19 ޖެނުއަރީ 2021 - 11:51

އިޖާޒް ޚާން ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 އިން ވަގުތީ ގޮތުން ވަކިވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ އޭނާ ޝޯއިން ވަކިވެގެން ދިއުމުން ޝޯގެ ބައެއް ބައިވެރިން އެކަމާ ރޮއެފައިވެ އެވެ. އިޖާޒް ޝޯ އިން ދާން ނިންމުމަކީ ގިނަ ބައިވެރިންނަށް ލިބުނު ޝޮކެކެވެ. ސަބަބަކީ އޭނާ އަކީ މި ފަހަރުގެ ސީޒަން ފެށީއްސުރެ އެންމެ ގަދަކޮށް ހުރި އެކަކަށްވުމެވެ.
އިޖާޒަކީ އޮކްޓޯބަރު 3 ގައި "ބިގް ބޮސް 14" ފެށި އިރު އެންމެ ފުރަތަމަ ބިގް ބޮސްގެ ގެއަށް ވަން ބައިވެރިޔާ ވެސް މެ އެވެ. އޭނާ ބިގް ބޮސް ގެއިން ނުކުތީ، ކުރިން ހަމަޖެއްސި މުއްދަތަށް ވުރެ ޝޯ ދިގުލައިގެން ދިއުމުން، އޭނާ އެއްބަސްވެފައި ހުރި މަސައްކަތްތައް ނިންމަން ކޮންމެހެން ދާންޖެހޭތީ އެވެ. އެ މަސައްކަތްތައް ފުރިހަމަކޮށްފައި އެނބުރި އަންނާނެ އެވެ.
އިޖާޒް "ބިގް ބޮސް 14" އިން ވަކިވުމާ ގުޅިގެން އޭނާގެ ފޭނުންނާއި ޝޯ ފޮލޯކުރާ ބައެއް ސެލެބްރިޓީން ވެސް ވަނީ އެކަމާ ދެރަވާ ކަމަށް ބުނެފަ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އިޖާޒަކީ މި ފަހަރުގެ ސީޒަން ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބައިވެރިންގެ ލިސްޓްގެ ކުރީގައިި ހިމެނޭ މީހެކެވެ.
ބިގް ބޮސްގައި އިޖާޒް، 45، ހޭދަކުރި ދުވަސްތަކުގެ އުސްއަލިތަކުގެ ތެރޭގައި ޝޯގެ ބައިވެރިޔަކާ ރައްޓެހިވުމާއި ރުޅި ގަދަ ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވުން ހިމެނެ އެވެ. އަދި ޝޯގެ ތެރޭގައި އިޖާޒްގެ ވަރަށް ޒާތީ ވަރަށް ގިނަ ވާހަކަތަކެއް ވެސް ތިލަވެފައިވެ އެވެ. އޭގެ ތެރޭގައި ކައިވެންޏަކަށް ތައްޔާރުވަމުން ދަނިކޮށް ރޭޕްގެ ތުހުމަތެއްގައި ކައިވެނީގެ ފުރުސަތު ގެއްލުމާއި ކުޑައިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވުމާއި ކޮވިޑްގެ ލޮކްޑައުން ތެރޭގައި އެހީވާނެ މީހަކު ނެތިފައި ހުއްޓާ، "ވައިލްޑް ކާޑް" ގެ ދަށުން ދެ ފަހަރެއްގެ މަތިން ޝޯ އިން ފުރުސަތު ދިން ކަވީތާ ކޯޝިކްގެ ދެމަފިރިން އިޖާޒަށް ކައްކާފައި ކާން ދިން ވާހަކަތައް ހިމެނެ އެވެ.
"ބިގް ބޮސް 14" އިން ކަޓައިގެން ގޮސްފައިވާ ޕަވިތުރަ ޕުނިއާ އާއި އިޖާޒްގެ ލޯބީގެ ގުޅުމަކީ ބިގް ބޮސްގެ ތެރެއިން މި ފަހަރު އެންމެ ބޮޑަށް ފާހަގެކުރެވުނު އެއް ކަންތަކެވެ. ދާދި ފަހުން ބައިވެރިންނަށް އެ މީހުންގެ އާއިލާތަކާއި ހާއްސަ ބަޔަކާ ބައްދަލުކުރުމުގެ ފުރުސަތު ދިން އިރު، އިޖާޒާ ބައްދަލުކުރި އެކަކީ ޕަވިތުރާ އެވެ. އަދި އެ ބައްދަލުވުމުގައި ދެ މީހުން ވެސް ލޯބި ހާމަކޮށްފައިވެ އެވެ.
ޓީވީ ސިލްސިލާތަކާއި ފީޗާ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އިޖާޒް ޝޯ ދޫކޮށްލި އިރު މިހާރު "ބިގް ބޮސް 14" ފެށުނީއްސުރެ އެއް ވާނެއްގައި ހިފަހައްޓަމުން އަންނަ ބައިވެރިންނަކީ ރުބީނާ ދިލައިކާއި ފިރިމީހާ އަބިނާވް ޝުކްލާ އެވެ. ދެން ތިބި ބައިވެރިންނަށް ބަލާ އިރު ނިކީ ތަމްބޯލީ އާއި ރާހުލް ވައިދިއާ އަކީ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ދެ ފަހަރަކަށް ފުރުސަތު ލިބުނު ބައިވެރިންނެވެ. ރާހުލް ފާހަގަކުރެވުނީ އާއިލާ މަތިން ހަނދާންވާ ކަމަށް ބުނެ ޝޯ ދޫކޮށްލާފައި ގޮސް އަނެއްކާ އަލުން ގުޅުނު ބައިވެރިއަކަށެވެ.
މި ބައިވެރިންގެ އިތުރުން "ބިގް ބޮސް 14" ގައި މިހާރު ތިބި އަލީ ގޯނީ އާއި ސޮނާލީ ޕޯގަޓާއި އަރްޝީ ޚާނާއި ރާކީ ސާވަންތަކީ ވައިލްޑް ކާޑްގެ ދަށުން ގެއަށް ވަން ބައިވެރިންނެވެ. އަލީ އަކީ ދެ ފަހަރަށް ފުރުސަތު ލިބުނު ބައިވެރިއެކެވެ.
އިޖާޒް ގެއިން ނުކުތުމުން އެކު އެހެން ދެ ބައިވެރިޔަކު މިހާރު އަނެއްކާ ވެސް އިތުރުވެފައިވެ އެވެ. އެއީ މި ފަހަރު ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބުނު ވިކާސް ގުޕްތާ އެވެ. އޭނާ މި ފަހަރު އަލުން ޝޯއާ އަނެއްކާ ގުޅުނީ ބޭސް ފަރުވާއަކަށް ފަހު އެވެ. ކުރިން ޝޯއިން ބޭރުކޮށްލީ އަރްޝީ ޕޫލަށް ވައްޓާލި ހާދިސާގަ އެވެ.
ވިކާސްއާ އެކު "ބިގް ބޮސް 14" އަލަށް އައި ބައިވެރިޔަކީ ސީޒަން 13 ގައި ވާދަކުރި ޓީވީ ބަތަލާ ޑެވޮލީނާ ބަޓަޗަޖްރީ އެވެ.