބޭނުމީ ނީނދެ މިހެން އުޅެލަން. ޒިޔާނަށް ވެސް މާ ހެޑޭކް ފްރީއެއްނު!"
ޒިޔާނަކަށް އެ ގޮތް ކަމަކުނުދިޔައެވެ. ކައިވެނިކުރުމުން ސިއްރުސިއްރުން ކަންކަން ކުރާކަށް ނުޖެހޭނެއެވެ. މީހަކު އެއްޗެއް ބުނެފާނެތީ ހާސްވާކަށް ނުޖެހޭނެއެވެ.
"މިހެން އުޅުނީމައޭ ހެޑޭކް ބޮޑުވަނީ. އަހަރެންގެ ވައިފެއް އެބަހުއްޓޭ މަނާ!" ޒިޔާން ވިސްނައިދޭން މަސައްކަތް ކުރިއެވެ. "އަހަންނަކަށް އޭނަ ދުލެއް ނުކުރެވޭނެ. އަހަރުމެންނަށް ކުރެވޭ ކަމަކުން މަނާ ފަލީހަތް ވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟"
"އެއީ އަހަރެންގެ ކަމެއްނު! އެ ކަމާ ޒިޔާން ކީއްކުރަން ތި ވިސްނަނީ؟" މަނާރަތު ސުވާލުކުރިއެވެ. "އަހަރެން މި ބުނަނީ އަހަންނަށް މައްސަލައެއް ނެތޭ!"
މައްސަލަ އޮތީ ޒިޔާންގެއެވެ. މަނާރަތަށް ދެރައެއް ލިބޭކަށް ޒިޔާން ބޭނުމެއް ނޫނެވެ.
"ހިނގާ މެރީކުރަން. ޕްލީޒް!" ޒިޔާން އެދުނެވެ.
"ނޯ!" މަނާރަތު ދިނީ ކުރު ޖަވާބެކެވެ. "ނޯ! ނޯ! ތި ވާހަކަ ނޫން އެހެން ވާހަކައެއް ދައްކާ. އެހެންނޫނީ އަހަރެން މި ތާކު ނީންނާނަން."
ޒިޔާން ހަމަހިމޭންވިއެވެ. ކުރި ހުރިހާ އުންމީދެއް ފެނަށްވިއެވެ. އެ ރޭގަނޑު ފެރީއަކަށް އަރައިގެން ޒިޔާން އައީ އުފާވެރި ޚަބަރެއް ދީފައި އުފާވެރި ޖަވާބެއް ހިފައިގެން ގެއަށް ދާށެވެ. މާޔޫސްވާކަށް ނޫނެވެ. ޒިޔާންގެ ހިތް އުފައްދަމުން ގެންދިޔައީ އުނދަގޫ ސުވާލުތަކެކެވެ. މަނާރަތު އިންނަ ފެންވަރުގެ މީހަކަށް ޒިޔާން ނުވަނީ ހެއްޔެވެ؟ ޒިޔާން ދެކެ މަނާރަތު ލޯބިނުވަނީ ހެއްޔެވެ؟ މަނާރަތު އެހެން ލޯބިވެރިއެއް ގެންގުޅެނީ ހެއްޔެވެ؟ ވިސްނައިލުމެއް ނެތި، ދިމާއަށް އިންކާރުކުރުމުން ދޭހަވަނީ ޒިޔާނާ ނީންނަން މަނާރަތު މާ ކުރިން ވެސް ނިންމާފައިވާކަން ނޫން ހެއްޔެވެ؟ ޒިޔާނަކީ މަނާރަތު މުނިފޫހިފިލުވަން ގެންގުޅޭ ބުދެއް ހެއްޔެވެ؟
