އަދާލަތު ޕާޓީގެ އިންތިހާބަށް ކުރިމަތިލާން އިތުރު ދެ ދުވަސް ދީފި
އަދާލަތު ޕާޓީގެ އިންތިހާބަށް ކުރިމަތިލާން އިތުރު ދެ ދުވަސް ދީފި

އަދާލަތު ޕާޓީގެ ރިއާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ކުރިމަތި ލެވޭނެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ފަހު، އެ މަގާމުތަކަށް ކުރިމަތިލާން އަލުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މިއަދު އަލުން މުއްދަތު އިތުރުކުތި މިއީ މުއްދަތު އިތުރުކުރާ ދެވަނަ ފަހަރެވެ. މުއްދަތު އެންމެ ފުރަތަމަ އިތުރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު، މިއަދުގެ ނިޔަލަށެވެ.

މިއަދު މުއްދަތު އިތުރުކުރީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ ގޮތަށެވެ.

އަދާލަތު ޕާޓީން ކުރިން ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ނަމަވެސް އިންތިހާބު ފަސްކުރާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ކުރިން އަދާލަތު ޕާޓިގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ އެންމެންނަށް މި އިންތިހާބުގައި ވޯޓު ލެވޭނެ އެވެ.

މި އިންތިހާބުގައި ވޯޓުލުން އޮންނާނީ އޮންލައިންކޮށް ކަމަށް އަދާލަތު ޕާޓީން ވަނީ ކުރިން ބުނެފަ އެވެ.