މާލެއަށް ފެން ދޫކުރަން ފެށިތާ 25 އަހަރު: ފުރަތަމަ ފެން ތަށި، އެ ކުއްޖާގެ އަތުން
މާލެއަށް ފެން ދޫކުރަން ފެށިތާ 25 އަހަރު: ފުރަތަމަ ފެން ތަށި، އެ ކުއްޖާގެ އަތުން

އެއީ ޖެނުއަރީ 20، 1996 އެވެ. އުމުރުން އެންމެ ނުވަ އަހަރުގެ ޝާނީ އާދަމް އުފާވެރި ހިތަކާ އެކު ގޭގައި ހުރީ ކެތްތެރިކަން ކުޑަވެފަ އެވެ. އޭނާއަށް، އޭގެ ކުރިން ދުވަހަކު ވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަމަ ލޮލުން ފެނިފައެއް ނުވެ އެވެ. އެކަމަކު އެ ދުވަހު، ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އައި، ޝާނީ ނަލަހެދިގެން ހުރީ ރާއްޖޭގެ ރައީސްއާ ބައްދަލުކުރާށެވެ. އޭނާގެ ގެ، މއ. ދޮންވެލި، ޚާއްސަކޮށްފައި އޮތީ އޭރަށް ބެއްޔަސް އަދި މިހާރު ވިސްނާލިޔަސް ރާއްޖޭގެ ތާރީޚުގެ ބޮޑު ދުވަހަކަށެވެ. މާލެއަށް ސާފު ބޯފެން ފޯރުކޮށްދޭން ސީދާ ގޭގެއަށް ގުޅާލި ހޮޅިތަކުން ފެން ދޫކުރުމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތެވެ.

މާލެއަށް ފެން ދޫކުރަން ފެށިތާ 25 އަހަރު: ފުރަތަމަ ފެން ތަށި، އެ ކުއްޖާގެ އަތުން
މާލެއަށް ފެން ދޫކުރަން ފެށިތާ 25 އަހަރު: ފުރަތަމަ ފެން ތަށި، އެ ކުއްޖާގެ އަތުން

ޝާނީ ލައިގެން ހުރީ އެ ހަފުލާއަށް ފެހި ޚާއްސަ ހެދުމެކެވެ. ގޭތެރޭގައި ކުލަ ލައި މުޅި ތަން ޒީނަތްތެރިކުރި އެވެ. ފެން އިސްކުރު ހުރީ، އަމީނީ މަގުން ގެޔަށް ވަންނަ ދޮރު ކައިރީގައި، މަގުމަތީ ފާރުގައި ހަރުކޮށްފަ އެވެ.
އަމީނީ މަގުން ދޮންވެލީގެ ކުރިމައްޗަށް ހުންނަނީ، ސާފު ބޯފެން ދޫކުރަން ސަރުކާރުން އުފެއްދި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އެވެ. އެތަނުގެ ބިއްދޮށުގައި ގާއިމްކުރި އާ ޑީސެލިނޭޝަން ޕްލާންޓް ބައްލަވާލައްވައި، އަދި ފެނުގެ މަޝްރޫއުގެ މައުލޫމާތު އަރުވަން އޮތް ރަސްމިއްޔާތަށް ފަހު، ރައީސް މައުމޫން ދޮންވެއްޔަށް ވަޑައިގަތް އިރު ޝާނީގެ އަތުގައި މާ ބޮނޑިއެއް ވެސް އޮތެވެ. ރައީސަށް އޭނާ އެ އެރުވި އެވެ. ރައީސް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.

މާލެއަށް ފެން ދޫކުރަން ފެށިތާ 25 އަހަރު: ފުރަތަމަ ފެން ތަށި، އެ ކުއްޖާގެ އަތުން
މާލެއަށް ފެން ދޫކުރަން ފެށިތާ 25 އަހަރު: ފުރަތަމަ ފެން ތަށި، އެ ކުއްޖާގެ އަތުން

"އޭރު ރައީސާ ބައްދަލުކުރުމަކީ އެއީ ވަރަށް ބޮޑު ކަމެއް. ފުރަތަމަ ފަހަރު ހަމަ ލޮލުން ފެނުނީ. ސަލާން ވެސް ކޮށްލީ އަލަށް،" މީގެ 25 އަހަރުގެ ކުރީގެ ހަނދާންތައް ކިޔައިދެމުން، ޝާނީ ބުންޏެވެ.