ލެބޯޓަރީ ތެރޭގައި ޒިޔާނާއި މަނާރަތުގެ ކުދިކުދި ދެބަސްވުންތައް އުފެދެން ފެށިއެވެ. މަނާރަތު މަނާކޮށްފައިވީ ނަމަވެސް، ކައިވެނީގެ ވާހަކަ ނުދައްކައެއް ޒިޔާނަކަށް ނުހުރެވެއެވެ. ކޮންމެ ވާހަކައެއް ވެސް ނިމެނީ ކައިވެންޏަށެވެ. އެއީ މަނާރަތު ގަޔާވާ ކަމަކަށް ނުވިއެވެ. މަނާރަތު ބޭނުންވަނީ ކައިވެނި ނުކޮށް ދެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާށެވެ. ޒިޔާނަކަށް އެ ކަމަކާ އެއްބަހެއް ނުވެވެއެވެ. އެއީ، ދެ މީހުންގެ މެދުގައި ހުރި އީމާންތެރިކަމުގެ ތަފާތެވެ. އެކަކަށް ގިބުލައެއް ނުފެނެއެވެ. އަނެކަކަށް ބައެއް ފަހަރު ގިބުލަ ފެނެއެވެ. އެކަކަށް އެއްވެސް ކަމެއްގައި ހައްދެއް ނެތެވެ. އަނެކަކަށް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮވެއެވެ. ކުރިން މަނާރަތާއި ޒިޔާން ދެބަސްވަނީ ދެ މީހުން އެކަނިވުމުންނެވެ. އެ ކަން މަޑުމަޑުން ބަދަލުވެ، މީހުންނަށް އިވޭ ހިސާބުގައި ވެސް މުރަނަ ރާގުތައް ދެމީހުންނަށް އިހުތިޔާރުކުރެވެން ފެށިއެވެ. އެހެން މުވައްޒަފުންނަށް އެ ކަން ފާހަގަވާން ފެށިއެވެ.
މަނާރަތަކީ ރީތި އަންހެނެކެވެ. ފިރިހެނުންގެ ހިތްދަމައިގަންނަ ކަހަލަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. މަނާރަތު ދޫކޮށްލަން ޒިޔާނަށް އުނދަގޫވަނީ ވެސް، މަނާރަތަށް ދޫދެވެނީ ވެސް އެހެންވެއެވެ. އަނެއްކޮޅުން ފިރިހެނުން ރުއްސަން، ފިރިހެނުންގެ ހިތްޖައްސަން މަނާރަތަށް އެނގެއެވެ. ފިރިހެނުން މުނިފޫހިފިލުވައިދިނުމަކީ މަނާރަތު ދަސްކޮށްފައިވާ ހާއްސަ ހުނަރެކެވެ. މަނާރަތުގެ ދަމާބާރުން ޒިޔާނަށް ސަލާމަތް ނުވެވުނީ އެހެންވެއެވެ.
ގަޑިން ރޭގަނޑު އެގާރަޖަހަނީއެވެ. ލެބޯޓަރީގައި އެކަނިމާއެކަނި މަސައްކަތްކުރަން ޒިޔާން އިންދައި މަނާރަތު ވަނެވެ.
"ބިޒީ؟" މަނާރަތު އެހިއެވެ.
"މަސައްކަތުގަ ބިޒީ ވީމައެއްނު އެހެން ކަންކަމާ ނުވިސްނޭނީ،" މައިކުރަސްކޯޕުގައި ލޯޖަހައިގެން އިން ޒިޔާން ބުންޏެވެ. "މަނާ ނިންމި ގޮތް އަހަންނަކަށް ކަމަކުނުދޭ! އަހަރެން ދައްކާ ވާހަކަ މަނާއަކަށް ކަމަކުނުދޭ!"
"އަނެއްކާ!" މަނާރަތު ހިތްހަމަނުޖެހިފައި ބުންޏެވެ. "ދެޓްސް ޓޫ މަޗް! މިހާރު މިއަދު ވެސް ދެ ފަހަރު ބުނެފިން ދެން ތި ވާހަކަ ނުދައްކަބަލާށޭ! މިހާރު ބޮލުގަރިއްސަން ފަށައިފި."
