19 ޖެނުއަރީ 2021 - 15:30

މިފްކޯގެ މަސް ފެކްޓަރީ ހުންނަ ޅ. ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއު، 113 މިލިއަން ރުފިޔާއަށް، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ އިންޑިއާގެ މާލީ އެހީތެރިކަމާ އެކު ފެލިވަރުގައި ކޯލްޑް ސްޓޯރެޖް ކެޕޭސިޓީ އިތުރުކުރަން ހިންގާ މަޝްރޫއުގެ ބައެކެވެ. ބަނދަރު ހަދާ ނިމުމުން އެތަނަށް މިހާރަށް ވުރެ ބޮޑެތި ބޯޓުފަހަރު ކައިރި ކުރެވޭ ގޮތަށް އެއްގަމު ތޮށި ވެސް ލާން ވަނީ ހަމަޖައްސައިފަ އެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުގެ ތެރޭގައި 218.9 މީޓަރުގެ ބޮޑު ހިލަ ޖެހުމާއި 574.6 މީޓަރުގެ ޝީޓް ފައިލް ޖެހުމާއި 264.8 މީޓަރުގެ ރިވެޓްމަންޓް ހެދުމާއި 2،466 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން ހިމެނެ އެވެ. ދެން އޮންނާނީ 179،780 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ފެލިވަރުގެ ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމަށެވެ. މި މަސައްކަތް ނިމުމުން މަސްވެރިކަމުގެ އިތުރު މަޝްރޫއުތަކެއް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަނެ ކިރުވޭނެ ނިޒާމެއް ގާއިމްވެފައި ނެތުން. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގެ ފެށުން މިއީ،" ޒަހާ ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެއް އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމަން އެމްޓީސީސީއާ ހަވާލުކުރިޔަސް ފައިސާ ދީ ހަލާސްކުރާނީ ހަތަރު އަހަރަށް ބަހާލައިގެން ކަމަށެވެ.