މިހާރު އޭނާގެ އުމުރުން 34 އަހަރެވެ. އެކަމަކު އެ ހަނދާންތައް ފޮހެލެވޭ ވަރަށް ވުރެ އެ ދުވަހުގެ މުހިންމުކަން ޝާނީ އާއި އޭނާގެ އާއިލާއަށް ވެސް ބޮޑެވެ.

މައުމޫން ވަޑައިގަތުމުން މާބޮނޑި އެރުވުމަށް ފަހު ދެން އޮތީ، ދުވަހުގެ އެންމެ ޚާއްސަ އަދި ރާއްޖޭގެ ވެރިރަށުގައި ދިރިއުޅޭ މީހުންނަށް ސާފު ފެން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތުގެ ފަހުގެ ނަތީޖާ އިފްތިތާހުކޮށް ދެއްވުމެވެ. ޕްރޮގްރާމް ރާވާފައި އޮތް ގޮތަށް ރައީސް މައުމޫން، ދޮންވެލީގެ ފެން އިސްކުރު އަނބުރާލެއްވި އެވެ. އޭރު އޭނާގެ މަންމަ އާބިދާ އިބްރާހިމްގެ އެހީތެރިކަމާ އެކު، ޝާނީ ހުރީ ޖަގެއް ދިއްކޮށްގެންނެވެ. ބިސްމިން ވިދާޅުވެ، ރައީސް އެ ޖަގަށް ފެންފޮދެއް އެޅުއްވުމަށް ފަހު އިސްކުރު ބާރުކުރެއްވި އެވެ.

އަނެއްކާވެސް މަންމަގެ އެހީއާ އެކު ޝާނީ، ސާފު ބިއްލޫރި ތައްޓަކަށް އެ ފެންފޮދު އަޅާލި އެވެ. ދެން މައުމޫނަށް އެރުވި އެވެ. އެ މަނިކުފާނު އެއިން ފެން ފޮދެއް ހިއްޕެވުމަށް ފަހު "ވަރަށް މީރު"އޭ ވިދާޅުވި ބަސްކޮޅު ޝާނީ އާއި އާބިދާގެ ހަނދާނުގައި އަދިވެސް އެބަ ހުއްޓެވެ.

"ވަރަށް އުފާވި އަސްލު އެހާ ބޮޑު ކަމެއްގައި ބައިވެރިވެވުނީތީ،" ޝާނީ ބުންޏެވެ.

"އަނެއްކާ އެންމެ ފުރަތަމަ ފެން ދޫކުރީ މިގެއިން. ވަރަށް ނުލިބޭނެ ފުރުސަތެއް މިއީ."

ފެން ލޮނުވުމާއި ނުބައި ވަސް ދުވުން ފަދަ ކަންކަމާ ހެދި މާލެ އޮތީ އޭރު ފެނަށް ޖެހިފަ އެވެ. އެހެންކަމުން ސާފު ފެން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން، އެޕްރީލް 1، 1995 ގައި، އުފެއްދި އެމްޑަބްލިޔުއެސްސީން މަސައްކަތް ކުރަމުން އައީ ވީހާވެސް އަވަހަކަށް މާލޭގެ ހުރިހާ ގެޔަކަށް ފެން ހޮޅި ލައި، ޚިދުމަތް ފަށާށެވެ. ދޮންވެލި ހިމެނުނީ، އެގޮތުން ފުރަތަމަ ފެން ހޮޅި ގުޅާލި 500 ގޭގެ ތެރޭގަ އެވެ. އެކަމަކު އެ ދުވަހު ފެން ދޫކުރީ އޭގެ ތެރެއިން 158 ގެޔަށެވެ. މިއީ ބޮޑު އަދި އެހާމެ މުހިންމު ޚިދުމަތެއްގެ ފެށުމެވެ.

ޖެނުއަރީ 20 ދިމާވީ ޝައުބާން 29، 1416 އާ އެވެ. އެ ދުވަހުގެ ރެއަކީ އެ އަހަރުގެ މުލަ ރޯދަ ވިލޭރެ އެވެ. އެހެންކަމުން އެމްޑަބްލިޔުއެސްސީ އާއި ސަރުކާރުގެ މަގުސަދަކަށް ވީ ރޯދަމަހާ ދިމާކޮށް، އެ ތާރީޚީ ޚިދުމަތް ފެށުމެވެ.

