18 ޖެނުއަރީ 2021 - 14:52

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕޭނުކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ކަމަށް ބުންޏަސް އެފަދަ މައްސަލައެއް ހުށަހަޅާފައި ވެސް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.
ސިވިލް ކޯޓުގެ ރެޖިސްޓްރާ އަބްދުލްސަލާމް ވިދާޅުވީ މިއަދު ކޯޓު ބަންދުވުމާ ހަމަ އަށް ވެސް އެފަދަ މައްސަލައެއް ކޯޓަށް ލިބިފައި ނެތް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މައްސަލަ ހުށަހެޅި ކަމަށް ބުނީ ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން ކައިރިއަށް ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ލީގަލް ޓީމުން މިއަދު މެންދުރު ގޮހެވެ.
ހުށަހެޅި މައްސަލަ ބަލައިނުގަތް ކަމަށް ބުންޏަސް ކޯޓަށް މައްސަލަ ހުށަހަޅާފައި ވެސް ނުވާ ކަމަށް ބުނާތީ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލުކުރުމުން ވިދާޅުވީ ކޯޓުން އެހެން ބުނަނީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މައްސަލަ ހުށަހެޅީ ލައިވްކޮށް ދެއްކި އިވެންޓެއްގައި ކަމަށާއި އެތަން އެންމެންނަށް ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ ކޯޓުން މި މައްސަލަ ބަލައި ނުގެންފި ނަމަ، ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަން މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.