ރައީސްގެ އަމާޒާ ފުށުއަރާތީ އެލްއެންޖީ ގޭސް ސްޓޭޝަން މަޝްރޫއަށް ބަދަލު ގެންނަން އަންގަނީ
ރައީސްގެ އަމާޒާ ފުށުއަރާތީ އެލްއެންޖީ ގޭސް ސްޓޭޝަން މަޝްރޫއަށް ބަދަލު ގެންނަން އަންގަނީ

ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ސްޓޭޝަނެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކާބަން ނިއުޓްރަލް ލަނޑުދަނޑިތަކާ ފުށުއަރާ ކަމަކަށް ވާތީ މި މަޝްރޫއު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް އިސްލާހުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ނިންމައިފި އެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި އެލްއެންޖީ ސްޓޭޝަނެއް ރާއްޖޭގައި ހަދަނީ އެ ބޭންކުގެ އެހީގައި ސްރީ ލަންކާގައި ހަދާ އެލްއެންޑީ ސްޓޭޝަނަކުން ގޭސް ސަޕްލައިކުރާ ގޮތަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވި މި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކުރީ 2030 އަށް ކަނޑައަޅާފައިވާ ކާބަން ނިއުޓްރަލްވުމުގެ އަމާޒުތަކާ އެލްއެންޖީ ސްޓޭޝަނެއް ހެދުމާ ފުށުއަރާތީ، މިއީ ކުރުން އެކަށީގެންވާ ކަމެއްތޯ ބެލުމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ ކޮމިޓީގައި ވިދާޅުވީ ގޭސް ސްޓޭޝަން ހެދުމަކީ މިނިސްޓްރީ އާއި އޭޑީބީގެ ރޯޑް މެޕެއްގައި ހިމަނާފައިވާ ކަމަކަށް ވާއިރު އެއީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓް ޒީރޯ އެމިޝަން ގައުމަކަށް ހަދަން އިއުލާނުކުރުމުގެ ކުރީގެ ނިންމުމެއް ކަމަށެވެ. އޭރު ކަނޑައަޅާފައި ވަނީ ކާބަން އެމިޝަންސް 24 ޕަސެންޓުން ދަށްކުރަން ކަމަށާއި އޭޑީބީން އެކުލަވާލި ރޯޑް މެޕްގައި ބަޔާންކޮށްފައި ވަނީ ކާބަން އެމިޝަން 50 ޕަސެންޓު ދަށްކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ގޮތަށް ހިމެނީ، ކާބަން ނިއުޓްރަލް ވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭ ގޮތަށް އެ ޕްލޭން ބަދަލުކުރަން އޭޑީބީން އެއްބަސްވުމުން ކަމަށެވެ.

"ރިޕޯޓް ލޯންޗުކުރި އިރު ވެސް އަޅުގަނޑުމެން ފާހަގަކުރިން އެކަން [ފުށުއަރާކަން]، އަނެއްކާ އޭޑީބީން ވެސް އެއްބަސްވި ހަމަ އެ ބަދަލުތައް ގެނެސް، ރިވައިސްޑް ރިޕޯޓެއް ނެރުއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ވަކި ލަނޑުދަނޑިތަކެއް ކަނޑައެޅުއްވުމުގެ ކުރިން ވެސް ރާއްޖެ މަސައްކަތްކުރަމުން ދިޔައީ ތިމާވެއްޓާ ރައްޓެހިކޮށް ކަންތައް ކުރަން ވާއިރު މިފަދަ ރޯޑްމެޕެއް އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ލޯންޗުކުރުމުން ކޮމިޓީ މެންބަރުންގެ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ފެނަކަ އަދި ސްޓެލްކޯގެ އިތުރުން، އެހެން ތަންތަނުން ވެސް ތަޖުރިބާކާރުން ބައިވެރިވަޑައިގަތް މި ބައްދަލުވުމުގައި ނިންމީ 2030 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް ޕްލޭން އިސްލާހުކުރުމަށް އެންގުމަށެވެ.