ދުވަހުގެ ޕްރޮގްރާމް ރާވާފައި އޮތީ އަސްލު ވަރަށް ރަނގަޅަށެވެ. އޭރު ޝާނީއަށް ހަމަ ލޮލުން ވެސް ފެނިފައި ނުވާ ރައީސުލްޖުމްހޫރިއްޔާ އެގެއަށް ވަޑައިގަތުމުގެ ދައުވަތު އެރުވީ ޝާނީގެ ބައްޕަ އާދަމް މަނިކު، މަޝްހޫރު ނަމުން ނަމަ މާދޫގޭ އާދަމް މަނިކެވެ. އެމްޑަބްލިޔުއެސްސީގައި އޮތް ރަސްމިއްޔާތު ނިމުމާ އެކު އާދަމް މަނިކު، މައުމޫންގެ އަރިހަށް ވަޑައިގަތެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑުގެ ގެޔަށް ވަޑައިގަތުމަށް ދައުވަތު އަރުވަމޭ،" އެ ދުވަހުގެ ހަނދާންތައް އާކުރައްވަމުން، އާދަމް މަނިކު ވިދާޅުވި އެވެ.

އެކަމަކު ކެބިނެޓްގެ ހުރިހާ މިނިސްޓަރުން އެގެއަށް ވަޑައިގެންފާނެ ކަމަކަށް އޭނާ ހިއެއްނުކުރައްވަ އެވެ. ފެނުގެ ޚިދުމަތް އިފްތިތާހުކުރެއްވުމަށް ފަހު ހެނދުނުގެ ސައިފޮދު ވެސް އޮތީ ދޮންވެލީގަ އެވެ. ސައިގެ ހުރިހާ ޚަރަދެއް ކުރީ އެމްޑަބްލިޔުއެސްސީންނެވެ.

"އަޅުގަނޑު ވަންނާނެ ޖާގަ ނެތީމާ ބޭރުގައި ހުރީ. އެކަމަކު މައުމޫން ވިދާޅުވެއްޖެ އެތެރެއަށް ވަންނާށޭ. އެހާ ގިނަ ބޭފުޅުން ވަޑައިގެންފާނެ ކަމަކަށް އަޅުގަނޑު ހިއެއްނުކުރަން،" އާދަމް މަނިކު ވިދާޅުވި އެވެ.

ފުރަތަމަ ފެން ދޫކުރާ ގެޔަކަށް ދޮންވެލި ކަނޑައެޅުމުގައި ސަބަބުތަކެއް ވެސް ހުއްޓެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އެއީ އެމްޑަބްލިޔުއެސްސީގެ ޕްލާންޓުން ފެން ގުޅި ފުރަތަމަ ގެއަށް ވެސް ވުމެވެ. އޭގެ އިތުރުން ފެން ދޫކުރުމުގެ ކުރިން ވާން ޖެހޭ ގިނަ ތައްޔާރީތަކެއްގައި، ޑެންމާކްގެ ޓީމަށް އެ ގޭގެ ދޮރު އަބަދުވެސް ހުޅުވާލައިފައި ހުރެ އެވެ.

"އެމީހުންނަށް މިގެ އަށް ކޮންމެ ގަޑިއަކު ވެސް ވަދެވޭނެ. ވަރަށް ގިނައިން ވަދެ، އިސްކުރުން ފެން ނަގައި، ފެނުގެ ސާފުކަމާ އެއްޗެހި ވެސް އެ މީހުން ބަލާނެ،" ޝާނީގެ އެއްބަނޑު އެއްބަފާ ބޭބެ އާދަމް ނިމާލް ބުންޏެވެ.

"އޭރު އަދި ގޭގެއަށް ފެނެއް ދުލެއް ނުކުރޭ. އެކަމަކު ޓެސްޓް ކުރަމުން ދިޔައީ."

ޝާނީ އާއި ނިމާލްގެ މަންމަ އާބިދާ އަކީ މާލޭގެ ފެނަށް އައި ބަދަލުތައް ތަޖުރިބާކުރެއްވި ބޭފުޅެކެވެ. މާލެ ފަޅު ހިއްކައިގެން ބެހި ގޯތިތަކުގެ ތެރޭގައި ހިމެނޭ ދޮންވެއްޔަށް ފިރިކަލުންނާ އެކު ދިރިއުޅުން ބަދަލުކުރެއްވުމުގެ ކުރިން އާބިދާ އުޅުއްވީ ހެންވޭރުގައި ހުންނަ އޭނާގެ އާއިލީ ގޭގަ އެވެ. ކުޑައިރާއި ޒުވާން އިރު، އެގޭގެ ވަޅުން ވެސް ފެން ނަގައި، ކައްކަން ބޭނުންކުރެ އެވެ. ބޮނީ، ކައިރި މިސްކިތްތަކުގެ ވަޅުން ފެން ގެެނެސްގެންނެވެ. އެހާ ވެސް އޭރު މާލޭގެ ވަޅު ފެނުގެ ތާޒާކަން ބޮޑުވެފައި މީރެވެ.

