18 ޖެނުއަރީ 2021 - 15:31

އައްޑޫގެ 300 މޭލަށް ވިރެ ބޭރުން ދަތުރުކުރި އާގު ބޯޓެއްގައި ހުރި އިންޑޮނީޝިއާ މީހަކަށް ދިމާވި ސިއްހީ މައްސަލައެއްގައި އައްޑުއަށް ގެންގޮސްފައި ވާއިރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
އައްޑޫ އިއުއެޓޯރިއަލް ހޮސްޕިޓަލްގެ ކަސްޓަމާ ރިލޭޝަން އޮފިސަރު ޝާފީ މުހައްމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބޭރު މީހާ އެ ހޮސްޕިޓަލަށް ގެނައީ މޭގައި ރިއްސާތީ އެވެ. ނަމަވެސް ޓެސްޓްތައް ހެދިއިރު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އުމުރުން 25 އަހަރުގެ އިންޑޮނީޝިއާ މީހާ އައްޑޫ އަށް ގެންދިޔައީ 311 ނޯޓިކަލް މޭލު ބޭރު ކަނޑުން ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ހުއްޓާ ކަމަށެވެ. އެ ބޯޓުން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އެހީތެރިކަމަށް އެދުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ހާލު ދެރަވި ކަމަށް ބުނި މީހާ އައްޑު އަށް ބާލަން ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު ރާއްޖެ ސަރަހައްދާ ކައިރިކޮށް ހޮސްޕިޓަަލަށް ގެންދިޔައީ 12:20 ގައި ކަމަށް އާޒިމް ވިދާޅުވި އެވެ.