ކުދިންގެ ހާޒިރީ ވަރަށް ރަނގަޅު، މިނިސްޓްރީ އަށް ބޮޑު ހިތްހަމަޖެހުމެއް
ކުދިންގެ ހާޒިރީ ވަރަށް ރަނގަޅު، މިނިސްޓްރީ އަށް ބޮޑު ހިތްހަމަޖެހުމެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު، ދިރާސީ އަހަރުގެ ކިޔެވުން ފެށި ފަހުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންގެ ހާޒިރީ ވަރަށް ރަނގަޅު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ، އަހަރެއްހާ ދުވަސް ފަހުން މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑަކަށް ކިޔަވައިދިން ފުރަތަމަ ހަފުތާގައި 80 ޕަސެންޓު ދަރިވަރުން ސްކޫލަށް ހާޒިރުވި ކަމަށެވެ. އެއީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައެއް ނުުވެ އެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ޑިސެމްބަރު 3 ގައި ފުރަތަމަ ޓާމަށް ބަންދުވުމާ ހަމައަށް ގްރޭޑު 1-12 ގެ ދަރިވަރުންނަށް ކިޔަވައިދީފައި ވެ އެވެ.

އެހެންވެ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަކީ މާލެ ސަރަހައްދުގައި ދަށު ގްރޭޑުތަކުގެ ދަރިވަރުންނާ ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.

ސްކޫލުތައް ހުޅުވި ފަހުން، މާލެ ސަރަހައްދުގެ ހަތަރު ސްކޫލެއްގެ ޓީޗަރުންނާއި ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެކަމަކު މިިނިސްޓްރީން ދޭ ޔަގީން ކަމަކީ ހަރުދަނާ ފިޔަވަޅުތަކާ އެކު، ދަރިވަރުންނަށް ސްކޫލުތައް ރައްކާތެރިވާނެ ކަމެވެ. އެއާއެކު، ބަލަންވީ ބަލި ޖެހުނު ތަނަށް ކަމަށާއި ސްކޫލުން މިހާތަނަށް ކްލަސްޓާއެއް ނުފެންނަ ކަމަކީ، އެ ތަންތަން ރައްކާތެރިކަމުގެ އެއް ހެކިކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މުޖާހިދު ވިދާޅުވިގޮތުގައި، މާލެ އަށް ވުރެ ރަށްރަށުގެ ސްކޫލުތަކުގެ ހާޒިރީ ރަނގަޅެވެ. މުޅި ރާއްޖޭގެ ސްކޫލު ހާޒިރީ 80 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ސްކޫލުތަކަށް ބެލެނިވެރިންނާއި ދަރިވަރުންގެ އިތުބާރު އޮތްކަން އެނގިގެން އެބަދޭ ސްކޫލުތަކުގެ އެޓެންޑެންސް އިން،" މުޖާހިދު ވިދާޅުވި އެވެ.

ކޮވިޑު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު، ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވައްދަނީ ހުން ބަލައި އަތް ސެނެޓައިޒް ކުރުމަށް ފަހު އެވެ. ކްލާސް ރޫމުގައި ދަރިވަރުން ތިބެނީ ވެސް ތިން ފޫޓު ދުރުގަ އެވެ. ސްކޫލުގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އަޅަން ވަނީ މަޖުބޫރު ވެސް ކޮށްފަ އެވެ.