އެކަމަކު މާލޭގެ އާބާދީ ބޮޑުވުމާ އެކު ބޭނުންކުރާ ފެން ގިނަވުމުން މީރު ފެނުގެ ފަށަލަ ހުސްވެ، ލޮނަށް ވި އެވެ. ދޮންވެލި ހުންނަ ހިސާބުގަނޑުގެ ގޭގެއަށް ދިމާވީ ފެން ލޮނުވުމުގެ މައްސަލަ އެކަންޏެއް ނޫނެވެ: ކުނި އަޅައިގެން ހިއްކާފައި އޮތް ތަނަކަށް ވާތީ ފާ ވަސް ވެސް ގަދައީ އެވެ. އެހެންކަމުން އޭރު މާލޭ ބިމު އަޑީގެ ފެނަކީ ބޯން ވެސް، ފެން ވަރަން ވެސް ކަމުދާ އެއްޗަކަށް ނުވި އެވެ. އެކަމަކު މަޖުބޫރު ހާލަތުގެ ސަބަބުން ބޭނުންނުކޮށް ދެން ކުރެވޭނެ އެހެން ކަމެއް ވެސް ނެތެވެ.

އޭރުގެ ފެންވަރުން ފެނުގެ މައްސަލައަށް ހައްލެއް ލިބޭތޯ ސަރުކާރުން މަސައްކަތްކުރި އެވެ. އެގޮތުން 1986 ގައި ފެށި ނަރުދަމާ މަޝްރޫއު ތެރޭގައި ހިމެނުނު އަނެއް ބަޔަކީ މަސް މަހުން ދައްކައިގެން އަގު އަދާކުރާ ގޮތަށް ގޭގޭގައި ފެން ތާނގީ ހެދުމެވެ. ތިން ވަނަ ބައި ހާއްސަކުރީ ލޮނު ފެނަން ހަދައިގެން ހަމައެކަނި ބޯން ބޭނުންކުރަން ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާށެވެ. އެކަމަށްޓަކައި ދޮންވެލިގެ ކުރިމަތީގައި އޮތް ހުސް ބިން، މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިޔުއެސްއޭ) އަށް ދިނެވެ. އަދި އެ ބިމުގައި ކުޑަ ޕްލާންޓެއް ބެހެއްޓި އެވެ. ދޮންވެލިގޭ ކުރިމައްޗަށް ވާ ގޮތަށް، އަމީނީ މަގާ ހަމަ ޖެހިގެން ހެދި އުސް ތާނގި ވެގެންދިޔައީ، ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގެ އެންޓަނާ ދަނޑިތައް ނެގުމަށް ފަހު، އޭރު މާލޭގެ އެންމެ އުސް ތަނަށެވެ.

އެމްޑަބްލިޔުއެސްސީ އުފައްދައި، ފެނުގެ ހިދުމަތް ފެށެންދެން މާލޭގެ ފެނާއި ނަރުދަމާގެ ކަންކަން ބެލެހެއްޓީ އެމްޑަބްލިޔުއެސްއޭ އިންނެވެ.

އުސް ތާނގީގެ ތިރީގައި، މަގުމަތީ ފާރުގައި ފެން އިސްކުރު ބަރިއެއް ލި އެވެ. އެ އިސްކުރު ބަރިން ފެން ގެންދަން އަންހެން ވެރިން ބަނޑިޔާތައް ހިފައިގެން ނުކުމެ، ކިޔޫ ދަމާލަ އެވެ. ވާރޭ ނުވެހި ގިނަ ދުވަސްވެ، ގިނަ ގޭގެއިން ވާރޭ ފެން ހުސްވުމާ އެކު ކިޔޫ ދިގުވެ، ފެން ހޯދަން އުނދަގޫ ވެސް ވެ އެވެ.

އެ ހުރިހާ މަންޒަރެއް އާބިދާއަށް ފެނިވަޑައިގަތެވެ. އެހެންކަމުން އެއްވެސް ތަނަކަށް ނުގޮސް، ސީދާ ގެއިން ސާފު ފެން ލިބޭނެ އިންތިޒާމް ހަމަޖެހުމަކީ، އޭނާ ސިފަކުރެއްވި ގޮތުގައި، "ބޯ މަތީ ބަނޑިޔާ ބަހައްޓައިގެން ފެން އުފުލާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެ"ވެ.

