ގިނައިން އެނާޖީ ޑްރިންކް ބުއި މީހަކަށް ހެޕަޓައިޓިސް ޖެހިއްޖެ
ގިނައިން އެނާޖީ ޑްރިންކް ބުއި މީހަކަށް ހެޕަޓައިޓިސް ޖެހިއްޖެ

ކޮންމެ ދުވަހަކު ވެސް ވަރަށް ގިނައިން އެނާޖީ ޑްރިންކް ބޮމުން ގެންދިޔަ ފިރިހެނަކު މުޅިން ރީނދޫވެ ހެޕަޓައިޓިސް ޖެހިއްޖެ އެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ފްލޮރިޑާ ކޮލެޖުގެ މެޑިކަލް ޓީމުން ލިޔެފައިވާ ގޮތުގައި އެނާޖީ ޑްރިންކާއި ސިއްހަތަށް ބޮޑެތި ގެއްލުންތައް ވުމާ ގުޅުންތަކެއް އެބަ ހުއްޓެވެ.

އުމުރުން 50 އަހަރުގެ އެމީހާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ކޮންމެ ދުވަހަކު މަދުވެގެން ފަސް ދަޅު އެނާޖީ ޑްރިންކް ބޮއެވެ. އެނާޖީ ޑްރިންކަށް އޭނާ ދެވިހިފީ ކޮންސްޓްރަކްޝަން މަސައްކަތްކުރާތީއާ އެކު ކަރުހިއްކުމާއި ވަރުބަލިކަން ފިލުވާލަން ބޮމުން ދިއުމުގެ ތެރޭގަ އެވެ.

އޭނާ އަށް ސިއްހީ މައްސަލަ ދިމާވީ ދުނިޔޭގެ މަޝްހޫރު އެނާޖީ ޑްރިންކްތައް އެހާ ގިނަ މިންވަރަކަށް ބޮމުން ދިޔަތާ ތިން ހަފުތާ ތެރޭގަ އެވެ.

އާއްމުކޮށް ވިއްކާ އެނާޖީ ޑްރިންކްގެ ކޮންމެ ދަޅެއްގައި ވިޓަމިން ބީ3 ނުވަތަ ނައަސިން 40 މިލިގްރާމް ހުރެ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފިރިހެނަކަށް ރެއަކާއި ދުވާލު އެންމެ ގިނައިން ވެސް ބޭނުންކުރެވޭނީ 17 މިލިގްރާމް ނައަސިން އެވެ. އަންހެނަކަށް 13 މިލިގްރާމެވެ. ނައަސިން ކައިގެން ވިހަވާނީ 500 މިލިގްރާމުން ކަމަށް ވިޔަސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ނައަސިން ހަށިގަނޑަށް ވަންނަ ނަމަ އޭގެ ނުރަނގަޅު އަސަރުތައް ކުރެ އެވެ.

މާ ގިނައިން އެނާޖީ ޑްރިންކް ބޮއިގެން ރީނދޫވި މީހާއަށް ވެސް ފުރަތަމަ ދިމާވި މައްސަލައަކީ ބަނޑުގައި ރިއްސުމެވެ. އޭގެ ފަހުން މޭ ނުބައިކޮށް ހޮޑުލެވޭ ގޮތް ވާން ފެށި އެވެ. އޭނާ ފުރަތަމަ ހީކުރީ އަރިދަފުސް ރޯގާ ޖެހުނީ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ހަންގަނޑަށް ރީނދޫ ކުލަ އަރަން ފެށި އެވެ. އެއީ ޖޯންޑިސްގެ ނިޝާނެކެވެ. އޭނާގެ ކުޑަކަމުދާ އެއްޗެތީގެ ކުލަ ކަޅަށް ބަދަލުވި އެވެ. ޑޮކްޓަރަށް ދައްކަން ނިންމީ އެހިސާބުންނެވެ.

އެކި ޓެސްޓްތަކަށް ފަހު ޑޮކްޓަރުން ބުނީ އޭނާގެ ލިވާ ވަރަށް ބޮޑަށް ހަލާކުވެ، ހެޕަޓައިޓީސް ޖެހިފައިވާ ކަމަށެވެ.

އާދަކޮށް ހެޕަޓައިޓިސް ސީ ޖެހެނީ ޖިންސީ ގުޅުމުގެ ތެރެއިންނާއި ލޭ އެޅުން ފަދަ ކަންތަކުންނެވެ. ނަމަވެސް އޭނާގެ އެފަދަ އެއްވެސް ކަމެއް، އެ މުއްދަތުގައި ކޮށްފައެއް ނުވެ އެވެ. އޭނާ ރަލެއް ނުވަތަ ސިނގިރޭޓެއް ވެސް ނުބޮ އެވެ. މަސްތުވާތަކެތި ބޭނުމެއް ނުކުރެ އެވެ. އެހެންކަމުން ލިވާ ހަލާކުވީ އެނާޖީ ޑްރިންކްގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ޓީމުން ގަބޫލުކުރެ އެވެ.

އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދީ މިހާރު ވަނީ ރަނގަޅުވެފަ އެވެ. އަދި އެނާޖީ ޑްރިންކްގެ ނުރައްކާ ޑޮކްޓަރުން ވަނީ އޭނާ އަށް ކިޔައިދީފަ އެވެ.

އެނާޖީ ޑްރިންކްގެ ވިޔަފާރި ފުޅާވަމުން ދާއިރު އެފަދަ ބުއިންތަކަށް ހޭލުންތެރިވާން ޖެހިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެ ބުއިންތަކުގައި އެކި ކަހަލަ ވިޓަމިންސް އާއި ނައަސިން ކަހަލަ މާއްދާތައް ގިނަ މިންވަރަކަށް އެކުލެވުމަކީ ހަށިގަނޑު ވިހަވާން މެދުވެރިވެދާނެ ސަބަބުތަކެއް ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެ އެވެ.

ނޮވެމްބަރު 2015 ގައި ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެނާޖީ ޑްރިންކްގެ 450 އެމްއެލްގެ އެންމެ ދަޅެއް، ސިއްހަތު ރަނގަޅު ޒުވާނަކު، އެންމެ ފަހަރަކު ބުއި ނަމަވެސް، ހިތުގެ ބަލިތަކުގެ ނުރައްކާ ކުރިމަތިވެދާނެ އެވެ. ސަބަބަކީ ލޭގެ ޕްރެޝަރަށާއި ސްޓްރެސް ހޯމޯންސްއަށް ކުރާ އަސަރުތަކެވެ.