10 މަސް ފަހުން ލަންކާ ހުޅުވާލަނީ، ގަވާއިދުތައް ހަރުކަށި
10 މަސް ފަހުން ލަންކާ ހުޅުވާލަނީ، ގަވާއިދުތައް ހަރުކަށި

ކޮލަމްބޯ (ޖެނުއަރީ 19) - ކޮވިޑް-19 ގެ ސަބަބުން ސްރީ ލަންކާގެ ބޯޑަރުތައް ބަންދުކުރިތާ 10 މަސް ދުވަސް ފަހުން އެ ގައުމުގެ ޓޫރިސްޓުންނަށް މި ހަފުތާގައި ހުޅުވާލާ ގޮތަށް ހަމަޖައްސައިފި އެވެ.

ލަންކާ ހުޅުވާލި ނަމަވެސް ޓޫރިސްޓުންނަށް ވަނީ ހަރުކަށި ޕްރޮޓޮކޯލްތަކެއް ހަމަޖައްސައިފަ އެވެ. ލަންކާގެ ބޯޑަރުތައް ހުޅުވާލަން ހަމަޖައްސާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ބޯޑަރު ހުޅުވާލަން ނިންމީ 2019 ވަނަ އަހަރުގެ އީސްޓާ ބޮމުގެ ހަމަލާ އަށް ފަހު އެ ގައުމުގެ ޓޫރިޒަމަށް ދިމާވި މައްސަލަތަކުން ސަލާމަތްވާން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

"ލަންކާ އަށް ޗުއްޓީ އަށް ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންވާނެ ހުރިހާ ފިޔަވަޅެއް ވާނީ އަޅާފައި،" ލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލަންކާ ސަރުކާރުން ބުނީ ޕައިލެޓް ޕްރޮޖެކްޓް ޓެސްޓް ކުރުމަށްޓަކައި މިދިޔަ މަހު ވަނީ ޔޫކްރޭނުން ޗާޓަރު ފްލައިޓްތަކެއްގައި 1،700 ޓޫރިސްޓުން ގެނެސްފައި ކަމަށެވެ.

ލަންކާ އިން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ޓޫރިސްޓުންނަށް ހުއްދަ ދީފައި ވަނީ 55 ހޮޓަލަކަށެވެ. އެ ތަންތަނުގައި ތިބޭއިރު ހޮޓަލުގެ ސްޓާފުން ނޫން ބަޔަކާ މުއާމަލާތެއް ނުކުރެވޭނެ އެވެ. ލަންކާ އަށް ދަތުރު ކުރުމުގެ ހަތަރު ދުވަސް ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ކޮންމެ ޓޫރިސްޓެއްގެ ވެސް އަތުގައި އޮންނަން ވާނެ އެވެ. ހަފުތާ އަކަށް ދަތުރު ކުރާ މީހެއް ނަމަ އިތުރު ދެ ޓެސްޓް ހަދަން ޖެހޭނެ އެވެ. ހަފުތާއަކަށް ވުރެ އިތުރުވާ ނަމަ ތިން ޓެސްޓް ހަދަން ޖެހޭނެ އެވެ.

އިންޝުއަރެންސްގެ ގޮތުގައި ކޮންމެ ޓޫރިސްޓަކު ވެސް 12 ޑޮލަރު ދައްކަން ޖެހެ އެވެ. އިންޝުއާ ކުރުމުން ކޮވިޑަ ކުޅޭ މެޑިކަލް ޚަރަދުތައް 50،000 ޑޮލަރާ ހަމައަށް ކަވަރުކޮށްދޭނެ އެވެ.

ލަންކާގައި ތިބޭ ފުރަތަމަ ދެ ހަފުތާގައި ޓޫރިސްޓުން އެކި މަންޒިލްތަކަށް ދަތުރުކުރާ ނަމަ ދެވޭނީ އެ ގައުމުގެ އޮފިޝަލުންނާ އެކު އެވެ. އެއްވެސް ޓޫރިސްޓަކު ޕޮޒިޓިވްވެއްޖެ ނަމަ (ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް) ހޮޓަލުގައި އެ މީހަކު ހުންނަ ކޮޓަރީގައި ކަރަންޓީން ކުރާނެ އެވެ. ބަލީގެ އަލާމާތްތައް ފެންނަ ނަމަ ހޮސްޕިޓަލަށް ގެންދާނެ އެވެ.

އިނގިރޭސި ވިލާތުގައި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަހު ހޭދަކޮށްފައި ލަންކާ އަށް ދަތުރުކުރާ ޓޫރިސްޓުން އެތެރެވުމުގެ ހުއްދައެއް ނުދޭނެ އެވެ. ޔޫކޭ އިން ފެނުނު އާ ވޭރިއަންޓާ ގުޅިގެން އެ ގައުމުގެ ފްލައިޓްތައް ވެސް ލަންކާ އަށް ޖެއްސުން ވަނީ މަނާކޮށްފަ އެވެ.

ލަންކާ އަށް ދަތުރުތައް ފަށާނީ ކޮން އެއާލައިންތަކަކުން ކަމެއް އެ ގައުމުގެ އޮފިޝަލުން ނުބުނެ އެވެ. ނަމަވެސް ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން މިހާރު ވެސް ދަނީ ރިޕާޓްރިއޭޝަން ފްލައިޓްތައް އޮޕަރޭޓް ކުރަމުންނެވެ. ގައުމީ އެއާލައިން، ސްރީލަންކަ އިން ވެސް ދޭތެރެ ދޭތެރެއިން ޝެޑިއުލް ދަތުރުތައް ކުރެ އެވެ.

އޮކްޓޯބަރު މަހުން ފެށިގެން ލަންކާގައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. މިހާތަނަށް އެ ގައުމުން ވަނީ 53،750 މީހުން ޕޮޒިޓިވްވެ 270 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 688 މީހުން ޕޮޒިޓިވްވެ ހަ މީހުން މަރުވެފަ އެވެ.