"މީޓަރު ހަރުކޮށްގެން ފެން ލިބެން ފެށުމުން އަތުން ހޭދަވާ ވަރު އިތުރުވި ނަމަވެސް ވަރަށް ބޮޑު ފަސޭހައެއް މިއަދު ލިބިގެން މިދިޔައީ. ވަރަށް އުފާވި މަޝްރޫއު ފެށުމުން،" އޭރުގެ ނޫސް "ހަވީރު" ގައި އެޕްރީލް 20، 1996 ގައި ޖެހި ޚަބަރެއްގައި އާބިދާއަށް ހަވާލާދީ ލިއެފައިވެ އެވެ.

އޭނާގެ އެ ވާހަކަ އަކީ ތެދެއްކަން މާ ގިނަ ދުވަހެއް ނުވެ، މާލޭ ރައްޔިތުންނަށް އެނގި ކަށަވަރުވި އެވެ. ކުރިން ނުލިބޭ ފަދަ ސާފު އަދި ރައްކާތެރި ފެން، ކޮންމެ އާއިލާއަކަށް ލިބޭނެ މަގު އެމްޑަބްލިޔުއެސްސީން ތަނަވަސްކޮށްދިނެވެ.

ދޮންވެލި ވެސް، އެމްޑަބްލިޔުއެސްސީގެ އިމާރާތް ވެސް އަދި ވަށައިގެންވާ މުޅި މާހައުލު، މިދިއަ 25 އަހަރުގެ ތެރޭގައި ވަނީ ބަދަލުވެފަ އެވެ. މިއަދު ދޮންވެލިގެ އެހެރީ 10 ބުރިއަށް މައްޗަށް އަރައިފި އެވެ. ކުރީގެ އުސް ފެން ތާނގިއަށް ވުރެ އެމްޑަބްލިޔުއެސްސީގެ އޮފީސް އިމާރާތް މާ މައްޗަށް ދެމިލައިފި އެވެ. މިއީ އޭރު ހިތަށް ވެސް ނުގެނެވޭ ފަދަ ތަރައްގީތަކެވެ.

ފެނުގެ ޚިދުމަތަކީ އާންމު ދިރިއުޅުމުގެ ކުރިއެރުމާއި އާންމު ސިއްހަތުގެ ރައްކާތެރިކަމާ ގުޅިފައި އޮތް މުހިންމު ވަސީލަތެކެވެ. އެހެންކަމުން ރައްކާތެރި، ސާފު ފެން ލިބުމަކީ، އޭރު ވެސް އަދި މިހާރު ވެސް، އާންމު ދިރިއުޅުމަށް، އެމްޑަބްލިޔުއެސްސީން ގެެނެސްދިން ޒަމާނީ ތަރައްގީއެކެވެ. ޝާނީ ވެސް ގަބޫލުކުރަނީ އެހެންނެވެ.

"ވަރަށް ބޮޑު ތަރައްގީއެއް އިސްކުރު ބަރިތަކަށް ނުގޮސް، ގޭގައި ތިބެގެން ފެން ލިބުމަކީ،" ޝާނީ ބުންޏެވެ.

"އަޅުގަނޑު ވެސް ހަނދާން ހުރޭ ބަނޑިޔާ ހިފައިގެން އިސްކުރު ކައިރިއަށް ގޮސް ކިޔޫ ހަދާފައި އޮންނަ ތަން. އެއީ ބުރަ، ވަގުތު ވެސް ދާ ކަމެއް. ގޭގެއަށް ފެން ގުޅީމާ ދެން ލިބުނީ ވަރަށް ބޮޑު އެޑްވާންޓޭޖެއް."

ދޮންވެލިގެ އާއި ޝާނީއަކީ، އެމްޑަބްލިޔުއެސްސީގެ ތާރީޚުގެ އެއް ސަފުހާ އެވެ. އެ ގެއިން ފަށައިދިން ޚިދުމަތަށް މިއަދު މި ވަނީ ޖެނުއަރީ 20، 1996 އާ އަޅާބަލާއިރު، ބޮޑު ކުރިއެރުމެއް ވެސް ލިބިފަ އެވެ.

މިއީ އެމްޑަބްލިޔުއެސްސީގެ 25 އަހަރުގެ ތާރީހުގެ މައްޗަށް އެ ކުންފުނިން ތައްޔާރުކުރި "ރިހި 25" ފޮތުގައި ހިމެނޭ މަޒުމޫނެކެވެ. "މިހާރު"ގައި ޖަހާފައި މިވަނީ މި ނޫހުގެ ލިއުމުގެ ސްޓައިލަށް ފައްތަން އަލުން އެޑިޓްކޮށްފަ އެވެ.