މާލެއިން 32 މީހުންނާ އެކު ކޮވިޑްގެ އިތުރު 51 ކޭސް
މާލެއިން 32 މީހުންނާ އެކު ކޮވިޑްގެ އިތުރު 51 ކޭސް

މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ކުރި 3،000 އަށް ވުރެ ގިނަ ޓެސްޓުން 51 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްފެއި ވަނީ 32 މީހުން ކަމަށެވެ. ރަށްރަށުން ދެ މީހަކު ޕޮޒިޓިވްވެފައިވާ އިރު ރިސޯޓުތަކުން 17 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

ޖުމްލަ 3،168 ޓެސްޓުން 51 މީހަކު ޕޮޒިޓިވްވުމުން، މިއީ 1.6 ޕަސެންޓުގެ ޕޮޒިޓިވިޓީ ރޭޓެކެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންނާ އެކު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 14،633 އަށް އެރީ އެވެ. އޭގެ ތެރެއިން 13،615 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 962 މީހުންނެވެ. ކޮވިޑް ޖެހިގެން 49 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑުން ރައްކާތެރިވާން އިންޑިއާ އިން ތައްޔާރުކުރަމުން އަންނަ ވެކްސިންތައް މާދަމާ ރާއްޖެއަށް ފޮނުވާނެ ކަމަށް އެ ގައުމުން ވަނީ މިއަދު އިއުލާންކޮށްފަ އެވެ. ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމަކަށް ވެސް މާދަމާ ވެކްސިން ފޮނުވާނެ ކަމަށް އިންޑިއާ އިން ބުންޏެވެ.