ޒިޔާން މައިކުރަސްކޯޕާ ދުރަށް ޖެހިލައި ގޮނޑީގައި ހަމަޖެހިލިއެވެ. މަނާރަތާ ދިމާއަށް ބަލައިލިއެވެ. ޔުނީފޯމުގައި ހުއްޓަސް، އެރެޔަކީ އާދަޔާހިލާފަށް މަނާރަތު ރީތިވެގެން ހުރި ރެޔެކެވެ. ހީވާ ކަހަލައެވެ. މަނާރަތު އެ ތަނަށް އައީ ޒިޔާނަށް ދެއްކޭށެވެ. ޒިޔާން ހައްލާށެވެ. ޒިޔާން ދޭން ބޭނުންވި ހަރުކަށި ޖަވާބު ވަގުތުން މަޑު ކަފަކޮޅަކަށް ބަދަލުވިއެވެ.
"މަނާއަކީ ލެބްގެ ބޮސް. ޔުނިޓް ހެޑް!" ވަރަށް އޯގާތެރި ރާގަކަށް ޒިޔާން ބުންޏެވެ. "އަހަރެން އެހެން ދިމާއަކަށް ބަދަލުކުރާކަށް މަނާއަކަށް އެއްވެސް އުނދަގުލެއް ނުވާނެ. އެ ކަން ކުރަންވީނު. އަހަރުމެން ފޭސްކުރާކަށް ނުޖެހޭނެ. ވާހަކަދައްކާކަށް ނުޖެހޭނެ. ހެޑޭކެއް ވެސް ނޯންނާނެ."
"އެހެނެއް ނެހެދޭނެ!" ގޮނޑިއެއްގައި އިށީންނަމުން މަނާރަތު ބުންޏެވެ. "މިހާރު ހުރިހާ ވެސް މީހަކީ ތިއެއްނު. ޒިޔާން ނެތި މިހާރު ޔުނިޓު ހިންގާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެ. ސީރިޔަސްކޮށް! ޒިޔާނަކަށް މި ތާކުން ނުދެވޭނެ. އެކަމަކު އަހަންނަކަށް މެރީއެއް ވެސް ނުކުރެވޭނެ. ޒިޔާން ކޮން ކަމަކާތަ ހާސްވަނީ؟ ބޭނުން ކަމެއް ބުނެބަލަ! ކޮންމެ ކަމެއް ބުންޏަސް އަހަރެން މިހިރީ ކޮށްދޭން."
ޒިޔާން ހިތަށްއެރިއެވެ. ދަނޑިވަޅުގެ ބޭނުން ކުރާނަމެވެ. ވާ ގޮތެއް އެނގިދާނެއެވެ.
"އަހަންނަށް ޕްރަމޯޝަނެއް ދޭންވީނު!" ޒިޔާން އެދުނެވެ.
"ތި ހުންނަނީ އަހަންނަށް ކޮށްދެވޭނެ ކަންތައް،" ޔަގީންކަމާ އެކުގައި މަނާރަތު ބުންޏެވެ. "މިއަދުގެ ޑޭޓް ނޯޓުކުރޭ! ދެން ހިނގާ ކޮފީއެއް ބޯލަން."
ޒިޔާން ހުރީ، މުލަކުގައި ހިނގި ހާދިސާ ތަކުރާރު ވިޔަ ނުދޭން އަޒުމުކަނޑައަޅައިގެންނެވެ. އެކަމަކު މަނާރަތު ހުރީ ދަނޑިވަޅަކަށް ބަލަބަލައެވެ. ހުޅުމާލޭގައި ރައްޓެއްސެއްގެ ޕާޓީއެއް އޮތް ދުވަހެކެވެ. އެ ތަނުގައި ތިބެގެން ދެއްކި ވާހަކައެއްގައި އުފެދުނު ދެބަސްވުމެއް ފިނިކުރަން ޒިޔާނާއި މަނާރަތު ބާބަކިޔު ސަރަހައްދަށް ދިޔައެވެ. އޭރު އިރު އޮއްސި އަނދިރިވެއްޖެއެވެ. އެއީ ދެ ނަމާދު ދޭތެރެޔޭ މި ބުނާ ވަގުތެވެ.
ނުނިމޭ