ގަދަ ހަތަރަކާ އެކު ނިއު އާއި ފޭދޫ ގައުމީ މުބާރާތަށް
ގަދަ ހަތަރަކާ އެކު ނިއު އާއި ފޭދޫ ގައުމީ މުބާރާތަށް

ގައުމީ ފުޓްބޯޅަ މުބާރާތުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމާއި އެންމެ ފަހުގެ ރަނަރަޕް ނިއު ރޭޑިއަންޓް އަދި މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ސ. ފޭދޫ އަށް ފުރުސަތު ދޭން އެފްއޭއެމުން ނިންމައިފި އެވެ.

ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ އަށް ފުރުސަތު ދޭއިރު ނިއު އަށް ފުރުސަތު ދެނީ، އެންމެ ފަހުގެ ގައުމީ ޗެމްޕިއަން މާޒިޔާ އޮޓޮމެޓިކުން ކޮލިފައިވެފައިވާތީ އެވެ. އެހެންވެ އެފްއޭއެމުން ނިންމީ އެންމެ ފަހުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުން ނިއު އަށް ފުރުސަތު ދޭށެވެ. ފޭދޫ ޓީމަށް ފުރުސަތު ދެނީ މިނިވަން 50 މުބާރާތުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.

އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ އެފްއޭ ކަޕް ފައިނަލް މެޗަށް ފަހު ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕް ފަށާއިރު މުބާރާތް ކުރިއަށްދާނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ 66 ވަނަ ގައުމީ މުބާރާތުގައި މި ފަހަރު ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އަލަށް ވާދަކުރާއިރު މާޒިޔާ އަކީ އެންމެ ފަހުގެ ޗެމްޕިއަނެވެ. އަދި އީގަލްސް އަކީ 2014 ވަނަ އަހަރުގެ ރަނަރަޕް ޓީމެވެ. ދެން ވާދަކުރާ ޓީމުތަކުގެ ތެރެއިން ނިއު ވަނީ މުބާރާތުގެ ޗެމްޕިއަންކަން 11 ފަހަރު ހޯދައިފަ އެވެ. މުބާރާތުގެ ތަށި 1982 ވަނަ އަހަރު އެންމެ ފުރަތަމަ ހާސިލްކުރި ނިއު ވަނީ މުބާރާތުގެ ތަށި ވެސް މިލްކުކޮށްފަ އެވެ.

މިއީ ފޭދޫ ޓީމު ގައުމީ މުބާރާތުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ މުބާރާތެއްގައި ވެސް ވާދަކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު ފޭދޫއަށް ނިސްބަތްވާ ޑީއެންސީ ވަނީ 1970 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ޖޮއިން ޗެމްޕިއަންކަން ހޯދައިފަ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ތަށި ދެ ފަހަރު މިލްކުކޮށްފައިވާ ވިކްޓަރީ އަށް މި ފަހަރު ވެސް ފުރުސަތެއް ނުލިބެ އެވެ. މީގެ އިތުރުން މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ އަށް ވެސް، ގަދަ ހަތަރެެއްގައި ނުހިމެނޭތީ ފުރުސަތެއް ނެތެވެ.

ގައުމީ މުބާރާތް 2000 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ކުޅުނީ ދިވެހި ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ މުބާރާތް ކުޅުނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގަ އެވެ. އެގޮތަށް ބަދަލުކުރީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެ އެފްއޭ ކަޕް ބޭއްވެން ނެތުމުން ޓީމުތަކަށް އެކަށީގެންވާ މެޗު ފުރުސަތު ދިނުމުގެ ގޮތުންނެވެ. ގައުމީ މުބާރާތް 2000 ވަނަ އަހަރުގެ ކުރިން ކުޅެމުން އައި ދެ ބުރަކަށެވެ. އެއީ ލީގު ބުރާއި ގަދަ ހަތަރެއްގެ މެދުގައި ކުޅޭ ފައިނަލް ބުރެވެ.