18 ޖެނުއަރީ 2021 - 18:53

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގައި ރޭންޑަމް ސާމްޕަލް ނަަގަން މާދަމާ ފަށާނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ އައްޑޫގައި ރޭންޑަމް ސާމްޕަލް ނެގުމުގައި އަމާޒުކުރާނީ ފެރީތަކުގައި މަސައްކަތްކުރާ މީހުންނާއި ފިހާރަތަކުގައި ސޭޓުންނަށް ކަމަށެވެ. އައްޑޫގައި ރެންޑަމް ސާމްޕަލް ނަގަން އެޗްޕީއޭއިން ނިންމީ ބެލެވޭ ގޮތުގައި ގއ. އަތޮޅުގެ ބައެއް ރަށްތަކާއި ލ. އަތޮޅުގެ ބައެއް ރަށްތަކުން ކޮވިޑްގެ ކޭސްތައް ފެނިފައި ވާތީ އެވެ.
ގއ. އަތޮޅުގައި ކޮވިޑްގެ ކޭސްތައް ފުރަތަމަ ފެނުނީ ދެއްވަދޫންނެވެ. މިދިޔަ މަހު 24 ގައި އެރަށުން ކޮވިޑްގެ ހަ ކޭސް ފެނުމުން އިތުރު މީހުން ޓެސްޓްކޮށް މިހައިތަނަށް އެރަށުގައި 54 މީހަކު ވަނީ އެ ބައްޔަަށް ޕޮޒިޓިވް ވެފަ އެވެ. އެރަށާ ގުޅިފައިވާ ކްލަސްޓާގެ ކޭސްތަކުގެ އަދަދު މިހާރު 60 އަށް ވުރެ ގިނަ އެވެ.
ދެއްވަދޫ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 200 އަށް ވުރެ ގިނަވެފައި ވާއިރު އޭގެ ތެރޭގައި ބަލީގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީގެ 100 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.
ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާލެއަށް ދަތުރުކުރާ މީހުން އެނބުރި ރަށްރަށަށް ދިއުމުން ކަރަންޓީނުކުރާ ގޮތަށް އޮންނާތީ، އަތޮޅުތަކުގެ ތެރޭގައި ކުރާ ދަތުރުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހުވަދު އަތޮޅުގެ ރަށްތަކުން އައްޑުއަށްް ކުރާ ދަތުރުތައް ވެސް އޮތީ އިތުރުވެފަ އެވެ.