19 ޖެނުއަރީ 2021 - 09:35

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި ލައްކައަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 50،611 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 46.3 ޕަސެންޓު ދަށް އަދަދެކެވެ. ކޮވިޑާ ގުޅިގެން ޓޫރިސްޓުންގެ ދަތުރުތައް ހުއްޓުމުގެ މަރުހަލާއާ ކުރިަމަތިވުމުގެ ކުރިން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 94،327 ޓޫރިސްޓުން އަ އެވެ.
ކޮވިޑާ އެކު ދުނިޔޭގެ ދަތުރުތަކަށް އައި ހުއްޓުމުން އަދިވެސް އަރައެއް ނުގަނެވެ އެވެ. އެހެންކަމުން ރާއްޖެއަށް ޓޫރިސްޓުން އައުމުގައި ވެސް ދަތިތައް ބޮޑެވެ. އަދި ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ޗައިނާއިން އަދި ޓޫރިސްޓުން އަންނާކަށް ނުފަށަ އެވެ.
މި މަހު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. ކޮވިޑްގެ ބަންދަށް ފަހު ޓޫރިޒަމް ހުޅުވާލި ފަހުން ރަޝިޔާގެ ޓޫރިސްޓުންގެ ބޮޑު ހިއްސާއެއް ރާއްޖޭގެ ޓޫރިޒަމުން ފެނެ އެވެ. މި މަހުގެ މިހާތަނަށް ރަޝިޔާ އިން 12،029 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ރަޝިޔާގެ ފަހަތުން ދެވަނާގައި އުޅެނީ އިންޑިއާ އެވެ. އެގޮތުން އިންޑިއާާ އިން މިހާތަނަށް 8،042 ޓޫރިސްޓުން އައިއިރު، 4،292 ޓޫރިސްޓުންނާ އެކު ޔުކްރެއިން އުޅެނީ ތިން ވަނާގަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ގާތްގަނޑަކަށް 3،000 ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އަދި އެވްރެޖުކޮށް ޓޫރިސްޓަކު ނުވަ ދުވަސް ރާއްޖޭގައި ހޭދަ ކުރެ އެވެ.